މަޖިލީހަށް 444 ރުފިޔާ ދައްކަން ރައީސް ނަޝީދަށް އަންގައިފި

ރައީސް މުހައްމަދު ނަޝީދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް މުހައްމަދު ނަޝީދަށް އަންގައިފި އެވެ.

އާންމު ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރި ކަމަށް ބުނެ އެވެ.

އެމައްސަލަ ނިންމައި އޭސީސީއިން ރައީސް ނަޝީދަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ ގއ ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު އެމަނިކުފާނުގެ ހަށިފާރަވެެރިންނާއި އަދި ޗީފް ބިއުރޯ އޮފިސަރު އައްޑޫ ގަމުން މާލެ ދިއުމަށް ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

"ނަމަވެސް އެދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222 ރުފިޔާ." ނިންމުމުގައި ބުނެފައިވެ އެވެ.

އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީއިން ވަނީ އަންގާފަ އެވެ.

ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު އޭސީސީއާ ޗެލެންޖް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް