ޖަޕާން ކައިރީ ކަރަންޓީނު ކުރި ކުރޫޒްލައިނާއިން މީހުން ވީއްލަން ފަށައިފި

ޑައިމަންޑް ޕްރިންސަސްގައި ތިބި ބައެއް މީހުން ކަރަންޓީނުން ދޫކޮށްލަން ވަނީ ފަށާފައި -- ފޮޓޯ: އީޕީއޭ

ޓޯކިޔޯ (ފެބްރުއަރީ 19): ޖަޕާނުގެ ޔޮކޮހާމާ ކައިރީ ބަނދަރުކޮށް، ކަރަންޓީނުކޮށްފައި އޮތް ކުރޫޒް ލައިނާގައި ތިބި މީހުންގެ ތެރެއިން އާ ކޮރޯނާވައިރަހަށް ނެގެޓިވްވި ބައެއް މީހުން ދޫކުރަން ފަށައިފި އެވެ.

ޖަޕާނުން ބުނި ގޮތުގައި ޑައިމަންޑް ޕްރިންސެސް ކިޔާ އެބޯޓުން ބާލުވަން ފަށާފައި ވަނީ ކޮރޯނާވައިރަސް ޑިޒީސް (ކޯވިޑް-19)އަށް ނެގެޓިވްވެ، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ. އަދި ޓެސްޓުން ނެގެޓިވްވި ނަމަވެސް ބަލި ޖެހުނު މީހުންނާ އެއް ކެބިންއެއްގައި ތިބި މީހުން ބޯޓުގައި ބައިތިއްބާނެ ކަމަށް ވެސް އެގައުމުން ބުންޏެވެ.

ޖަޕާނުގެ މީޑިއާތަކުގައިވާ ގޮތުން މިއަދު އެބޯޓުން 500 ވަރަކަށް މީހުން ފައިބާނެ ކަމަށް ބެލެވެ އެވެ.

އިއްޔެ އެގައުމުގެ ހެލްތު އޮފިޝަލުން ވަނީ ބޯޓުގައި ތިބި 88 މީހަކު އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން އެބޯޓުގައި ތިބި 3،700 މީހުންގެ ތެރެއިން 542 މީހަކަށް ކޯވިޑް-19 ޖެހިފައިވާކަން ވަނީ ޔަގީންވެފަ އެވެ.

މިމަހުގެ ތިނެއްގައި ކަރަންޓީނު ކުރި އެބޯޓުގައި ތިބި އެމެރިކާ މީހުން އެގައުމުން ވަނީ އަނބުރާ ގައުމަށް ގެންގޮސް، ކަރަންޓީނުކޮށްފަ އެވެ.

ކޯވިޑް-19ގެ ސަބަބުން ޗައިނާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،004އަށް އަރައިފަ އެވެ. އަދި އެގައުމުގެ 74،185 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެގައުމުން ބޭރުގައި 700 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފަ އެވެ. އެވައިރަހުގެ ސަބަބުން ހޮންކޮންގައި ދެ މީހަކު މަރުވެފައިވާ އިރު ފްރާންސް، ޖަޕާން، ފިލިޕީންސް އަދި ޓައިވާނުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް