ކުޑަފަރީ ކައުންސިލްގެ ތިން ގޮނޑި އެމްޑީޕީއަށް ކަށަވަރުވެއްޖެ

ކައުންސިލް އިންތިހާބަށް ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެމްޑީޕީޏް ވަނީ އިންތިހާބުގެ ކުރިން ތިން ގޮނޑި ކަށަވަރުކޮށްފައި --- ފޮޓޯ: އެމްޑީޕީ

ނ. ކުޑަފަރީ ކައުންސިލުގެ ރައީސްގެ ގޮނޑިއާއެކު ތިން ގޮނޑި ވެރިކަން ކުރާ މައި، ޕާޓީ އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިިމަތިލުން ހަމަވެފައިވާއިރު، އެމްޑީޕީއަށް އެ ތިން ގޮނޑި ކަށަވަރުވީ އެ ތިން ގޮނޑިއަށް އެހެން ކެންޑިޑޭޓުން ވާދަ ނުކުރުމުގެ ސަބަބުންނެވެ.

އެގޮތުން ކަށަވަރުވީ ކައުންސިލްގެ ރައީސްގެ ގޮނޑި، އެ ރަށު ވާދީ އަލީ ޝަމީމަށެވެ. ދެން އެމްޑީޕީއަށް ކަށަވަރުވީ އެރަށު ކައުންސިލުން އަންހެނުންނަށް ހާއްސަކުރާ ދެ ގޮނޑިއެވެ. އިންތިހާބަކާ ނުލައި އެ ދެ ގޮނޑި ކާމިޔާބުކުރެއްވީ އެރަށު ލަންދޫގޭ ދިމްޝާ އަބްދުލްމަޖީދާއި އެރަށު މިލަދޫގޭ ހުމާމް އަބްދުއްރަހުމާނެވެ. އެމްޑީޕީގެ ފަރާތުން ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ޓިކެޓު މި ތިން ބޭފުޅުންނަށް ލިބިވަޑައިގަތީވެސް ޕްރައިމަރީއަކާ ނުލައެވެ.

ތިން ކެންޑީޑޭޓުން ހޮވޮފައިވާކަން ކުޑަފަރީ ކައުންސިލުގެ މިހާރުގެ ރައީސް ހަސަން މުހައްމަދުވެސް ވަނީ "ސަން" އަށް ޔަގީންކޮށްދީފައެވެ. އޭނާ ވިދާޅުވީ، އެ ތިން ގޮނޑިއަށް އެހެން ކެންޑިޑޭޓުން ކުރިމަތި ނުލި ނަމަވެސް އެނެއް ދެ ސްލޮޓަށް ތިން ކެންޑިޑޭތުން ކުރިމަތިލާފައިވާ ކަމަށެވެ.

ކުޑަފަރީ ކައުންސިލުގައި ހިމެނެނީ ޖުމްލަ ފަސް ކައުންސިލަރުންނެވެ. ތިންގޮނޑި އެމްޑީޕީއަށް ކަށަވަރުވުމާއެކު އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް މިހާރު މިވަނީ ލިބިފައެވެ.

އެހެންކަމުން ކުޑަފަރީ ކައުންސިލުގެ އިންތިހާބު ބާއްވާނީ އެ ކައުންސިލުގެ ދެ ގޮނޑިއަކަށެވެ. އެއީ އާންމުކޮށް އިންތިހާބުކުރާ ދެ ގޮނޑިއެކެވެ. ކައުންސިލުގެ ރައީސް ހަސަން މުހައްމަދު ވިދާޅުވީ އެ ދެ ގޮނޑިއަށް ކުރިމަތިލެއްވީ އެމްޑީޕީގެ ދެ މެމްބަރުން ކަމުގައިވާ އެރަށު ކަރަންކާވިލާ ނަސްރުﷲ އަބްދުއްރަހީމާއި އެރަށު ހިޔާވަހި މުހައްމަދު ފަހީމް، އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ނ. ކުޑަފަރީ އަތަމާ، އަލީ ހަސަނެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްޑީޕީއަށް ކުޑަފަރީ ކައުންސިލްގެ ތިން ގޮނޑި ޔަގީން ވުމާއެކު އެޕާޓީީގެ މެމްބަރުން ދަނީ މަރުހަބާ ކިޔަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ވޯޓުގެ ކުރިން އެމްޑީޕީން މެޖޯރިޓީ ކަށަވަރުކޮށްފި ކަމަށެވެ.

ބައެއް ކައުންސިލްތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރޭގައި އަދިވެސް އިންތިހާބަކަށް ނުދާނެ ދާއިރާތައް ހުންނާނެކަމަށް ބެލެވޭ އިރު، އެކަން ޔަގީންވާނީ އިންތިހާބަށް ވާދަކުރާ މީހުންގެ އެޕްލިކޭޝަން ފޯމުތައް އިލެކްޝަންސް ކޮމިޝަނުން އެންޓާކޮށް ނިމުމުންނެވެ.

comment ކޮމެންޓް