މަގޭ ވާހަކަ: ދަތުގެ ފަރުވާއިން ގިނަ ހިތްތަކެއްގެ އިތުބާރު

ދަތުގެ ފަރުވާ ހޯދުމަށް ޑރ. ޖިހާދު ޑެންޓަލް ކްލިނިކަށް ގޮސްފިނަމަ ލޮލުގއި އަޅައިގަންނާނެ އެންމެ މުހިންމު އެއްޗަކީ އެ ކްލިނިކުގެ ފަސްޓް ފްލޯގައި ހުންނަ "ޑެންޓަލް ޗެއާ"އެވެ. މިހާރު ބޭނުން ނުކުރާ ނަމަވެސް އެ ކްލިނިކުގެ ހަގީގީ ބިންގަލަކީ އެއީއެވެ. ދަތަށް އެންމެ އާދައިގެ އަދި ކުދިކުދި ފަރުވާތަކުން ފެށިގެން ބޮޑެތި ޑެންޓަލް ސާޖަރީތައްވެސް މިއަދު އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާ ޑރ. ޖިހާދުގެ ޚިދުމަތުގެ ފެށުމެވެ.

ޑރ. ޖިހާދުގެ ވާހަކަ ފަށަން ޖެހެނީ މީގެ 20 އަހަރުކުރިން އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުންނެވެ. ޕަބްލިކް ރިލޭޝަންސް ރިސެޕްޝަނުންނެވެ. އެއަށްފަހު ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރު ޑރ. އިމްތިޔާޒުގެ ޑެންޓަލް އެސިސްޓަންޓްކަމަށް އޭނާ ބަދަލުވިއެވެ.

ދަތުގެ ފަރުވާގެ ދާއިރާއިން ކުރިއަށް ދާކަށް އޭރު ޖިހާދު ޚިޔާލެއް ނުކުރައްވައެވެ--ޝައުގު ހުރީ ލޮލުގެ ފަރުވާދޭ ޑޮކްޓަރީކަމަށެވެ. ނަމަވެސް އޭރު ލިބުނު ފުރުސަތުގައި ދޫނުކޮށްލައި، އަދި ޑރ. އިމްތިޔާޒުގެ އިރުޝާދުގެ ދަށުން އަމިއްލަ ޚަރަދުގައި ޕާކިސްތާނަށް ޖިހާދު ވަޑައިގަތީ ޑެންޓިސްޓަކަށް ވެވަޑައިގަތުމަށެވެ.

ޑރ. ޖިހާދު ކިޔަވާ ވިދާޅުވާން ޕާކިސްތާނުގައި ހުންނެވި ދުވަސްތައް އޭނާ ސިފަކުރައްވަނީ ބުރަ، ދަތި ދުވަސްތަކެއްގެ ގޮތުގައެވެ. އާއިލާއާ ދުރުގައި ދުވަސްތައް ކަޑައްތުކުރައްވައި، ބޮޑެތި ތަކުލީފުތަކާ ކުރިމަތިލައްވަން ޖެހުނެވެ. އެކަނިވެރިކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވުނެވެ.

"ވަރަށް އައިސޮލޭޓެޑްވި. ދެމަސްވީތަނާ ކިޔެވުން ހުއްޓާލާފައި ވަރަށްބޮޑަށް މައިންބަފައިންނަށް ފޯސްކުރިން އެނބުރި ގެންދަން، އެކަމަކު މައިންބަފައިން ވަރަށް ނަސޭހަތްދިން ކެތްތެރިވުމަށް. އެ ނަސޭހަތް ގަބޫލުކުރެވުނީތީ މިއަދު ވަރަށް އުފާވޭ،" ޑރ. ޖިހާދު ވިދާޅުވިއެވެ.

އާއިލާގެ ފަރާތުން ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްތަކުންވެސް ލިބެމުން ދިޔަ ތަރުހީބާއި އެހީން ހިތްވަރުލިބި، ފަސް އަހަރު ދުވަސް ކިޔެވުމުގައި ހޭދަކުރައްވައި ޖިހާދު ރާއްޖެ ވަޑައިގަތީ ޑރ. ޖިހާދުގެ ގޮތުގައެވެ. ދެހާސް ހަވަނަ އަހަރު އައިޖީއެމްއެޗުގައި ޚިދުމަތް ފެއްޓެވިއެވެ.

ނަމަވެސް ސިކުނޑީގައި އަދިވެސް އޮތީ ކިޔަވަން އުޅުއްވި ދުވަސްވަރުގެ ހުވަފެންތަކެވެ. އަމިއްލަ ނަމުގައި ކްލިނިކެއް ހުޅުވައި، އާންމުންނަށް އެތަނުން ހިދުމަތްދޭން ފެށުމެވެ. އެ ހުވަފެނުގައި 2011 ވަނަ އަހަރު ކުލަ ޖެހުނެވެ. އެންމެ ޑެންޓަލް ގޮނޑިއެއްހައި ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް، ހަފްތާގެ ހަ ދުވަހު އެކަނި މާ އެކަނި މަސައްކަތް ކުރައްވަމުން ގެންދެވީ މިއަދު ބުރުޒުމަގުގައި އެ ހުރި ޑރ. ޖިހާދު ޑެންޓަލް ކްލިނިކު އުފެއްދުމަށެވެ.

ޖިހާދު އިސްކުރެއްވީ ކެތްތެރިކަމާއި ވިސްނުންތެރިކަމެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ވަޑައިގެންނެވި އަމިއްލަ މަސައްކަތުންނެވެ--އަމިއްލައަށް އެއްކުރެއްވި އެއްޗަކާއި ކްލިނިކުން ލިބުނު އާމްދަނީ އަދި ލޮބުވެތި އާއިލާގެ އެހީ ފިޔަވާ އިތުރު އެއްޗެއްގައި ނުވެސް ހިއްޕަވައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ގައުމުގައި ދަތުގެ ފަރުވާގެ އެންމެ އިތުބާރުހުރި ބްރޭންޑަށް އޭނާ ވެވަޑައިގަތުމެވެ.

"އެންމެ ހަނދާން ހުންނަނީ، އެންމެ ފުރަތަމަ ކްލިނިކް ހުޅުވައިގެން މަސައްކަތްކުރަން އަންނަންޖެހުނުއިރު، އަޅުގަނޑުގެ ފައި އިންޖަރީއެއްވެގެން ނުވެސް ހިނގޭ، ކޮއްކޮގެ އެހީތެރިކަމާއި އެކީގައި ކްލިނިކަށް އައިސް ގާތްގަނޑަކަށް ތިން ހަފްތާ އެގޮތަށް އުޅެންޖެހުނު" ޖިހާދު ވިދާޅުވިއެވެ.

ޑރ. ޖިހާދު ވިދާޅުވި ގޮތުގައި މިއަދު ރާއްޖޭގައި ޑެންޓަލް ފަރުވާގެ ދާއިރާ ވަރަށް ބޮޑަށް ކުރި އަރައިފިއެވެ.

"ކުރިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ދަތެއްގެ މައްސަލައެއް ޖެހިއްޖިއްޔާ ދަތަކީ އުފުރާލަންޖެހޭ އެއްޗެކޭ، އެކަމަކު މިހާރު ވަރަށް ގިނަމީހުންނަށް ގަބޫލުކުރެވެން ފަށައިފި، ދަތްތަކަކީވެސް އިންސާނާގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ޓްރީޓްމަންޓްދީގެން ރަނގަޅު ކުރެވިދާނެ އެއްޗެއްކަން."

ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެންބަރުކަންވެސް ދެ އަހަރު ކުރައްވާފައިވާ ޑރ. ޖިހާދުއާއި ބައްދަލުވެ، ވާހަކަ ދައްކާލެވުމުން އެނގިގެންދިޔައީ ތައުލީމު ހާސިލްކުރެއްވުމަށް ކުރެއްވި ބުރަ، ދިގު ދަތުރާއި، ގަދަ ހިތްވަރާއި އަޒުމާއި އެކީ އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމަށްޓަކައި ކުރެއްވި މަސައްކަތެވެ. އަދުގެ ޒުވާން ޖީލަށް މިއީ ހަމަގައިމުވެސް މިސާލެކެވެ.

comment ކޮމެންޓް