ވެލެންސިއާ އަދި ޓޮޓެންހަމްއަށް ބޮޑު ހާސްކަމެއް

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ---

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ވެލެންސިއާއާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ބަލިވެ، ހާސްކަން އިތުރުވެއްޖެއެވެ.

އެޓްލަންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ވެލެންސިއާގެ މައްޗަށް ހޯމް ޓީމު ކުރި ހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެޓްލަންޓާއިން ކުއާރޓާ ފައިނަލުގެ އުންމީދު ބޮޑު ކުރި އިރު ރޭ ކުޅުނު ދެވަނަ މެޗުގައި ޓޯޓެންހަމުގެ އަމިއްލަ ދަނޑުގައި ކުޅެ އެ ޓީމުގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދީ ރަސެންބޯލްސްޕޯޓް ލެޕްޒިގްއެވެ.

ގަދަ ސޯޅައިގެ ހަތަރު މެޗު މިހާތަނަށް ކުޅުނު އިރު އަދި ބާކީ ހަތަރު މެޗު ފުރަތަމަ ލެގުގައި ނުކުޅެ އެބައޮތެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ވާދަވެރި މެޗުތަކުގައި ޕީއެސްޖީ ބަލިކޮށް ބުރޮޝިއާ ޑޯޓްމަންޑުން ފިޔަވަޅެއް ކުރިއަށް ޖެހިލި އިރު އެތުލެޓިކޯ މެޑްރިޑް ވަނީ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފައެވެ.

ރޭގެ މެޗު ފަށައިގެން ވެލެންސިއާއަށް ފޯމުގައި އޮތް އެޓްލަންޓާ ހިފަހައްޓާލެވުނީ އެންމެ 16 މިނަޓެވެ. ހާންސް ހޭޓްބޯގެ ގޯލުން އެޓްލަންޓާ މެޗުގެ ކުރީކޮޅު ލީޑު ނެގި އިރު ފުރަތަމަ ހާފު ނިމެން ދަނިކޮށް އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ޖޯސިޕް އިލިސިޗްއެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އެޓްލަންޓާއަށް އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ރެމޯ ފްރެލާއެވެ. އެ ގޯލާއެކު ވެލެންސިއާއަށް އަނބުރާ ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް އެޓްލަންޓާއިން ވަނީ ހަތަރުވަނަ ގޯލެއް ޖަހައިފަ އެވެ. އެ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލު ޖެހި ހާންސް އެވެ. ވެލެންސިއާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު 69 ވަނަ މިނަޓުގައި އެ ޓީމަށް ޖަހައިދިނީ ރަޝިޔާގެ ފޯވާޑް ޑެނިސް ޗެރިޗެވްއެވެ.

މީގެ އިތުރުން ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ޓޮޓެންހަމް ކޮޅަށް ލިޕްޒިގް ޖެހި ހަމައެކަނި ގޯލު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ޒުވާން ފޯވާޑް ޓިމޯ ވާނާއެވެ.

އެ މެޗަށްފަހު ވާޙަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޓީމުގައި އިންޖަރީތައް ގިނަ ކަމަށާއި ކުޅުންތެރިން ނެތުމަކީ ނަތީޖާ ނެރުމަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. އަދި ޓީމުގެ ހާލަތު މިވަގުތު ވަރަށް ގޯސް ކަމަށާއި ކުރިއަށް އޮތީ ބޮޑެތި މެޗުތަކެއްކަން މޮރީނިއޯ ފާހަގަކުރިއެވެ.

comment ކޮމެންޓް