ސީޕްލޭން ޓާމިނަލްއާ ގުޅޭ އޭސީސީގެ ތަހުގީގު ރިޕޯޓު މަޖިލީހުން އާންމުކޮށްފި

ސަން ފައިލް ފޮޓޯ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފި އެވެ.

އޭސީސީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ވަނީ މިއަދު އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީގެ ރިޕޯޓު ލިބިފައި ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަމަށެވެ.

އެއީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ވެސް ހިމެނޭ ގޮތުން، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެ ރިޕޯޓު އާންމު ކުރުމަށް ގޮވާލަމުންނެވެ.

ރިޕޯޓު ސިއްރު ކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މިހާރު އެ ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ މިހާރު އެ ރިޕޯޓު މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކޮށް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ހުރީ މި މަހުގެ 13 ވަނަ ދުވަހު އޭސީސީން ނެރުނު ނޫސް ބަޔާނުގައި ވެސް ފާހަގަކޮށްފައި ހުރި ކަންތައްތަކެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ސީޕްލޭން ޓާމިނަލް ހަވާލުކުރަން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އޭސީސީ އިން ބުނީ އެ މައްސަލައާ ގުޅިގެން އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާނެ ކަމަށެވެ.

comment ކޮމެންޓް