ލިވަޕޫލަށް އަހަރުގެ ފުރަތަމަ ބަލި، ބުނީ އެންފީލްޑުގައި ތަފާތު ދައްކާނަމޭ!

ލިވަޕޫލާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ޑެނިއެލް ލެވިސް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް ބަލިވި ނަމަވެސް އެންފީލްޑް ސްޓޭޑިއަމުގައި ނަތީޖާ އަނބުރާލާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް ހޯމް ޓީމު ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. މިއީ ލިވަޕޫލަށް މުޅި މި ސީޒަނުގައި ވެސް ލިބުނު ތިންވަނަ ބައްޔެވެ. މީގެ ކުރިން ދެން އެ ޓީމު ބަލިވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ނަޕޮލީ އަތުންނާއި، އިނގިރޭސި ލީގު ކަޕުގައި އެސްޓޮންވިލާ އަތުންނެވެ.

ލިވަޕޫލުގެ ކޯޗުކަމާއި ޔާގަން ކްލޮޕް ހަވާލުވުމަށް ފަހު ސްޕެއިންގެ ކުލަބުތަކާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު ހަތް މެޗުން ވެސް ލިވަޕޫލް މޮޅުވެފައެއް ނުވެ އެވެ. އެ ހަތް މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވި އިރު ހަތަރު މެޗަކުން ވީ ބައްޔެވެ. އެކަމަކު އަމިއްލަ ސްޓޭޑިއަމުގައި ލިވަޕޫލް ވަނީ އެ މެޗުތަކުގެ ތެރޭން ގިނަ ފަހަރަށް މޮޅުވެފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބާސެލޯނާ އަތުން ރަށުން ބޭރުގައި ކުޅުނު މެޗުން 0-3 އިން ލިވަޕޫލް ބަލިވި އިރު އެންފީލްޑުގައި ކުޅުނު މެޗުން މޮޅުވީ 0-4 އިންނެވެ.

ރޭގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ގަދަޔަށް ޕްރެސްކޮށްގެން ކުޅެމުން ދަނިކޮށް އެތުލެޓިކޯ އިން ވަނީ ހަތަރު ވަނަ މިނަޓުގައި ލީޑު ނަގައިފަ އެވެ. ކޮކޭ ނަގައިދިން ކޯނަރެއް ލިވަޕޫލަށް ސާފު ނުކުރެވި އުޅެނިިކޮށް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ސައުލް ނިގުއެޒް އެވެ.

އަތުލެޓިކޯގެ ގޯލަށް ފަހު ލިވަޕޫލުން ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކުރި އެވެ. އެކަމަކު އެތުލެޓިކޯއިން މޮޅަށް ޑިފެންޑްކޮށް ލިވަޕޫލްގެ އެޓޭކް ވަރުބަލިކޮށްލުމުން ދެވަނަ ހާފުގައި ލިވަޕޫލުގެ ދެ ފޯވާޑުން ވަނީ ބަދަލުކޮށްފަ އެވެ. އެތުލެޓިކޯގެ ލީޑު ފުޅާ ކުރުމަށް އަލްވާރޯ މޮރާޓާއަށް ވަނީ ހުސް ދެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އެ ދެ ބޯޅަ ވެސް ދިޔައީ އޭނަގެ ފައިގައި ރަނގަޅަށް ލައްވާ ނުލަ އެވެ.

"އެމީހުން މެޗުން މޮޅުވެ އުފާފާޅު ކުރީ ތަށި ލިބިގެން އުޅޭ ފަދައިން. އެކަމަކު އަދި 90 މިނަޓު އެބައޮތް. މިފަހަރު ކުޅޭނީ އަހަރުމެންގެ ދަނޑުގައި އަހަރުމެންގެ ސަޕޯޓަރުންނާ އެކު. ނަތީޖާ ތަފާތު ވާނެ." ލިވަޕޫލުގެ ޑިފެންޑަރު ވާގިލް ވެންޑައިކް މެޗަށް ފަހު ބުންޏެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ މާޗް 11 ވަނަ ދުވަހު ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގަ އެވެ.

comment ކޮމެންޓް