ކުދިން ސުކޫލަށް ނުފޮނުވުމަކީ ކުށެއް ކަމަށް ކަނޑައަޅަން ޖެހޭ: ހަސަން ލަތީފު

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

ކުދިން ސުލޫށް ނުފޮނުވުމަކީ ކުށެއްކަމަށް ގާނޫނުގައި ކަނޑައަޅަންޖެހޭކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ތައުލީމުގެ ބިލުގައި ވާގޮތުން ރާއްޖޭގައި ދިރިއުޅޭ، އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މެމްބަރު ހަސަން ލަތީފު ވިދާޅުވީ ތައުލީމު ލާޒިމުވާ އުމުރުފުރާ އާއި، ތައުލީމު ލާޒިމުކަމަށް އެ ބިލުގައި ބުނެފައިވާއިރު ތައުލީމު ލާޒިމުވާ ކުދިން ސުކޫލަށް ނުފޮނުވައިގެން ބެލެނިވެރިންނަށް އަޅާނެ ފިޔަވަޅުގެ ވާހަކަ ބިލުގައި ބުނެފައި ނުވާ ކަމަށެވެ.

"އެކަން ނުކުރާ ބެލެނިވެރިންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅުގެ ވާހަކައެއް މި ބިލަކު ނެތް. އަޅުގަނޑު ހިތުން އެއީ ވަރަށް މުހިންމު ކަމެއް، ކަމެއް ލާޒިމުކޮށްފައި އެކަން ނުކުރީމާ ދެން ވާނެ ގޮތް ގާނޫނުން ހަދާ ގަވައިދަކަށް ދޫކޮށްލުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައެޅިފައި އޮތުން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ކުދިން ސުކޫލަށް ނުފޮނުވުމަކީ ރާއްޖެ އަދި މި ސަރަހައްދުގެވެސް ވަރަށް ގިނަ ގައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެހެންވީމަ ކުދިން ސުކޫލަށް ނުފޮނުވާ ބެލެނިވެރިންނަށް ދޭނެ އަދަބެއް ގާނޫނުގައި ބަޔާން ކުރަން ޖެހޭނެކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

މަޖުބޫރު ތައުލީމު ލާޒިމުވާ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެކަމަށް ތައުލީމުގެ ބިލުގައި ވަނީ ބުނެފައެވެ.

މަގުބޫލު އުޒުރެއް އޮވެގެން މެނުވީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުފުރާގެ ކުދިން ގަވައިދުން ސުކޫލަށް ދާން ޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ. މަގުބޫލު އުޒުރުގެ ތެރޭގައި ހިމެނެނީ ބަލި ހާލަތު ހުރިގޮތުން ސުކޫލަށް ހާޒިރުވެވެން ނެތުމާއި ސަސްޕެންޑްކުރުމުގެ ސަބަބުން ސުކޫލަށް ހާޒިރު ނުވެވުމާއި، އިތުރު ކަންކަން ހިމެނެއެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި އިތުރަށް ހިމަނަން ޖެހޭ މުހިންމު ކަންތައްތަކެއްގެ ވާހަކަ ހަސަން ލަތީފު ފާހަގަ ކުރެއްވި އެވެ. އެގޮތުން ބުލީކުރުން ހުއްޓުވުމަށް ބިލުގައި މާއްދާތަކެއް ހިމަނަން ޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ބުލީ ކުރުމަކީ ޒަމާނުއްސުރެއް ސުކޫލުތަކުގައި ހިނގަމުންދާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ހަސަން ސިފަކުރެއްވިއެވެ.

"ބުލީކުރުމުގެ ނަތީޖާ އަޅުގަނޑުމެންނަށް މިހާރު އެބަފެނޭ. އަޅުގަނޑުމެންނަށް ވުރެ ދޮށީ އުމުރުގެ ބޭފުޅުން. އެބޭބޭފުޅުންނަކީ ސުކޫލުތަކުގައި ބުލީކުރެވިފައި ތިބި ކުދިން އޭރުގައި އެއީ. ދައުލަތުގެ ޒިންމާދާރު ވަޒީފާތަކުގައި މިއަދު ވަޒީފާ އަދާކުރަމުން ދާއިރު އެބޭފުޅުން ކުޑައިރު ސުކޫލުގައި އެ ކުރެވުނު ބުލީގެ އަސަރު އެބޭފުޅުންގެ ގައިގައި މިހާރުވެސް އެބަހުރި. ނަތީޖާއަކަށް ވަނީ ޒާތީގޮތުން މީސްމީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުން." ހަސަން ލަތީފު ވިދާޅުވިއެވެ.

އެހެންކަމުން ބުލީ ކުރުމާ ބެހޭގޮތުން ތައުލީމުގެ ބިލުގައި މާއްދާތަކެއް ހިމަނައި، އެއީ ކުށެއް ކަމަށް ކަނޑައެޅުމަކީވެސް މުހިންމު ކަމެއްކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި އެކަން ކުރާ ފަރާތަކަށް ކަނޑައެޅޭ އަދަބެއްވެސް ބިލުގައި ހިމެނުން މުހިންމުކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

comment ކޮމެންޓް