މިހަފްތާ: އޯޑިއޯ ލީކުތަކާއި ތޮއްޔިބުގެ ޖެލަސީ

މުޅި ހަފްތާ ވެގެން ދިޔައީ އާންމުން ކަންބޮޑުވާ ފަދަ ކަމަކަށް ފަހު އިތުރު ކަމެއް ފެންމަތިވި ހަފްތާއެކެވެ. މިނިމަމް ވޭޖުގެ ބިލުން ފެށިގެން އޯޑިއޯތަކުގެ ލީކުގެ ވާހަކައެވެ. އަދި އޯޑިއޯއާ ގުޅިގެން ދިފާއުގައި ނިކުތް ފަރާތްތަކަށް ރައްދުވި ވާހަކަތަކެވެ. މިއީ މިހަފްތާގައި އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައިވާ ކަންތައްތަކެވެ.

މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯ ކްލިޕް އާއެކު އާންމުންގެ ނުރުހުން

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އާ ދެމެދު ދެކެވުނު ވާހަކަތެއް ކަމަށް ބުނެ ސޯޝައަލް މީޑިއާގައި ދަނީ އޯޑިއޯތަކެއް ދައުރު ކުރަމުންނެވެ. އެ އޯޑިއޯތަކުގެ ކެބިނެޓްގެ މިނިސްޓަރުންނާއި، އެ މިނިސްޓްރީތަކުން ކުރަމުން ދާ މަސައްކަތަށް ފާޑު ކިޔާފައިވެ އެވެ.

އެ އޯޑިއޯތަކާ ގުޅިގެން ކޮންމެއަކަސް ރައްޔިތުންގެ ރުޅި ވަނީ އިންތިހާއަށް ގަދަ ވެފައެވެ. އެކި ފަރާތްތަކުން ދަނީ މިނިސްޓަރު މަގާމުން ވަކި ކުރުމަށް ގޮވާލަމުންނެވެ.

އަދި އޯޑިއޯ ލީކު ކުރި މައްސަލައިގައިި މިނިސްޓަރުގެ ވާހަކަފުޅުތަކަށް ތަހުގީގު ހިންގުމަށްވެސް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.

މިނިސްޓަރުގެ ދިފާއުގައި، ތޮއްޔިބުގެ ''ޖެލަސީ''!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯގެ މައްސަލައިގައި އެންމެ ފުރަތަމަ ދިފާއުގައި ނިކުތީ، ސޯޝަލް މީޑިއާ އެކްޓިވިސްޓު ތޮއްޔިބު ޝަހީމެވެ.

ތޮއްޔިބަށް ޓުއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއް ދީފައިވާއިރު އޭނާއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން ރައްދުވެފައިވަނީ ތޮއްޔިބު ކޮށްފައިވާ ޓްވީޓަކާއެކުގައެވެ.

އެ ޓްވީޓާއެކު އެތައް ބައެއް ވަނީ ތޮއްޔިބު "ޖެލަސީ" ބޭނުންކޮށްފައިވާ ގޮތަށް ފާޑުކިޔާފައެވެ. އަދި ހަމަނުޖެހޭ ހާލަތްތަކުގައިވެސް އެތައް ބަޔަކު ވަނީ ޖެލަސީ ބޭނުންކޮށްފައެވެ.

އެކަމުގެ ރައްދަށް ތޮއްޔިބު އަނެއްކާވެސް އޭނާގެ ޓްވީޓު ދިފާއުކުރަން އުޅުމުން ގިނަ ބަޔަކު ފާޑު ކިޔަމުންދިޔަ ވަރު ވަނީ އިތުރުވެފައެވެ.

ޑރ. ބިލާލް ފިލިޕްސް ގެންނަން ބޭނުމެއް ނޫން!

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނެސް ދަރުސް ދިނުމަށް ޔޫތު މިނިސްޓްރީއިން ނިންމުމުން އެކަމާ ގުޅިގެން އާންމުންގެ ފަރާތުން އިވިގެން ދިޔައީ ނުރުހުމުގެ އަޑުތަކެވެ.

އެތައް ބައެއް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޑރ. ބިލާލްގެ ދަރުސަތަކުގެ ޓޯނަށް ބަލާފައެވެ.

ޒުވާނުންނަށް ދަރުސް ދޭން ޑރ. ފިލިޕްސް ގެންނާތީ ކަންބޮޑުވުން ފާޅު ކުރެއްވި އެކަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އޭނާ ވިދާޅުވީ، ޑރ. ފިލިޕްސް އަކީ ދީނީ ހައްދުފަހަނައަޅާފައިވާ ފިކުރު ފަތުރާ ކަމަށް ގިނަ ގައުމުތަކުން ދެކޭ މީހެއް ކަމަށެވެ.

އިމްތިޔާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲއާއި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް، ޑރ. ބިލާލް ފިލިޕްސް ގެނައުމާ ދެކޮޅަށް ޓްވީޓުކުރެއްވިއެވެ. ބައެއް އާންމުންގެ ހިޔާލުވެސް އެކަމާ ގުޅޭގޮތުން ހުރީ އެފަދަ ގޮތަކަށެވެ.

ނަމަވެސް ދީނީ އިލްމުވެރިޔަކު ގެނައުމާ ދެކޮޅަށް ޚިޔާލު ފާޅުކުރި މީހުންނާ، "ލާދީނީ" ފަދަ ޓެގުތަކާއި ނުރުހުމުގެ ބަސްތައްވެސް އަމާޒުވަމުން ދިޔައެވެ.

comment ކޮމެންޓް