ގާސިމް މަރާލިކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި، ދައުވާއަށް އިންކާރުކުރަން: އަދުހަމް

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މިއަދުގެ އަޑުއެހުމަށް ކުރިމިނަލް ކޯޓަށް ވައްދަނީ --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފުވުމަށްފަހު، މައްސަލައިގެ އަވަސް ނިޔާ ޝަރީއަތުގައި ދައުވާ ލިބޭ މުހައްމަދު އަދުހަމް އެ ދައުވާއަށް އިންކާރުކޮށްފިއެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ މައްސަލައިގައި މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގައި، ދައުވާ އިތުރަށް ސާފުކުރަން ބޭނުންތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ވަނީ ދައުވާ އިތުރަށް ސާފުކޮށްދިނުމަށް އެދިފައެވެ.

ދައުލަތުން އަދުހަމަށް ކުރާ ދައުވާ ސާފުކޮށްދިނުމުން އަދުހަމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދުހަމް ބުނީ އޭނާ ގަސްތުގައި މީހަކު މަރަލާފައި ނުވާނެކަމަށެވެ. އަދި އެއީ އޭނާ "ދެނަހުރި" ކަމެއް ނޫން ކަމަށާއި އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށެވެ.

އަދުހަމް މިއަދު ބުނީ އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ފުލުހުން އޭނާއަށް މަސްތުވާ އެއްޗެހި ދީގެން، މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް ބުނެ އަދުހަމް ވަނީ މިއަދުގެ ޝަރީއަތުގައި ފުލުހުންނަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އަދުހަމް ބުނީ ފުލުހުން އެންމެ ފުރަތަމަ އޭނާއަށް ދީފައި ވަނީ، އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށެވެ. އަދި އެ ތަކެތި ހުސްވުމުން ފަހުން ފުލުހުން "އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން" އޭނާއަށް އެތަކެތި ދީފައިވާ ކަމަށެވެ.

މަސްތުގެ ހާލަތުގައި އޭނާ ބަހައްޓާފައި ހުރުމުގެ ސަބަބުން ކޯޓުގައި ކިޔޭ ނުކިޔޭ ނޭނގޭ ކަމަށާއި، ހަމަ ބުއްދި ލިބުނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފުލުހުންގެ ބެލުމުގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ބަދަލުވުމުން ކަމަށް ވެސް އަދުހަމް މިއަދު ވަނީ ބުނެފައެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ވާހަކަ ދެއްކުމަށް އަދުހަމަށް ދިން ފުރުސަތުގައި އޭނާ ވަނީ މުއްދަތު މަޖިލީހެއްގައި އިންވެސްޓިގޭޓިވް އޮފިސަރަކު، އޭނާ ބަހައްޓަނީ ހާއްސަ އިނާޔަތްތަކަކާއެކު އެކަހެރިކޮށްފައި ކަމަށް ބުނި ހަނދާންވާ ކަމަށް ބުނެފައެވެ.

އަދުހަމް ބުނީ ހާއްސަ އިނާޔަތުގެ ގޮތުން އޭނާ އެކަހެރިކޮށްފައި ހުރި ގޮޅިއަށް ފުލުހުން މަސްތުވާތަކެއްޗާއި، ސިނގެރޭޓާއި ސުޕާރި ވައްދައިދިން ކަމަށެވެ.

އަދުހަމްގެ ވާހަކަތަކާ ގުޅިގެން، އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އަދުހަމާ ދިމާވީ މިއަދު ކަމަށާއި އަދުހަމް ވެފައިވާ އިއުތިރާފަށް އިންކާރު ކުރާކަން އެނގުނީ ދާދި ދެންމެއަކު ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އަދުހަމް ހުރި އިރު، އެފަދަ އެއްވެސް ވާހަކައެއް ވަކީލާ ހިއްސާކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެވާހަކަތައް އިތުރަށް ސާފުކުރަން ވަގުތު ބޭނުންވާކަމަށް ވަކީލާ ވަނީ ވިދާޅުވެފައެވެ. ވަކީލާ ވިދާޅުވީ އޭނާގެ ހާޒިރުގައި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.

ދައުވާއަށް އިއުތިރާފުވި އިރު، އަދުހަމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު ވަނީ އިއުތިރާފު އެއްބަސްވުމެއް އޮތީ ހަދައިފައެވެ. މައްސަލައިގައި އަވަސް ނިޔާގެ ގޮތުގައި ނިންމަން ތާވަލުކުރީވެސް އަދުހަމް ދައުވާއަށް އިއުތިރާފު ވުމުންނެވެ.

ނަމަވެސް މިއަދު އަދުހަމްގެ ވާހަކަތައް ބަދަލުކޮށް، ދައުވާއަށް އިންކާރުކުރުމުން މައްސަލަ އިތުރަށް ތަހުގީގުކުރަން ބޭނުންވާނަމަ އެ ފުރުސަތު ދައުލަތަށް ދެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން ބޭނުންވަނީ މައްސަލައާއިގެން ކުރިއަށް ދިއުމަށް ކަމަށާއި އަދި ދައުވާ ސާބިތުކުރަން ހެއްކާއި ގަރީނާ ހުށަހަޅަން ދައުލަތުން ބޭނުން ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ޕީޖީއިން ވަނީ އަދުހަމް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ދައްކާފައި ހުރި ވާހަކަތައް އިއްވައިފަ އެވެ. އެ ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދިން ސައްހަ މައުލޫމާތެއް ކަމަށް އަދުހަމް އެދުވަހު ކޯޓުގައި ބުނެފައިވެ އެވެ.

އަދުހަމް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމެއް ހަމަވުމަށް ފަހު އޭނާ މާލޭ ގެއެއްގައި ކުލި ދައްކައިގެން ދިރިއުޅުނު ކަމަށެވެ. އަދި އޭނާ ކުލި ދައްކަމުން ދިޔައީ ރައްޓެހިން ދޭ ފައިސާއިންނާއި، މަގުމަތިން މީސް މީހުންގެ ފޯނު ފަަދަ އެއްޗެހި ފޭރިގެން، އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުން ގާސިމް މަރާލި އިރު އޮތީ ކުލި ނުދައްކައިގެން ގެއިން ބޭރު ކުރާނެކަމުގެ އިންޒާރު ދީފައެވެ. އެހެންވެ، އެ ދުވަހު ޕިކަޕެއްގައި އޭނާ ހުޅުމާލެއަށް ދިޔައީ ރައްޓެއްސެއްގެ އަތުން ފައިސާ ނުލިބިއްޖެ ނަމަ ފޭރިގެން ކުއްޔަށް ފައިސާ ހޯދާށެވެ.

ރަހުމަތްތެރިއެއްގެ އަތުން ފައިސާ ނުލިބުމުން އޭނާ މަސް ކަނޑަން ކަމަށް ބުނެ ކެފޭއަކުން ވަޅިއެއް ހޯދީ އެވެ. އެ ވަޅިން ބިރުދައްކައިގެން ފޭރެން ހުޅުމާލެއިން ފުރުސަތެއް ނުލިބިގެން އެއާޕޯޓަށް ގޮސް އެތަނުންވެސް ފޭރެން ފުރުސަތު ނުލިބުމުން، ގާސިިމް ޓެކްސީ ކިއުގައި އިންދާ އަދުހަމް އޭނާގެ ކާރަށް އެރީއެވެ.

ޓެކްސީގެ ފަހަތުގައި އިނދެގެން ގާސިމްއަށް ހަ އިންޗީގެ ވަޅިން ބިރު ދައްކަން އުޅުމުން ގާސިމް ހަޅޭއްލަވަން ފެށީއެވެ. އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަރަށް ވަޅި ޖެހީކަމަށް އަދުހަމް ބުނެފައި ވެއެވެ. އޭނާ ކާރުން ނުކުމެ ދުއްވައިގެން އިރު ގާސިމްވެސް ކަރުގައި ހިފައިގެން ކާރުން ނުކުމެ އެހީއަށް އެދެމުން ދިޔަކަމަށް އޭނާ ބުނެފައި ވެއެވެ.

އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ހާމަ ކުރި އިރު އެނގިގެން ދިޔައީ، އަދުހަމް އޭނާގެ ވަޅި އެއްލާލީ ވަޅުގަނޑެއްގެ ތެރެއަށް ކަމަށެވެ. އޭނާގެ ގަމީހުގައި ލޭ ހޭއްކިފައި ހުރުމުން ގަމީހެއް ހޯދަން ދިޔައީ ރައްޓެއްސެއްގެ ގާތަށެވެ. ދައުލަތުން ބުނާ ގޮތުގައި، އަދުހަމް އެ ރައްޓެހި މީހާ ގާތުގައި ބުނީ އޭނާ ހާސްވެފައި ހުރީ ބިދޭސީއެއްގެ ގައިގައި ތަޅައިގަނެފައި އައުމުން ކަމަށެވެ. އަދި ރައްޓެހި މީހާ އަތުން އޮރެންޖު ކުލައިގެ ގަމީހެއް ހޯދައިގެން ދިޔައީކަމަށް ބުންޏެވެ. ލޭ ހޭކިފައި ހުރި ގަމީސް އަދުހަމް ލީ ހުސް ބިމެއްގައި އޮތް ކުނޑި ހިލަ ބަސްތާއެއް ތެރެއަށެވެ.

އޭނާ އިތުރަށް ބުނީ ގާސިމް މަރާލި އިރު އޭނާ ހުރީ އަމިއްލަ އިހްތިޔާރުގައި މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލުގައި ކަމަށެވެ. ގާސިމް މަރާލުމަށް ހޭވެރިކަން އައުމުން ދެރަވެ، ރޮއި، ތައުބާވި ކަމަށް އަދުހަމް ބުންޏެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް އޭނާ އެދުވަހު ބުންޏެވެ.

comment ކޮމެންޓް