ސީޕްލޭން ޓާމިނަލް ދޫކުރަން ވަކި އަގެއް ކަނޑައެޅި ވާހަކަ ސައީދު ދޮގުކުރައްވައިފި

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް އެޅުމަށް ބިން ހިއްކުމުގެ މަަސައްކަތް މިނިސްޓަރު މުހައްމަދު ސައީދު ފައްޓަވައިދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދިނުމަށް އަދި ވަކި އަގަކަށް ކުއްޔަށް ދޭންވެސް ކުރީ ސަރުކާރުން ނިންމާފައި ނުވާނެކަމަށް ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގެ ބަހުސް ހޫނުވެފައިވާއިރު، މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގަން ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށް ދޭނެ ކަމުގެ ޔަގީންކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވާ ސައީދު މިއަދު ވިދާޅުވީ ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދޭކަށް، ވަކި އަގަކަށް ކުލި ކުރާކަށް އަދި ވަކިގޮތަކަށް އޮޕަރޭޓް ކުރާކަށް ކުރީ ސަރުކާރުން އެއާޕޯޓަށް [އެމްއޭސީއެލް] އަދި ވަކިފަރާތަކަށްވެސް އަންގާފައި ނުވާ ކަމަށެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ނިންމާފައި އޮތީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް ޓީއެމްއޭއަށް އާ ޓާމިނަލް ހިންގަން ދޭން ކަމަށެވެ. އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް އެކަމަށް ރުހުން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އޭރު ކުރެވުނު މުއާމަލާތްތަކުގައި އެގްރީމަންޓެއް ހެދިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިކަމުގައި ބަދަލު ހޯދުމަށް ޓީއެމްއޭއިން އެ މައްސަލަ އާބިޓްރޭޝަނަށް ދިޔުމުގެ އެއްވެސް ގްރައުންޑެއް ނެތް ކަމަށް ދެކޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކުރީ ސަރުކާރުގައި އެމްއޭސީއެލްގެ ބޯޑުން ޓީއެމްއޭއާއެކު މަޝްވަރާ ކޮށްފައިވަނީ 15 އަހަރަށް އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ އޮތްގޮތަށް ބަލާއިރު، އާ ސިޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭއާއި ހަވާލު ކުރާނެކަމަށް ބުނެ އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ދެމެދު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް ފިނޭންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ގޮތް އާންމުކޮށްފައެވެ. އެގޮތުން އެގޮތުން ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް ބިން ދޫކޮށްފައިވާ އަގަށް އާ ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު، މިހާރުވެސް ބިން ދީފައިވާ އަގު ކަމަށްވާ 10.35 ޑޮލަރަށް ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ދޫކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އިން ބުނީ ދެ އަހަރަށް ފަހު ވާދަވެރި ބިޑު އުސޫލުން ޓާމިނަލްއިން ޖާގަ ދޫކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ މި ނިންމުން އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށްގެންވިޔަސް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ.

އަލަށް ހަދާ ސީޕްލޭން ޓާމިނަލް އާއި ގުޅޭގޮތުން ސަރުކާރުން ނިންމި ނިންމުން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނިންމާފައިވާއިރު މި މައްސަލައިގެ ޖިނާއީ ތަހުގީގެއް އޭސީސީއިން ދަނީ ކުރަމުންނެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލަ ހޫނުވެފައިވަނިކޮށް އިދިކޮޅުން ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ވަކި ބަޔަކު ހިންގާގޮތަށް، ވަކި އަގެއް ކަނޑައަޅާ، ވަކި ގޮތަކަށް އެކަން ކުރުމަށް ކުރީ ސަރުކާރުން އެމްއޭސީއެލް އަށް އިރުޝާދު ދީފައި ނުވާނެ ކަމަށެވެ.

comment ކޮމެންޓް