ކުޅެން އުނދަގޫވީ ދަނޑުގެ ވިނަގަނޑުގެ ސަބަބުން: ބެންގަލޫރު ކޯޗު

ބެންގަލޫރުގެ ކޯޗު ކާލެސް ކުއަޑްރާޓް: ސަން ފޮޓޯ: ފަޔާޒް މޫސާ

އޭއެފްސީ ކަޕުގެ ޕްލޭ އޮފް ރައުންޑުގެ ފުރަތަމަ ލެގުގައި މިއަދު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ބޮޑު އުނދަގުލެއް ދިމާވީ ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ސަބަބުން ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ގެ ކޯޗު ކާލެސް ކުއަޑްރާޓް ބުނެފި އެވެ.

ވާދަވެރި ކުޅުމަކަށްފަހު 1-2 ގެ ނަތީޖާއަކުން މިއަދުގެ މެޗު މާޒިޔާ ކާމިޔާބުރި އިރު އިދިކޮޅު ބެންގަލޫރު ޓީމުގެ ކުޅުންތެރިން އަތުން ގިނަ ބޯޅަތަކެއް ވަނީ މިސްވެގެން ގޮސްފަ އެވެ. އަދި އެ ޓީމުގެ ކުޅުންތެރިންގެ ކޮންޓްރޯލުގައި ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު އިރު އެ ޓީމުގެ ކޯޗު މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ ދަނޑުގެ ވިނަގަނޑާ ހެދި ކުޅެން އުނދަގޫވި ކަމަށެވެ.

"މި ދަނޑުގައި ކުޅުމަކީ އަބަދުވެސް އނދަގޫ ކަމެއް. އަހަރުމެން އިންޑިއާގައި ކުޅޭ ދަނޑުތަކާ ވަރަށް ބޮޑަށް ތަފާތު. މެޗުގެ ކޮންޓްރޯލް ހޯދަން ވަރަށް މަސައްކަތް ކުރިން އެކަމަކު ވަރަށް ގިނަ ބޯޅަތައް ގެއްލުނީ ވިނަގނޑުގެ ސަބަބުން،" ކުއަޑްރާޓް ބުންޏެވެ.

އޭނާ ބުނީ މާޒިޔާގެ ކުޅުންތެރިން ދަނޑަށް ހޭނިފައި ހުރުމުން އެ ކުޅުންތެރިންނަށް މެޗުގައި ގިނަ ފުރުސަތު ތަކެއް ލިބުނު ކަމަށެވެ. އަދި ރާއްޖެ އަކީ އަބަދުވެސް އިންޑިއާގެ ޓީމުތަކާ ދެކޮޅަށް ތަފާތު ކުޅުމެއް ދައްކާ ބައެއް ކަން ކޯޗު ވަނީ ފާހަގަކޮށްފަ އެވެ.

މިފަހަރުގެ އޭއެފްސީއަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމުކަމަށްވާ ބެންގަލޫރު ވަނީ މީގެ ކުރިން ރާއްޖޭގ ޓީމުތަކާ ދެކޮޅަށް އަށް މެޗެއް މީގެ ކުރިން ކުޅެފަ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗަކާއި، ޓީސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ އިތުރުން ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. އޭގެ ތެރެއިން ރާއްޖޭގެ ކުލަބަކަށް ހަމައެކަނި މޮޅުވެވުނީ 2018 ވަނަ އަހަރުގެ އޭއެފްސީ ގްރޫޕް ސްޓޭޖުގައި މާލޭގައި ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 0-2ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރި ހޯދައިގެންނެވެ.

ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް މާޒިޔާ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.

comment ކޮމެންޓް