އޭސީސީގެ ކުރީގެ މެމްބަރުންގެ މައްސަލަތަކެއް ކޮމިޝަނުން ބަލަނީ

އޭސީސީގެ ކުރީގެ މެމްބަރުން: އެ މެމްބަރުންގެ މައްސަލަތަކެއް މިހާރުގެ އޭސީސީން ދަނީ ބަލަމުން -- ސަން ފައިލް ފޮޓޯ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެމްބަރުންގެ މައްސަލަތަކެއް މިިހާރުގެ އޭސީސީން ބަލަމުންދާ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވަމުގައެވެ. ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް އަދި ކުރީގެ ކޮން މެމްބަރުންތަކެއްގެ މައްސަލަތަކެއް ކަމެއް ޝިއުނާ ހާމައެއް ނުކުރައްވައެވެ.

އެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ މެމްބަރު، އަހްމަދު އުޝާމް ވިދާޅުވީ، ނިމިދިޔަ ދައުރުގައި އޭސީސީގެ މެމްބަރުންގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކަކާއި ޝައުކާވާތަކެއް ކުރެވުނު ކަމަށެވެ. އެހެންކަމުން މިހާރު އާ ކޮމިޝަނުން އެ މެމްބަރުންގެ އެއްވެސް މައްސަލަތަކެއް ބަލަމުންދޭތޯ އުޝާމް ސުވާލު ކުރެއްވިއެވެ.

"އާދެ. އަޅުގަނޑުމެން ބަލަމުން އެބަދަން. އެކަމަކު އޭގެ ތަފްސީލެއް މިވަގުތު ދެވެން ނެތް،" ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޝިއުނާ ވާހަކަ ދައްކަވަނީ: ކުރީގެ އޭސީސީ މެމްބަރުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ޝިއުނާ ވިދާޅުވި --- ސަން ފޮޓޯ

ކޮމިޓީގައި ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ، މިދިޔަ ދައުރުގައި ކޮމިޝަންގެ މުވައްޒަފުންނަށްވެސް އެެކި އެކި ނުފޫޒު އަންނަ ކަމަށް ތުހުމަތުކުރެވުނު ކަމަށެވެ. އެގޮތުން މިހާރު އެގޮތަށް ނުފޫޒު ފޯރުވޭ ފަދަ މުވައްޒަފަކު ހުރިތޯ މެމްބަރު ވިސާމް ސުވާލު ކުރެއްވިއެވެ. ނަމަވެސް އެފަދަ މުވައްޒަފަކު ކޮމިޝަންގައި މިހާރު ނުހުންނާނެ ކަމުގެ ޔަގީންކަން ޝިއުނާ ދެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތަށް އުދަނގޫވާ ގޮތަށް ނުވަތަ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކުރާ އެއްވެސް ސްޓާފެއް ނެތް. މިވަގުތު އަޅުގަނޑު ވަރަށް ޔަގީންކަމާއެކު ދެންނެވޭނީ. އެއީ އަޅުގަނޑުމެން [ކޮމިޝަނުން] ކުރާ މަސައްކަތުގައި ކޮންމެ މައްސަލައެއް ބަލާފައިވެސް ތަހުގީގުގެ އެކި މަރުހަލާގައި މެމްބަރުންނާ ހުރިހާ ކަމެއް ހިއްސާ ކުރެވެމުން ދާނީ. އަޅުގަނޑުމެން ފަސް މެމްބަރުންގެ ނިންމުމެއް ނިންމިގެން އަންނާނީ،" ޝިއުނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ވިސާމް ކުރެއްވި ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ މެމްބަރު، އިބްރާހިމް ޝަކީލް ވިދާޅުވީ، މިދިޔަ ދައުރުގައި މައްސަލައެއް ތަހުގީގު ކުރުމުގައި ހިމެނުނު މުވައްޒަފަކު އެ މައްސަލައެއް ހިފަހައްޓާފައި އޮތްކަން ފާހަގަ ކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އެ މުވައްޒަފަކީ އޭސީސީގެ މުވައްޒަފެއް ނޫން ކަމަށް ޝަކީލް ވިދާޅުވިއެވެ.

"އެކަމާ ]މައްސަލައާ] ގުޅިގެން ތަފްސީލެއް ދޭން އަޅުގަނޑު އުޒުރުވެރިވަން. ނަމަވެސް މީގެ ކުރިން އަޅުގަނޑުމެން ހަވާލުވުމުގެ ކުރިން، ވަކި މައްސަލައެއްގައި ހިމެނުނު ވަކި މުވައްޒަފަކު އެ މައްސަލައެއް ހިފަހައްޓާފައި ނުވަތަ ކުރިއަށް ގެންދަން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތްކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ކޭސްއެއް އޮތް. އެހެން ނަމަވެސް އެ މުވައްޒަފަކީ އޭސީސީގެ މުވައްޒަފެއް ނޫން،"ޝަކީލް ވިދާޅުވިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ޝިއުނާ ވިދާޅުވީ، މިހާރުވެސް 680 މައްސަލަ އެ ކޮމިޝަނުން ބަލަމުންދާއިރު، އިވެލުއޭޝަން މަރުހަލާގައި 328 މައްސަލަ އުޅޭ ކަމަށެވެ. ޖުމްލަ 1،000 އަށް ވުރެ ގިނަ މައްސަލަ އުޅޭ އިރު، 120 މައްސަލައަކީ ކޮމިޝަންގެ އިސްނެގުމަކަށް ބަލަމުންދާ މައްސަލަތައް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގެ ކުރީގެ މެމްބަރުންގެ މައްސަލަތައް ބަލަމުން އަންނަކަން މިއަދު އެ ކޮމިޝަނުން ހާމަކުރިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ކޮމިޝަނަށް ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވުނެވެ. އެގޮތުން މެމްބަރުން ރިޝްވަތު ނެގުމާއި، މެމްބަރުން ވަކި މައްސަލަތައް ނުބާލާ ދޫކޮށްލުމުގެ ޝަކުވާގެ އަޑު އޭރު ގަދަވިއެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ކުރެވުނު އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމުން އޭނާ ވަނީ އަމިއްލައަށް އިސްތިއުފާދެއްވާފައެވެ.

comment ކޮމެންޓް