ޗައިނާގައި ތުނބުޅި ދިގު ކުރުމާއި ބުރުގާ އެޅުމުން މުސްލިމުން ހައްޔަރު ކުރޭ

ޗައިނާއިން ދަނީ މުސްލިމުންގެ އާބާދީ ބޮޑު ޝިންޖިއަންގުގައި ގިނަ އަދަދެއްގެ މުސްލިމުން ހައްޔަރު ކުރަމުން -- ފޮޓޯ: ގާޑިއަން

ލަންޑަން (ފެބްރުއަރީ 18): ޗައިނާއިން ޝިންޖިއަންގުގައި އެތައް ހާސް މުސްލިމުން ހައްޔަރު ކުރަމުންދާ ސަބަބުތަކުގެ ތެރޭގައި ތުނބުޅި ދިގު ކުރުމާއި ބުރުގާ އެޅުން ހިމެނޭ ކަމަށް ލީކުވި ލިޔެކިޔުންތަކަކުން ދައްކައިފި އެވެ.

ކަރަކަކްސް ލިސްޓުގެ ނަން ދީފައިވާ އެލިޔުންތަކުގައި ވަނީ ދެކުނު ޝިންޖިއަންގުގައި އޮންނަ ކަރަކަކްސް ކައުންޓީގެ 311 މީހަކު ގައިދުހާނާތަކަށް ލާން ޖެހުނު ސަބަބުތަކާއި އެމީހުންނާ ބެހޭ އިތުރު މައުލޫމާތު ހިމަނާފަ އެވެ. އެގޮތުން އެމީހުން ދީނަށް އަމަލު ކުރާ މިންވަރާއި އާއިލާ އާއި އަވަށްޓެރިންނާއި އެކުވެރިންނާ އޮންނަ ގުޅުންތައްވެސް އެ ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ޑޭޓާބޭސްގައި މީހުން ހައްޔަރު ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޗައިނާގައި ހަމައެކަނި ދެ ކުދިން ހޯދުމަށް އޮންނަ ސިޔާސަތާ ހިލާފުވުމާއި "އިތުބާރު ނުކުރެވޭ" ފަދަ އަމަލުތަކެއް ފެނުމާއި ދީނީ ސަބަބުތަކާއި ބޭރު ގައުމެއްގައި ހުންނަ މީހަކާ ގުޅުން ބޭއްވުން ހިމެނެ އެވެ. އެ ޑޭޓާބޭސްގައި ހިމެނޭ 311 މީހުންގެ ތެރެއިން ކުށެއް ކޮށްގެން ހައްޔަރު ކުރި ކަމަށް ފާހަގަ ކޮށްފައި ވަނީ އެންމެ 24 މީހުންނެވެ. މީގެ އިތުރުން ކުށްކޮށްގެން ޖަލަށް ލާފައިވާ މީހުންނާ ގުޅުން އޮތް 16 މީހަކުވެސް ގައިދުހާނަތަކަށްލާފައިވާ ކަމަށް އެ ލިޔުންތަކުގައިވެ އެވެ.

އެ މައުލޫމާތުގެ އިތުރުން، ގައިދުހާނާތަކުގައި ތިބި މީހުން އިތުރަށް ހައްޔަރުގައި ބައިތިއްބަން ޖެހޭކަން ނުވަތަ އެމީހުން ދޫކޮށްލަން ޖެހޭ ކަން ނުވަތަ މީގެ ކުރިން ދޫކޮށްފައިވާ މީހަކު އަލުން ހައްޔަރު ކުރަން ޖެހޭ ކަން އެ ޑޭޓާބޭސްގައި ބުނެފައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް ޗައިނާ ސަރުކާރުގެ އެފަދަ ލިޔެކިޔުންތަކެއް ލީކުވެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވެ އެވެ. އެލިޔުންތަކުގައިވާ ގޮތުން އެގައުމުގައި މުސްލިމުން ހައްޔަރު ކުރުމަށް ގައިދުހާނާތައް ހަދަން ފެށީ 2014 ވަނަ އަހަރު ރައީސް ޝީ ޖިންޕިން ދެއްވި ތަގުރީރަކަށް ފަހުގަ އެވެ.

އެ ތަގުރީރުގައި ޝީ ވިދާޅުވި ގޮތުގައި ޝިންޖިއަންގުގައި ދިރިއުޅޭ އުއިގޫރު މުޖުތަމައުގައި ދީނީ ގޮތުން ހައްދުފަހަނައެޅުން ވަނީ ވަރަށް ބޮޑަށް އަށަގަނެފަ އެވެ. އަދި އެކަން ނުހުއްޓުވައިފި ނަމަ އެސްޓޭޓުގަ އާއި ޗައިނާގެ އެހެން ސަރަހައްދުތަކުގައި ވެސް ހަމަނުޖެހުން އުފެދި، ވެރިކަން ކުރާ ޕާޓީގެ ބާރެއް ނެތް ކަމަށް ބެލެވެން ފަށާފާނެ އެވެ. އެހެންކަމުން އެކަން ހުއްޓުވައި، ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް ޝިންޖިއަންގުގައި މީހުންގެ މައުލޫމާތު ހޯދާ، ޖާސޫސު ކުރުމުގެ ބޮޑު ކެމްޕޭނެއް ކުރިއަށްގެންދަން ޖެހޭ ކަމަށް ޝީ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް ކޮންޒޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ)އިން ލީކުކޮށްލި ލިޔުންތަކެއްގައި ވަނީ އެ ގައިދުހާނަތައް ހިންގާ ގޮތާ ބެހޭ މައުލޫމާތުވެސް ފާހަގަކޮށްފަ އެވެ.

އެގޮތުން ޝިންޖިއަންގުގެ ގައިދުހާނާއަކަށް އެސްޓޭޓުގެ އެންމެ އިސް ސެކިއުރިޓީ އޮފިޝަލު 2017 ވަނަ އަހަރު ފޮނުވި މެމޯއެއްގައި ވަނީ ގައިދުހާނާތައް ހިންގަން ޖެހޭނީ ސަލާމަތީ ހާލަތު އެންމެ މަތީ ޖަލުތައް ހިންގާ ގޮތަށް ކަމަށް ބުނެފަ އެވެ. އަދި އެ ގައިދުހާނާތަކުގައި ތިބޭ މީހުން ކްލާސްރޫމްގައި ތިބޭ ގޮތުން ފެށިގެން ފެންވަރާ، ފާހާނާ ބޭނުން ކުރާނެ ގޮތާ ބެހޭ ގޮތުން ވެސް ގަވާއިދުތައް ހަދާފައިވެ އެވެ.

ޝިންޖިއަންގުގެ އާބާދީ 25 މިލިއަނަށް އަރާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އަދި އޭގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ބަހަކާއި ސަގާފަތެއް އޮންނަ އުއިގޫރު މުސްލިމުންނެވެ. ނަމަވެސް އުއިގޫރު މުސްލިމުންގެ މެދުގައި ޗައިނާގެ ވެރިކަމާ މެދު އޮންނަ ދެކޮޅުވެރިކަން ހުއްޓުވުމަށް ކަމަށް ބުނެ، އެގައުމުގެ ސަރުކާރުން މުސްލިމުންނާ މެދު ތަފާތުކޮށް، އާއްމު ދިރިއުޅުމަށް އެކި ހުރަސްތައް އަޅަމުންދާތާ އަހަރުތަކެއްވެއްޖެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު އދ.އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާއިން ވަނީ ޝިންޖިއަންގުގެ 1.1 މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރުކޮށް، ގައިދުހާނާތަކަށް ލާފަ އެވެ. އަދި ބައެއް ފަހަރު އެމީހުން އެތައް މަހަކަށް ނުވަތަ އަހަރުތަކަށް ވެސް އެގައިދުހާނާތަކުގައި ބައިތިއްބަ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެ ގައިދުހާނާތަކަކީ މީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް