ދަރުސް ދޭން ބިލާލް ފިލިޕްސް ގެންނާތީ އީވާއާއި އިންތިގެ ނުރުހުން

ދީނީ ދަރުސް ދިނުމަށް ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ރާއްޖެ ގެންނަން ނިންމުމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ނުރުހުން ފާޅުކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއައުމަށް ދިން ދައުވަތު އޭނާ ގަބޫލޫ ކުރައްވާފައިވާ ކަމަށެވެ. އޭނާއަށް ދައުވަތު ދިނީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދިނުމަށެވެ.

އިވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެފަަދަ ދަރުހެއް މުހިންމު ކަމަށާއި ނަމަވެސް ބިލާލްއަކީ އެކަން ކުރަން ރަނގަޅު މީހެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ފަތުރާ، އަންހެނުންނާ ދެކޮޅަށް އަނިޔާ ކުރުމަށް ހިތްވަރުދީ، ޑިމަކްރަސީއާ އިދިކޮޅު މީހެއް ކަމަށެވެ. އަދި އޭނާ ގެނައުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އީވާ އެދިވަޑައިގެންނެވިއެވެ.

މަހްލޫފުގެ ޓްވީޓަށް މެމްބަރު އިމްތިޔާޒް ފަހުމީވެސް ރައްދު ދެއްވިއެވެ. ބިލާލް ގެނައުމާ ދެކޮޅު ހައްދަވަމުން އިންތި ވިދާޅުވީ، އެ މައުޟޫއަށް ދަރުސް ދިނުމަށް ބިލާލްއަކީ ރަނގަޅު އިލްމުވެރިއެއް ނޫން ކަމަށެވެ.

"ބިލާލްގެ ހަރުކަށި ވިސްނުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ އޭނާ ވަނުން މަނާ ކޮށްފައި،" އިންތި ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައިވެއެވެ. އެންމެ ފަހުން އޭނާ ރާއްޖެ ވަޑައިގަތީ 2017 ގައެވެ.

comment ކޮމެންޓް