ލޯކަލް ކޯޗުން މަދު، ތިބި ކޯޗުން ދޫކުރަން ޖެހެނީ ކުލަބުތަކަށް: ބައްސާމް

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ޓުވާޑްސް ފިއުޗާގެ ދަށުން ގައުމީ ޓީމުތަކަށް ހޯދަން ބޭނުންވަނީ ލޯކަލް ނޫނީ ބޭރުވިޔަސް ފެންވަރު ރަނގަޅު ކޯޗުންކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި ލޯކަލް ކޯޗުން މަދުކަމަށާއި، ތިބި ކޯޗުންވެސް ދޫކުރަން ޖެހެނީ ކުލަބުތަކަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ނަވާރަ އަހަރުން ދަށުގެ ޓީމަށް އާސެނަލްގެ ކުރީގެ ޑިފެންޑަރު އަދި ލެޓްވިއާގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދިން އީގޯސް ސްޓެޕްނޯސް ހަމަޖެއްސުމަށް އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ރާއްޖޭގައި ފެންވަރު ރަނގަޅު ލޯކަލް ކޯޗުން މަދު ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމީ ޓީމުތަކާ ހަވާލުވާނެ ކޯޗުން ހޯދަން ޖެހެނީ ބޭރުން ކަން ބައްސާމް ފާހަގަ ކުރި އެވެ.

"މިހާރުގެ މެނޭޖްމެންޓުގެ ބޭނުމަކީ، ލޯކަލް ވިޔަސް ބޭރު ވިޔަސް އެންމެ ފެންވަރު ރަނގަޅު ކޯޗުން ޓީމުތަކަށް ލެވިގެންދާން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ލޯކަލް ކޯޗުން މަދު އިރު، ޓޮޕް ކުލަބުތަކުން އެ ކޯޗުން ބޭނުންވެގެން ޖެހެނީ ދޫކޮށްލަން،" ބައްސާމް ބުންޏެވެ.

"އެއަށްފަހުގަ ދެން އަޅުގަނޑުމެން ވިސްނީ އެންމެ ރަނގަޅުގޮތަކަށް ވާނީ ބޭރުގެ ކޯޗުންނަށް ދިއުން ކަމަށް،"

ބައްސާމް ބުނީ ލޯކަލް ކޯޗުންނާއި ބޭރު ކޯޗުންގެ ތަފާތުކަން އަންނާނެ ކަމަށެވެ. އެކަމަކު ބޭރު ކޯޗުންގެ ތަފާތު ރަނގަޅު ވުމުން މިއީ ރަނގަޅު ބަދަލެއްކަމަށް ފެންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިއީ ފެއްޓުމެއް. އަޅުގަނޑުމެން ބޭނުންވަނީ އަންޑާ 16 އަށް ވެސް ބޭރު ކޯޗެއް މިއަހަރުގެ ތެރޭގައި ހަމަޖެހިގެން ދިއުން. މީގަ ދެ ބޭނުމެއް އެބައޮތް. އެއް ބޭނުމަކީ ކުޅުންތެރިންނަށް ތަފާތު ރަހައަށް މި ގެނެސްދެވެނީ ޔޫރޮޕުގެ ކޯޗުން ޓީމުތަކަށް އައުމާ އެކީގައި. ހަމަ އެއާ އެކީގައި ލޯކަލް ކޯޗުން ތަމްރީން ކުރުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް،"

ބައްސާމް އިތުރަށް ވިދާޅުވީ މިހާރު ތިބި ބޭރު ކޯޗުންގެ ދަށަށް ދިވެހި ކޯޗުން ހަމަޖެހިގެންދާނެ ކަމަށާއި އޭރުން އެ ކޯޗުންގެ އިރުޝާދުތައް ދަސްކޮށް ދިވެހި ކޯޗުންނަށް ތަޖުރިބާ ލިބިގެންދާނެ ކަމަށް ބައްސާމް ވާހަކައިގައި ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮތް ސާފް ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމަށް ލިބުނު ބޮޑު ނާކާމީޔާބީއާ ގުޅިގެން އޭރު ކޯޗަކަށް ހުރި ޕީޓާ ސެގާރްޓް މަގާމުން ވަކިކުރުމުން ދިވެހި ކޯޗެއް ގައުމީ ޓީމަށް ހަމަޖެއްސުމަށް އެފްއޭއެމްގެ ތެރޭގައި ވާހަކަ ދެކެވުނެވެ. އެކަމަކު ކުލަބުތަކާއި ވާހަކަ ދެއްކުމަށްފަހު ހުސްވެފައިވާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސީ ހޮލެންޑުގެ ތަޖުރިބާކާރު ކޯޗު މާޓިން ކޫޕްމަންއެވެ. އޭނާގެ އެސިސްޓަންޓަކަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވަނީ ފަހުން ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް