ޑރ. ބިލާލް ފިލިޕްސްގެ ދަރުސް މަޑުޖައްސާލައިފި

ޑރ. ބިލާލް މީގެކުރިން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ ޕީސް ފައުންޑޭޝަން

ޔޫތު މިނިސްޓްރީން ބާއްވަން ނިންމި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ދަރުސް މަޑުޖައްސާލައިފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދިނުމަށް ޑރ. ޕިލިޕްސް ރާއްޖެ ގެންނަން ނިންމާފައިވާކަން އިއުލާނު ކުރައްވައިފައެވެ. އެއާއެކު، ޑރ. ފިލިޕްސް އަކީ ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެކަމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ، ކަންބޮޑުވުންތަކާ ގުޅިގެން ކަމާ ބެހޭ އިތުރު އިދާރާތަކުގެ ލަފާ ހޯއްދެވުމަށް ޑރ. ފިލިޕްސްގެ ދަރުސް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

ޒުވާނުންނަށ ދަރުސް ދޭން ޑރ. ފިލިޕްސް ގެންނާތީ ކަންބޮޑުވުން ފާޅު ކުރެއްވި އެކަކީ މާފައްނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އޭނާ ވިދާޅުވީ، ޑރ. ފިލިޕްސް އަކީ ދީނީ ހައްދުފަހަނައަޅާފައިވާ ފިކުރު ފަތުރާ ކަމަށް ގިނަ ގައުމުތަކުން ދެކޭ މީހެއް ކަމަށެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުއްލަވައިފައެވެ. އިވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެފަަދަ ދަރުހެއް މުހިންމު ކަމަށާއި ނަމަވެސް ބިލާލްއަކީ އެކަން ކުރަން ރަނގަޅު މީހެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ފަތުރާ، އަންހެނުންނާ ދެކޮޅަށް އަނިޔާ ކުރުމަށް ހިތްވަރުދީ، ޑިމަކްރަސީއާ އިދިކޮޅު މީހެއް ކަމަށެވެ.

ޑރ. ފިލިޕްސް ރައްޖެ ގެނައުމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައިނުގަންނަ ކަމަށެވެ. އެހެންކަމުން އޭނާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ޖެމެއިކާއަށް އުފަން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސް، 74، އަށް އިނގިރޭސިވިލާތް އޮސްޓްރޭލިއާ އަދި ޑެންމާކު ފަދަ ގައުމުތަކަށް އެތެރެނުވެވޭ ގޮތް އެގައުމުތަކުން ވަނީ ހަދައިފައެވެ. އަދި އެފަދަ ތުހުމަތުތަކެއްގައި ބަންގަލަދޭޝްއިންވެސް އޭނާ ޑީޕޯޓުކޮށްފައިވެއެވެ.

ޑރ. ބިލާލް ފިލިޕްސްއަކީ މީގެ ކުރިންވެސް ރާއްޖޭގައި ދީނީ ދަރުސްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރުވެސް އޭނާ ރާއްޖެ ވަޑައިގެން ދަރުސް ދެއްވިއެވެ.

comment ކޮމެންޓް