ނޭކުރެންދޫ ކޯޓުގެ ގާޑަށް ބަޔަކު ހަމަލާތަކެއް ދީފި

ނޭކުރެންދޫ އަތިރިމަތީ: ސަން ފައިލް ފޮޓޯ

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓު ކޯޓުގެ ސެކިއުރީޓީ ގާޑަށް ބަޔަކު އެކި ކަހަލަ އަނިޔާތަކެއް ދީފި އެވެ.

ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ އާދަމް "ސަން"އަށް ވިދާޅުވީ ބަޔަކު އަނިިޔާތަކެއް ދީފައިވަނީ އުމުރުން 60 އަހަރުގެ މީހަކަށް ކަމަށެވެ.

އެމީހާއަށް ބަޔަކު ހަމަލާ ދީފައިވަނީ އޭނާ ޑިއުޓީއަށް ދިޔަ މަގުމަތީގައި ކަމަށާއި އޭރު ގަޑިން ގާތްގަނޑަކަށް މެންދަމު 12 ޖަހަން ކައިރިވާނެ ކަމަށް އަލީ އާދަމް ވިދާޅުވިއެވެ.

އެ މީހާގެ ފަޔަށާއި ބޮލަށ އެކި ކަހަލަ އަނިޔާ ލިބިފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ނޫންކަމަށާއި އޭނާއަށް ފަރުވާ ދެމުން ދަނީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް އަލީ އާދަމް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް