އުންމީދަކީ މި ނަތީޖާ ބެންގަލޫރުގައި ވެސް ދެމެހެއްޓުން: ސެކުލޮސްކީ

މާޒިޔާގެ ކޯޗު މަރުކާން ސެކުލޮސްކީ ---- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭއެފްސީ ކަޕުގެ ޕްލޭ އޮފް ރައުންޑުގެ ފުރަތަމަ ލެގުގައި އިއްޔެ ބެންގަލޫރު އަތުން ހޯދި މޮޅާ މެދު ހިތްހަމަޖެހޭ ކަމަށާއި، އުންމީދަކީ ރަށުން ބޭރުގައި ކުޅޭ މެޗުގައި ވެސް އެ ނަތީޖާ ދެމެހެއްޓުން ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިއްޔޭގެ މެޗު މާޒިޔާއިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ކޯނެލިއަސް ސްޓެވާޓް (ކޯނޭ)ގެ ގޯލުތަކުން މާޒިޔާ ލީޑު ނެގި އިރު ބެންގަލޫރުން މެޗުގައި ޖެހި ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ނިލީއެވެ. މިއީ ދިވެހި ޓީމެއް ބެންގަލޫރު އެފްސީ ބަލިކުރި ދެވަނަ ފަހަރެވެ. މީގެ ކުރިންއަށް މެޗެއް އެ ޓީމާ ދެކޮޅަށް ދިވެހި ޓީމުތަކުން ކުޅުނު އިރު މޮޅެއް ލިބުނީ 2018 ވަނަ އަހަރު ނިއުރޭޑިއަންޓަށެވެ.

އިއްޔެގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ވަނީ މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފައެވެ. އަދި ބެންގަލޫރު ކަހަލަ ބޮޑު ޓީމެއް އަތުން މި ލިބުނު މޮޅުން ހިތްވަރު ހޯދައިގެން އަންނަ މެޗުގައި ވެސް އެ ނަތީޖާ ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

"މެޗަށް ނުކުތީ ވެސް މޮޅުވުމުގެ އަޒުމުގަ. އެކަން ހާސިލް ވެއްޖެ. ކުޅުންތެރިންގެ ފަރާތުން އެންމެ ފަހުވަގުތާ ހަމައަށްވެސް ފެނުނީ ހިތްވަރާ އެކު މަސައްކަތް ކުރިތަން. ގޯލު ޖަހާނެ ހަތަރު ފަސް ފުރުސަތުތަކެއް އަހަރުމެން އުފެއްދިން. އިދިކޮޅު ޓީމަށް ލިބުނު އެކަހަލަ އެންމެ ފުރުސަތެއް،" ސެކުލޮސްކީ ބުންޏެވެ.

އިއްޔެގެ މެޗަށް މާޒިޔާއިން ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފޯވާޑް ހަސަން ނާއިޒް (ދާދު) ޓީމުގައި ނުހިމަނަ އެވެ. އަދި އެހެންމެ އިއްޔެގެ މެޗު ފަށައިގެން ނުވަ މިނަޓުގެ ތެރޭގައި ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއަށް ވަނީ އަނިޔާވެގެން ދަނޑުމަތިން ބާލައިފައެވެ.

"ބެންގަލޫރު ޓީމުން ސީޒަނަށް ހަ މިލިއަން ޑޮލަރު ހަރަދު ކުރޭ. ބައެއް ކުޅުންތެރިއެއްގެ މުސާރައަށް 500،000 ދޭ. އެއީ މުޅި މާޒިޔާގެ ބަޖެޓް. އެހެންވީމަ މި ނަތީޖާ ވަރަށް ވެސް ރަނގަޅު. އެކަމަކު މި ނިމުނީއެއް ނޫން. ބާކީ 90 މިނަޓު އެބައޮތް. އެއީ މި މެޗުގެ ދެވަނަ ހާފު."

މާޒިޔާ އިން އަންނަ ހަފުތާގައި ދެވަނަ ލެގަށް ނުކުންނާނީ އިތުރު މެޗެއް ނެތި ތާޒާކޮށެވެ. ބެންގަލޫރަށް އޭގެ ކުރިން އިންޑިއަން ސުޕަ ލީގުގައި ހޮނިހިރު ދުވަހު އޭޓީކޭއާ ދެކޮޅަށް ކުޅޭނެ އެވެ.

ޕްލޭއޮފްގެ ދެވަނަ ލެގް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް މާޒިޔާ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެއެވެ.

comment ކޮމެންޓް