މާލޭ ރައްޔިތުންނަށް އިތުރު 3،000 ހައުސިން ޔުނިޓު އަޅަން ނިންމައިފިން: ރައީސް ސޯލިހު

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު 3،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ކޮށްދޭން ޖެހިފައިހުރި ބައިވަރު މަސައްކަތް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުންނަށް 4،000 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ފަހުން ކުރި ދިރާސާތަކުން އެއަށްވުރެ ގިނައިން މާލޭ ރައްޔިތުންނަށް ހައުސިން ޔުނިޓު ބޭނުންވާކަން ހޯދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނެސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރުމުގެ މަސައްކަތް ފަށަމުން. މިގޮތުން، ކުރިއަށް މިއޮތް މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރަތަމަ އަޅަން ގަސްދުކުރާ 1،700 ހައުސިން ޔުނިޓާއި، 1،300 ހައުސިން ޔުނިޓް، މުޅިއެކު 3،000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." ރައީސް ޞާލިހު ވިދާޅުވި އެވެ.

އިތުރު 3،000 ހައުސިން ޔުނިޓުގެ ބިންގާ އަޅަން ނިންމިއިރު، ކުރިން ވައުދުވި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ހަމައެއާއެކު ހިޔާ މަޝްރޫއާއި ވެށިފަހި ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ކުރީގެ ސަރުކާރުން ވައުދުވެ އެއްބަސްވެފައިވާ ގޮތަށް ވަރަށް އަވަހަށް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ.

"އޭގެ އިތުރުން ކުރީގެ ސަރުކާރުތަކުން ވައުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫޢަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ، އެއްބަސްވެފައިވާ ގޮތަށް، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަހެއް ނުވެ ކޮށްދޭނަން،"

comment ކޮމެންޓް