ސުކޫލު ނެތް ރަށްރަށަށް ވާންވީ ކިހިނެއްކަން އެބަ އެނގެން ޖެހޭ: ހިސާން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ސުކޫލު ނެތް ރަށްރަށާއި އަދި ވަކި ގްރޭޑަކުން މަތިވުމުން ކިޔެވޭނެ ގޮތް ނެތް ރަށްރަށްވެސް ހިމެނޭ ކަމަށާއި އެހެންވީމަ އެ ރަށްރަށުގެ ކުދިންނަށް ވާންވީ ކިހިނެތްކަން ތައުލީމުގެ ބިލުން އެނގެން ޖެހޭ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ތައުލީމާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ތައުލީމުގެ ބިލު ފުރިހަމަ ކަމަށެވެ. އެހެންމަަވެސް އިސްލާހުކޮށްލަން ޖެހޭ ކަންތައްތަކެއްވެސް އެބިލުގައި އެބަހުރި ކަމަށެވެ.

ހިސާން ވިދާޅުވީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކުދިންނަށް ތައުލީމު ލާޒިމު ކުރާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ސުކޫލު ނެތް ކަމަށެވެ. އަދި ބައެއް ރަށްރަށަކީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ހަމައަށް ތައުލީމު އުނގަންނައި ދޭނެ ސުކޫލުތައް ނެތް ރަށްރަށް ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

އެގޮތުން ހިސާންގެ ދާއިރާ ބ. ފުޅަދޫގައި ގްރޭޑް އަށަކާއި ހަމައަށް ކިޔެވޭއިރު ހަމަ އެ ދާއިރާގެ ފެހެންދޫގައި ސުކޫލެއް ނުހުންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

"މި ބިލުގައި މިގޮތަށް ސުކޫލުތައް ނެތް ނުވަތަ އެފަދަ ގްރޭޑްތަކަށް ނުކިޔަވައިދެވޭ ރަށްރަށުގައި އުޅޭ ކުދިންނާ މެދު އަމަލު ކުރާނީ ކޮން ގޮތަކަށް ކަން އެކަށައަޅާފައި ނެތްކަން އަޅުގަނޑު ފާހަގަ ކުރަން." ހިސާން ވިދާޅުވި އެވެ.

ސުކޫލުގެ ފުރިހަމަ ނިޒާމެއް ނެތް ރަށްރަށުގެ ކުދިންނަށް ތައުލީމުގެ ބިލުން ފޯރުކޮށްދޭނީ ކޮން ހައްލެއްކަން މުހިންމު ކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ. އެއީ ކުދިން އެންމެ ކައިރީގައި އޮންނަ ރަށަށް ތައުލީމު ހާސިލު ކުރުމަށް ދެވޭނެ އިންތިޒާމު ހަމަޖެހުން ކަމަށްވިޔަސް އެކަން ގާނޫނުން އެނގެން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެއީ ސުކޫލުތައް ނުހުންނަ ރަށްރަށުގައި އަލުން ސުކޫލު ބިނާކުރުންތޯ. ނުވަތަ ގްރޭޑް އަށަކާއި ހަމައަށް ކިޔަވައިދޭ ރަށްރަށުގެ ސުކޫލުތައް ގްރޭޑް 10 އަކާއި ހަމައަށް އުފެއްދުންތޯ. މިކަންތައްތަކަކީ ސިޔާސަތުތަކެއްގެ ތެރެއިން ނިންމަންޖެހޭ ނިންމުންތަކެއް. ރައްޔިތުންނަށް ވާނުވާގައި ބައިތިއްބަން ޖެހޭ ޒާތުގެ ކަންތައްތަކެއް ނޫން."

ތައުލީމުގެ ބިލު ކޮމިޓީ މަރުހަލާގައި ދިިރާސާ ކުރަމުން ދާއިރު އެރަށްރަށުގެ ކުދިންނަށްވެސް ހައްލު ލިބިގެންދާނެހެން ބަދަލު ގެނެސް ދިނުމަށް ހިސާން އެދިލެއްވި އެވެ.

ތައުލީމުގެ ބިލުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ކުދިންނަށް ލާޒިމުވާ ކަންކަން ވަނީ ހިމަނާފަ އެވެ. އެގޮތުން ކުދިން ސުކޫލަށް ފޮނުވުން ބެލެނިވެރިންގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، ކުދިން ސުކޫލަށް ދޭތޯ ބެލުމަކީ ސުކޫލުތަކާއި ޓީޗަރުންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފަ އެވެ.

ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ދިރިއުޅޭ، އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުގެ ކުއްޖެކެވެ. އަދި މަޖުބޫރު ތައުލީމު ލާޒިމުވަ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަގުބޫލު އުޒުރެއް އޮވެގެން މެނުވީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުފުރާގެ ކުދިން ގަވައިދުން ސުކޫލަށް ދާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. މަގުބޫލު އުޒުރުގެ ތެރޭގައި ހިމެނެނީ ބަލިހާލަތު ހުރިގޮތުން ސުކޫލަށް ހާޒިރުވެވެން ނެތުމާއި ސަސްޕެންޑް ކުރުމުގެ ސަބަބުން ސުކޫލަށް ހާޒިރު ނުވެވުމާއި، އިތުރު ކަންކަން ހިމެނެ އެވެ.

comment ކޮމެންޓް