ހުސޭނުބެ ރަހީނު ކުރި މައްސަލަ: ލަތީފުގެ ހުކުމާ މެދު ހައިކޯޓުން ގޮތެއް ނިންމަނީ

ހުސޭނުބެ މަރާލި މައްސަލައިގައި އުމުރު ދުވަހަށް ޖަލަށްލި މުހައްމަދު ލަތީފު (ވ) ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ފަހު ކަރެކްޝަންސްގެ ވެހިކަލަށް އަރުވަނީ -- ސަން ފޮޓޯ

ދެހާސް ދިހަވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަހީނުކުރި މައްސަލައިގައި އުމުރަށް ޖަލަށްލާން ހުކުމް ކުރި ހއ. ހޯރަފުށީ، ޅޮހީގޭ، މުހައްމަދު ލަތީފުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިިފިއެވެ.

ހުސޭނުބެ ރަހީނު ކުރި މައްސަލައިގައި ފުލުހުން ތުހުމަތު ކުރީ ފަސް މީހަކަށެވެ. އޭގެ ތެރެއިން، ދެ މީހުންނާ ދެކޮޅަށް ހެކި ނެތުމުން ދައުވާކޮށްފައި ނުވެއެވެ. ދައުވާ ކުރީ ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ ލަތީފްގެ އިތުރުން ހއ. ހޯރަފުށީ އުންމީދީ މަންޒިލް، އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ، ނުއުމާން އަބްދުﷲގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލައިގައި ޖަލަށްލި އަހުމަދު އިބްރާހިމްގެ ހުކުމް މީގެ ކުރިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އޭނާގެ ހުކުމް ދަމަހައްޓަން ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހުކުމް ކުރި ތިން މީހުންގެ ތެރެއިން ލަތީފުވެސް ވަނީ އޭނާގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ މީގެ ކުރިން އޮތީ އަޑުއެހުންތައް ނިންމާލައިފައެވެ. އެ މައްސަލަ އެންމެ ފުރަތަމަ ހައިކޯޓުގައި ބެއްލެވީ ގާޒީ ހަސަން އަލީއާއި، ގާޒީ ޝުޖާއު އުސްމާނާއި، ގާޒީ މުހައްމަދު ނިޔާޒެވެ. ގާޒީ ހަސަން އަލީ ސަސްޕެންޑުކޮށްފައި ހުރުމުން އޭނާގެ ބަދަލުގައި ގާޒީހި ޝުއައިބު ހުސެއިން ޒަކަރިއްޔާ ބެންޗުގައި މަނައި، އެކަމާ ގުޅިގެން އިޖުރާއީ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ވަނީ ބާއްވައިފައެވެ.

އެ އަޑުއެހުމުގައި ދިފާއީ ވަކީލު އަހުމަދު ޝާފިއު ވަނީ ދިފާއީ ބައެއް ނުކުތާތައް ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވީ، ހުސޭނުބެގެ މަރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ލަތީފު ހަނުހުރުމުގެ ހައްގު ބޭނުންކުުރުމުންވެސް ފުލުހުން އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ ސުވާލު ކުރަން ފެށީ ހައްޔަރުކުރުމަށް ފަހު ވަކީލަކު ހަމަޖައްސައިދޭން އެދުމުން ވަކީލަކު ހަމަޖައްސައި ނުދީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ލަތީފުގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ ކުރި ކުށަކީ އެހީތެރިވުމުގެ ކުށެއް ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ކުރެވޭނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށެވެ. އެކަމަކު، އޭނާގެ މައްޗަށް ކޮށްފައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއްކަން ޝާފިއު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ، ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމުގެ ކުރިންވެސް ލަތީފު ފުލުހުންނާ ވާހަކަ ދެއްކި ކަމަށެވެ. އަދި ހައްޔަރު ކުރުމުން ވަކީލަކަށް އެދުނީ އެ މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން ހަމައެކަނި ނޫމާން ކަމަށާއި ލަތީފާއި އިބްރާހިމް ވަކީލުންނަށް ނޭދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދިފާއުގެ ހުރިހާ ނުކުތާތަަކަށް ޖަވާބު ދީފައިވާނެ ކަމަށް ވިދާޅުވެ ނުކުތާތަކާ ބެހޭގޮތުން ރާބިއު ތަފްސީލުކޮށް ވާހަކައެއް ނުދައްކަވައެވެ.

ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވީ، ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އަދި ހުކުމް ކުރުމުގެ އަޑުއެހުން ވީހާވެސް އަވަހަށް ތާވަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ލަތީފާއި ނޫމާން އަދި އިބްރާހިމްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނައަދަދެއްގެ ވެލިތަކެއް އަޅައި ނޭވާ ހާސްކޮށްލުމުން އޭނާ މަރުވެފައިވާ ކަމަށެވެ. ރަހީނުކުރިކަން ސާބިތުވި ނަމަވެސް ހުސޭނުބެ މަރާލުމުގެ ކުށް އެ މީހުންގެ މައްޗަށް ސާބިތެއް ނުވެއެވެ.

comment ކޮމެންޓް