ހަމަލާގައި ދިވެހިންގެ ބައިވެރިވުން އޮތްކަމަށް ލަންކާއިން ކަށަވަރެއް ނުކޮށްދޭ: ޕޮލިސް

ސީޕީ ހަމީދު -- ސަން ފައިލް ފޮޓޯ

ސްރީލަންކާގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާތަކުގައި ދިވެއްސެއްގެ ބައިވެރިވުން އޮތް ކަން މިހާތަނަށް އެގައުމުގެ އެއްވެސް ކަމާބެހޭ އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ޓެރަރިޒަމް މަނާކުރާ ގާނޫނު ހަރުކަށިކޮށް، އެ ގާނޫނުގެ ދަށުން ހައްޔަރުކުރި 153 މީހުންގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ލަންކާ ނޫސްތަކާ ހަވާލާދީ މިއަދު ދިވެހި ބައެއް ނޫސްތަކުގައި ވެސް ވަނީ އެ ހަބަރު ޝާއިއުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާގައި މިއަދު އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައި ނުވާކަމަށް، އެގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ.

"އަދި 2019 އޭޕްރީލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުން އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާބެހޭ އިދާރާއަކުން މި ސާވިސް އަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ޓެރަރިޒަމް އާދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ގައުމީ ފެންވަރުގައި އާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހާ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނައާ ހަވާލާދީ ނިއުސް ފަސްޓުގައިވާ ގޮތުން އޭޕްރިލް 21ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނެ އެވެ.

ރޮހާނަ ވިދާޅުވި ގޮތުގައި އެ 216 މީހުންގެ ތެރެއިން 153 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުއްދަތު ޖަހާފައެވެ. އަދި އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެއެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި އެމީހުން ހައްޔަރުކޮށްފައިވާ މުއްދަތެއް އެ މީޑިއާތަކުން ހާމައެއް ނުކުރެއެވެ.

ރޮހާނަ ވިދާޅުވި ގޮތުގައި އެހަމަލާތައް ތަހުގީގު ކުރުމުގައި އިންޓަޕޯލް އާއި އެމެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުން ދަނީ އެހީވަމުންނެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުންވެސް ހިމެނުނެވެ.

އެ ހަމަލާތައް ދިނީ ޖިހާދީ ފިކުރުގެ ހަރުކަށި ދެ ޖަމާއަތް ކަމުގައިވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހީމް ގުޅިގެން، ބޭރުގެ އެހީ ހޯދައިގެންނެވެ. އަދި ހަމަލާގައި އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމްވެސް ވަނީ މަރުވެފައެވެ.

comment ކޮމެންޓް