ރައީސް ޔާމީނަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ، ހާލު ސީރިއަސް އެއް ނޫން!

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުﷲ ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަޖެންސީގައި އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ބުނެ ދެކެވޭ ވާހަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފިއެވެ.

ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސް ދައްކާފައި ވަނީ ހިތުގެ ޑޮކްޓަރަކަށެވެ.

ރައީސް ޔާމީންގެ ހާލު ސީރިއަސް ވެގެން މިއަދު މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދައްކަމުންނެވެ.

ނަމަވެސް ކަރެކްޝަންސް އިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން އިއްޔެ މާލެ ގެނައި ގޮތަށް ޓެސްޓުތަކެއް ހެދުމަށް އަދިވެސް ހުންނެވީ އައިޖީއެމްއެޗްގައި ކަމަށެވެ.

އަދި މިހާރު ވެސް ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެމަޖެންސީ ހާލަތުގައި ފަރުވާދޭ ވާހަކައަކީ ދޮގެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ، ފަސް އަހަރު ދުވަހަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހައިކޯޓްގައި ވަނީ ފަށައިފަ އެވެ.

ރައީސް ޔާމީން ވަނީ ސިއްހީ ހާލުކޮޅު ގޯސް ކަމަށް، ވިދާޅުވެ ހައިކޯޓުގައި ވެސް ޝަކުވާ އުފުއްލަވައިފައެވެ. އެގޮތުން އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހިތުގެ މައްސަލައެއް ނުވަތަ "އެނޮމަލީއެއް" ފެނިފައިވާ ކަމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދެނެގަންނަން ރާއްޖެއިން އިތުރަށް ހެދޭނެ ޓެސްޓުތައް ނެތްކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ. ދެން އިތުރު ޓެސްޓުތައް ހެދޭނީ ރާއްޖެއިން ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނަށް މައިބަދައިގެ ޑިސްކުގެ މައްސަލައެއް ޖެހިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ސާޖަރީއެއް ހަދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

comment ކޮމެންޓް