މިނީ ބަސް ގެނައުން ލަސްވަނީ ބަޖެޓް ހަމަނުޖެހިގެން: ޓްރާންސްޕޯޓު

މިނިސްޓަރު ނަހުލާ މޭޔަރު ޝިފާއާއެކު ބަހުގައި ދަތުރުކުރައްވަނީ --- ސަން ފައިލް ފޮޓޯ

މިނީ ބަހުގެ ހިދުމަތް ދިނުން ލަސް ވަނީ އެކަމަށް ބޭނުންވާ ބަޖެޓް ހަމަނުޖެހިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިނީ ބަހުގެ ހިދުމަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ، މިނީބަސް ގެނައުމުނަށް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ނިމިފައިވާ ކަމަށާއި ނަމަވެސް އެކަން ނުވެގެން އުޅެނީ ފައިސާގެ ދަތިކަމާ ހުރެ ކަމަށެވެ.

"އެމްޓީސީސީއާ ހަވާލުކުރެވި، ސްޓަޑީ ކުރެވި، ގަންނާނެ ބަސްތައްވެސް ވަނީ ކަނޑައަޅާފައި. މިވަގުތު އުޅޭ ކަމަކީ ބަޖެޓްގެ ދަތިކަން. އެކަމަށް މަސައްކަތް ކުރަމުންދަނީ. ބަސް ގަތުމަށް ބަޖެޓު ހަމަޖެހުނުހާ އަވަހަކަށް އެކަން ކުރިއަށް ދާނެ،" ހިދާޔާ ވިދާޅުވިއެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުން: ހިދާޔާ ވިދާޅުވީ، ބަޖެޓް ހަމަޖެހުނުހާ އަވަހަކަށް --- ސަން ފޮޓޯ

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީ މަސްތެރޭގައެވެ. މިހާރު އެ އެއްބަސްވުމަށް އަހަރުދުވަސްވެފައިވާއިރު، އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭންފަށަން ޖެހެއެވެ. އޭރު ރޭވުނު ގޮތުން ގެނައުމަށް ހަމަޖެހިފައި ވަނީ 16 މީހުންނާއި 20 މީހުންގެ ޖާގައިގެ ތިމާވެއްޓާ ރައްޓެހި ބަސްތަކެކެވެ.

މާލެއަށް މިނީ ބަސް ތައާރަފުކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

comment ކޮމެންޓް