އިމާރާތެއްގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓި ޒަހަމްވެއްޖެ

ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ބޭރުގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓި ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ އިމާރާތަކުން މީހަކު ވެއްޓިގެން މިއަދު ހަވީރު 17:45 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިމާރާތުން ވެއްޓި ޒަހަމްވެފައި ވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ ވެއްޓިފައި ވަނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ގޯޅިޔާ ވީދިމާލު ބޭރު ފާރުގައި ކުލަ ލާން އުޅެނިކޮށް ކަމަށެވެ.

އޭނާ ވެއްޓިފައި ވަނީ ގޯޅި ތެރޭގައި ހުރި ޖަންކްޝަނެއްގެ މައްޗަށެވެ. އަދި މި ހާދިސާގައި އޭނާގެ މޫނަށާއި ބޮލަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭނާއަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް