އަލީ ވަހީދުގެ އޯޑިއޯގައި ޖިނާއީ ކަމެއް ފާހަގަވާތީ ފުލުހުން އެކަން ސާފު ކުރަނީ

އަލީ ވަހީދާއި ނަހުލާ: އަލީ ވަހީދު ނަހުލާއަށް ނިސްބަތްކޮށް ބޭއަދަބީ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ވަނީ ލީކްކޮށްލާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލީކްވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކެއްގެ އޯޑިއޯގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ކަމަށް ފާހަގަވާތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އާ ވާހަކަ ދައްކަވާ ފަސް އޯޑިއޯއެއް މިހާތަނަށް ވަނީ ލީކްކޮށްލާފައެވެ.

ފުރަތަމަ އޯޑިއޯގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ގުޅޭގޮތުންނެވެ. އެއަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކްވެފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ އަލީ ވަހީދާ ދެމެދު ކުރެވޭ ފޯން ކޯލެއް ހިމެނޭ އޯޑިއޯއެއް ވެސް ވަނީ ލީކްކޮށްލާފައެވެ.

އެ ފޯނު ކޯލް ގައި އަލީ ވަހީދު މިނިސްޓަރު ނަހުލާއާ ބައްދަލުކޮށްލުމަށް އެދެއެވެ. އަދި ފޯނު ކޯލަށްފަހު އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކުރި ކަމަށް ބުނާ އަޑު އިވެއެވެ.

އޭގެފަހުން ލީކްވި އޯޑިއޯއެއްގައި ވެސް ބޭއަދަބީ ބަސްތަކުން މިނިސްޓަރު ނަހުލާއަށް ރައްދުވާގޮތަށް އަލީ ވަހީދު ވާހަކަ ދައްކާ އަޑުއިވެއެވެ.

ލީކްވި އޯޑިއޯއަކުން ވަނީ ސުޕްރީމް ކޯޓަށް ދެ ކާރު ގެނެސްދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ހާމަވެފައެވެ.

އެކަން ހާމަވަނީ އެ އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު ދައްކަވާ ވާހަކަތަކުންނެވެ.

"ބްރޭންޑް ނިއު" ގެ ނަމުގައި އަގު ހެޔޮކޮށް ސުޕްރީމް ކޯޓަށް ވެހިކަލްތައް ގަނެދޭން ވިސްނާ ކަމަށާއި އެކަން ފަނި ކުރަން ބަޔަކު އުޅޭ ކަމަށް އަލީ ވަހީދު ބުނާ އަޑު އޯޑިއޯ އިން އިވެއެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް ނިސްބަތްކޮށް ވެސް އަލީ ވަހީދު ބޭއަދަބީ ބަސްތަކެއް ބޭނުންކުރާ އަޑު އެ އޯޑިއޯ އިން އިވެއެވެ.

comment ކޮމެންޓް