އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ޓީސީ ގަތަރަށް ފުރަައިފި

ޓީސީ މިދިޔަ އަހަރުގެ ޝޭހް ކަމާ؛ް ކަޕަށް ފުރުމަށް ތައްޔާރުވެގެން :ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބު މި އަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ޓްރެއިނިންގް ކޭމްޕެއް ކުރުމަށް ފުރައިފި އެވެ.

އަންނަ މަހު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ރާއްޖެއިން ސީދާ ޖާގަ ޓީސީއަށް ލިބުނީ މިދިޔަ ސީޒަންގެ ލީގް ޗެމްޕިއަން ހައިސިއްޔަތުންނެވެ. ދެވަނަ ލިބުނު މާޒިޔާ މިހާރު ވަނީ ޕްލިމިނަރީ ރައުންޑް ފަހަނަ އަޅައި ޕްލޭ އޮފަށް ދަތުރު ކޮށްފަ އެވެ. ޕްލޭ އޮފުގައި މާޒިޔާއިން އިންޑިއާގެ ބެންގަލޫރު އެފްސީއަތުން މޮޅުވެއްޖެ ނަމަ އެ ޓީމު މުބާރާތުގެ ގްރޫޕުސްޓޭޖުގައި ކުޅޭނީ ޓީސީއާ އެއް ގުރޫޕެއްގަ އެވެ.

ދިހަ ދުވަހުގެ ޓްރެއިނިންގް ކޭމްޕަކަށް ޓީސީ މިއަދު ހެނދުނު ގަތަރަށް ފުރިއިރު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ޓީމާއި ދާދި ފަހުން ގުޅުނު ބައެއް ކުޅުންތެރިންނާ އެކު ޖުމުލަ 23 ކުޅުންތެރިން މިއަދު ގަތަރަށް ފުރި އިރު އެކުވެރިކަމުގެ މެޗުތަކެއް އަދި ރޭވިފައެއް ނުވެއެވެ. އެކަމަކު ފެންވަރު ރަނގަޅު ފަރިތަކުރުންތަކެއް ލިބިގެންދާނެ ކަމަށް ޓީސީން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލައިގައި ޓީސީއަށް ވަނީ ސައުދީގައި ޓްރެއިނިންގް ކޭމްޕެއް ހެދުމުގެ ފުރުސަތު ލިބިފަ އެވެ. އެކަމަކު ޓްރެއިނިންގް ކޭމްޕުގެ އެންމެ ރަނގަޅު ފައިދާއެއް ޓީސީއަށް ލީގުގައި ނުނެގުނީ ފައިސާގެ ދަތިކަން ދިމާވުމުން ބައެއް ކުޅުންތެރިން އޭރު ޓީމު ދޫކޮށްލުމުންނެވެ.

އޭއެފްސީ ކަޕްގައި ޓީސީން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ނުކުންނާނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޑާކާގަ އެވެ. ޓީސީގެ ފުރަތަމަ ހޯމް މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން ނުކުންނާނީ އިންޑިއާގެ ޗެންނާއީ ސިޓީއާ ދެކޮޅަށެވެ.

comment ކޮމެންޓް