ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ބަލިކޮށް ވެލެންސިއާއިން ތަށި އުފުލާލައިފި

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވެލެންސިއާއިން އުފާފާޅު ކުރަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދެވަނަ ޑިވިޝަނުގައި ފައިނަލުގައި ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު ބަލިކޮށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވެލެންސިއާއިން ތަށި އުފުލާލައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ވާދަވެރި މެޗުގައި ސުޕަ ޔުނައިޓެޑް އަތުން ވެލެންސިއާ ކުރި ހޯދީ 1-3 ގެ ތަފާތަކުންނެވެ. އެއްވަނަ ޑިވިޝަނުގައި 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވެލެންސިއާއާއި ސުޕަ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިރޭ ފައިނަލުގައި ކުޅުނު ދެ ޓީމުވެސް މެޗަށް ނުކުތީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ޔަގީންކޮށްގެންނެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުން އެއްވަނަ ޑިވިޝަނުގައި އޮތް ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ. އެކަމަކު ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދިގުލައި ގޮސް އެ ދެ ކްލަބަށް ވާދަކުރެވޭވަރު ނުވީ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭގެ ފައިނަލުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ސުޕަ ޔުނައިޓެޑުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އާދަމް ނިޒާމްގެ ގޯލުން އެ ޓީމު ލީޑު ނަގާފައިވަނިކޮށް އެ ހާފު ނިމުމުގެ ކުރިން ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް އައިރީ ސަމުއެލް ޑެޑީ އެވެ.

ދެވަނަ ހާފު ފެށިގެން ވެލެންސިއާއިން ޓީމު އިތުރަށް ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ކުރިން މާޒިޔާއަށް ވެސް ކުޅުނު ހުސައިން ނިޔާޒް (ބޮކުރި) ގެ ހަލުވި ދުވުމުގެ ފައިދާ ނަގައި ގިނަ ބޯޅަތަކެއް ސުޕަޔުނައިޓެޑްގެ އޭރިއާ ތެރެއަށް ގިނަ ކުރި އިރު 50 ވަނަ މިނަޓުގައި ވެލެންސިއާއަށް ލީޑު ނަގައިދިނީ އަބްދުﷲ މިދުހަތު ފަހުމީ އެވެ. މިދުހަތު އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ސުޕަ ޔުނައިޓެޑުގެ ކީޕަރު އަބްދުﷲ ނާސިހް ކަޓުވާލުމަށްފަހު ހުސް ގޯލަށެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވެލެންސިއާއާއި ސުޕަ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ވެލެންސިއާގެ ގޯލާއެކު ކުޅުން ރަނގަޅުކޮށް ސުޕަޔުނައިޓެޑުން ގޯލެއް ޖެހުމަށް މަސައްކަތް ކުރި އެވެ. އެގޮތުން އެ ޓީމުގެ ކުޅުންތެރިއަކު ނަގައިދިން ހުރަހަކުން ނިޒާމް ބޮލުން ޖަހައި ގޯލުގެ ކަނަށް އަމާޒުކޮށްލި ބޯޅައެއް ވެލެންސިއާގެ ކީޕަރު މުހައްމަދު ޖަޒުލާން ވަނީ ދިފާއު ކޮށްފަ އެވެ.

ސުޕަ ޔުނައިޓެޑުން ހިތްވަރާ އެކު ކުޅެމުން ދަނިކޮށް އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑުވެގެން ދިޔައީ ސަމުއެލް އިތުރު ގޯލެއް ޖަހައި ވެލެންސިއާގެ ލީޑު ފުޅާ ކުރުމުންނެވެ.

މިފަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ވެލެންސިއާގެ މުހައްމަދު ޖަޒުލާން ހޮވުނު އިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސުޕަ ޔުނައިޓެޑުގެ އާދަމް ނިޒާމެވެ.

comment ކޮމެންޓް