ލިވަޕޫލް ސަޕޯޓަރުންގެ އިވެންޓަށް އެގާ ރާއްޖެ އައިސްފި

ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލެ އެގާ ---

ރާއްޖޭގެ ހަރަކާތްތެރިވާ އެންމެ ބޮޑު ބައިނަލް އަގުވާމީ ފޭން ކުލަބު ކަމަށްވާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބާއްވާ ހާއްސަ އިވެންޓަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ އައިސްފި އެވެ.

ޔޫރޮޕުގެ ޗެމްޕިއަން ލިވަޕޫލުގެ އޮފިޝަލް ފޭން ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެން ރާއްޖޭގައި ހިންގާ އޯއެލްއެސްސީ މެމްބަރު ކުލަބުން މިއަހަރަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ބޮޑު ހަރަކާތް ބޭއްވުމަށް ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން އަދި ޑެންމާކްގެ ކެޕްޓަންކަން ކުރި އެގާ ވަނީ މިއަދު ރާއްޖެ އައިސްފަ އެވެ.

އެގާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަން އެއާޕޯޓުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު އޭނާ މިވަގުތު ހުރީ ކަނޑިންމަ ރިޒޯޓުގަ އެވެ.

އެގާއާ އެކު އޯއެލްއެސްސީ މޯލްޑިވްސްއިން ބާއްވާ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ކުލަބުގެ ހާއްސަ ބައެއް މެންބަރުންނާއި ވީއައިޕީންނަށް ދައުވަތުދީގެން ބާއްވާ މި ހަރަކާތަކީ ރާއްޖޭގެ ކްލަބް ސަޕޯޓަރުންގެ ބަޔަކު އިސްވެ ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބާއްވާނެ ފުރަތަމަ އިވެންޓެވެ.

މި އިވެންޓުގައި އެގާއާ ސުވާލުކޮށް ވާހަކަ ހިއްސާކުރުމުގެ ފުރުސަތު ދައުވަތު ދީފައިވާ ފަރާތްތަކަށާއި މީޑިއާއަށް ދީފައިވާ އިރު ލިވަޕޫލުގެ އޮފިޝަލް ޗާންޓްސް (ލިވަޕޫލުގެ ލަވަ) ބޮޑުބެރުގެ ރަހައަކާ އެކު ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަށް އަހަރު ވަންދެން ލިވަޕޫލަށް ކުޅެ 175 މެޗު ކުޅެދީ ނުވަ ގޯލު ޖެހި އެގާ އަންނަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ލިވަޕޫލުގެ އެކި އެކި ޗެރިޓީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ލިވަޕޫލުގެ ލެޖެންޑުންގެ ޓީމަށް ކުޅުމާއި އެކި އެކި ގައުމުތަކުގައި ލިވަޕޫލުގެ ސަޕޯޓަރުން ބާއްވާ ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެވެ.

އޯއެލްސީއިން ދާދި ފަހުން އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީ އަށް ވަނީ 10،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި އެ ކުލަބުގެ އޮފިޝަލް މެމްބަރުންނަށް މާލޭގެ މަޝްހޫރު ކެފޭ ރެސްޓޯރެންޓެއް ކަމަށްވާ "ކުލަބް 360" އިން ޑިސްކައުންޓް ދޭން އެ ރެސްޓޯރަންޓުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް