ބެންގަލޫރު ބަލިކޮށް މާޒިޔާ އެއް ފިޔަވަޅު ކުރިއަށް

މާޒިޔާއާއި ބެންގަލޫރު އެފްސީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި މިއަދު އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް މުބާރާތުގެ ގްރޫޕް ސްޓޭޖާއި ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުން މާޒިޔާ ބެންގަލޫރު އަތުން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އަންނަ ހަފްތާ އިންޑިއާގައި ކުޅޭ މެޗަށް މާޒިޔާ ދާނީ ފައިދާ އެއް ގޯލާ އެކު އެވެ. އެހެން ނަމަވެސް ސަރަހައްދުގެ އެންމެ ވަރުގަދަ އެއްބާރު ކަމަށްވާ ބެންގަލޫރު އަތުން، އިންޑިއާގައި ރާއްޖޭގެ އެއްވެސް ޓީމަކަށް މިހާތަނަށް އެ ޓީމު ބަލިކުރެވިފައި ނުވާ އިރު އެ ޓީމަށް ވެސް ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން މާޒިޔާގެ ހަސަން ނާއިޒް (ދާދު) މިއަދުގެ މެޗުގައި ކުޅެފައި ނުވާއިރު ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް މިއަދުގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އެކަމަކު އެ ދެ ކުޅުންތެރިން ވެސް ދެވަނަ ލެގަށް ފިޓުވެދާނެ ކަމަށް ދެ ޓީމުން ވެސް ވަނީ ބުނެފައެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ކުޅެމުން ދަނިކޮށް ނުވަ ވަނަ މިނަޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲއަށް އަނިޔާވެގެން ބާލަން ޖެހުނެވެ. މިދިޔަ އަހަރުގެ ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު އަސަދުﷲގެ އަނިޔާގެ ސީރިއަސްކަން އަދި މާޒިޔާއިން ހާމަކޮށްފައެއް ނުވެއެވެ.

އަސަދުﷲގެ ބަދަލުގައި ކުޅެން ނުކުން މޫސާ ޔާމީންއާ އެކު މާޒިޔާއިން އަނެއްކާވެސް ގޭމުގެ ތެރެއަށް ވަދެ ރަނގަޅު ހަމަލާތަކެއް އުފެެއްދޭތޯ މަސައްކަތް ކުރި އެވެ. އެ ހާފުގައި މާޒިޔާއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. ހަމްޒާ މުހައްމަދު (ހަމްޕު) މުޅިން ހުސްކޮށްލާފައި އިއްބެއަށް ދިން ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.

މާޒިޔާއާއި ބެންގަލޫރު އެފްސީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އެކަމަކު އިއްބެ ވަނީ ދެވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދީފަ އެވެ. އިބްރާހިމް އައިސަމް (ޓޯނީ) ދިން ހިތްގައިމު ޕާހަކުން އިއްބެ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އިތުބާރާ އެކުގަ އެވެ.

މާޒިޔާގެ ގޯލާ އެކު ކުޅުން ރަނގަޅުކޮށް އިދިކޮޅު ބެންގަލޫރު ޓީމުން ވަނީ ރައްދުގައި ގޯލެއް ޖަހައިފަ އެވެ. ބެންގަލޫރުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެންލަޓީއަކުންނެވެ.

މާޒިޔާގެ ބިދޭސީ ދެ ޑިފެންޑަރުން ކަމަށްވާ ޝަރީފް މުހައްމަދާއި ޕީޓާ ޕްލަނިޗް އެކުގައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބެންގަލޫރުގެ މުހައްމަދު އާޝިގީއަށް ފައުލު ކުރީ ކަމަށް ބުނެ ރެފްރީ ދިން އެ ޕެނަލްޓީއަށް މާޒިޔާގެ ބެންޗުން ވަނީ ފާޑު ކިޔައިފަ އެވެ.

ބެންގަލޫރުގެ ޕެނަލްޓީ މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކުރިން ބާސާއަށް ކުޅުނު ނިލީ އެވެ. މާޒިޔާގެ ކީޕަރު އޮވިއަސް އަޒީޒީ ހަރަކާތް ކުރީވެސް ރަނގަޅު ފަޅި އަށެވެ.

މާޒިޔާ މެޗުން މޮޅުކޮށްދިން ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. ބެންގަލޫރުުގެ ހާފުގެ މެދެއްހާ ހިސާބުން ހަމްޕު ދިން ބޯޅަ، ކޯނޭ ސްޕީޑް ބޭނުންކޮށްގެން ހޯދައި އޭރިއާގެ ތެރެއަށް ވެދެ ގޯލަށް ފޮނުވާލި އިރު އިދިކޮޅު ޓީމުގެ ކީޕަރުގެ ހުރީ ހަރަކާތް ހުއްޓިފަ އެވެ.

ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް މާޒިޔާ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.

comment ކޮމެންޓް