ރާއްޖޭގައި ކޮވިޑް 19 އަށް ޓެސްޓުކުރެވޭ ގޮތް ހަދައިފި

ފެބްރުއަރީ 20، 2020: ކޮވިޑް-19 ޓެސްޓްކިޓްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ / އަހްމަދު ސައީދު

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހަދައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް 19 އަށް ޓެސްޓުކުރެވޭ ކިޓުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

އެ ކިޓްތައް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ. އަދި އެ ކިޓްތަކާ ހަވާލުވެެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ އެ ކިޓްތަކާއެކު ކޮވިޑް 19 އަށް އައިޖީއެމްއެޗްގައި 1000 މީހުންނަށް ޓެސްޓު ކުރެވޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ މިއަދު ލިބުނު ކިޓްތަކާއެކު ކޮވިޑް 19 އަށް އައިޖީއެމްއެޗްގައި ޔަގީންކަމާއެކު ޓެސްޓު ކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އެ ޓެސްޓުތައް ހަދަން ފޮނުވަނީ އިންޑިއާއަށެވެ އަދި ޓެސްޓުތަކުގެ ނަތީޖާ ލިބެން އެތަކެއް ދުވަހެއް ނަގައެވެ. އެހެން ނަމަވެސް ދެން ނަތީޖާ ލިބެން ނަގާނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެކަމަށް ސަލީމް ވިދާޅުވިއެވެ.

ޓެސްޓުކިޓް ތަކާއެކު ކޮވިޑް 19 ފެތުރިދާނެ ހާލަތެއްގައި ބޭނުންކުރާނެ ޕްރޮޓެކްޓިކް ފުލް ގިޔަރު ހިމެނޭތަކެތިވެސް ޑަބްލިއުއެޗްއޯއިން ވަނީ ހަދިޔާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ވައިރަސްއަށް ޓެސްޓުކުރި އަދި ކަރަންޓީނުކުރި އެއްވެސް މީހެއް ޕޮޒިޓިވްވެފައެއް ނުވެއެވެ.

comment ކޮމެންޓް