އިންޓަނެޓުގެ އަގު ހެޔޮކުރަން ނިންމާފައި ވަނީ 2022 ވަނަ އަހަރު: ރައީސް އޮފީސް

ރައީސް ސޯލިހު އަދި ޝައުނާ --

އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް، ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އަންގައިފިއެވެ.

ރައީސް އޮފީހުން މިނިސްޓަރަށް މިހެން އަންގާފައި ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެ މިނިސްޓްރީން ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލްއަށް ޖަވާބުދީ ފޮނުވި ސިޓީގައެވެ.

އެ ސިޓީގެ ކޮޕީއެއް "ސަން" އަށް ލިބިފައިވާއިރު، އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) އަށް ރިއާޔަތްކޮށް، ސެޕްގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށް ރައީސް އޮފީހުގެ ފަރާތުން ވަނީ މިނިސްޓްރީއަށް އަންގައިފައެވެ.

އެގޮތުން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސެޕްގައި ބަލާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް، އެންމެ އެކަށޭނަ، ވަށާޖެހޭ ހައްލުތަކެއް ހޯދައި ހުށަހެޅުމަށް މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.

އަދި ހައްލުތައް ހޯދުމަށް މަސައްކަތް ކުރާއިރު ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޝްވަރާއާއެކު ކުރިއަށް ދިއުމަށް ވެސް ވަނީ އެދިފައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އާމިނަތު ޝައުނާ ސޮއިކުރައްވައި މި މަހުގެ 10 ވަނަ ދުވަހު މިނިސްޓަރު މަލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުވެލެވޭ ކަމަށެވެ.

"އަދި ރައްޔިތުންނަށް މިކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވި، މީގެ އިތުރުން މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މިގޮތަށް ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ބެލެވެއެވެ." އެ ސިޓީގައި ވެއެވެ.

އަދި ޑޭޓާ އެލަވަންސް އިތުރުކޮށްދިނުމުގެ ތެރެއިން ބަދަލެއް ގެނައުމުގައި، މިނިސްޓްރީގެ ޕްރޮޕޯޒަލްގައި ފާހަގަކޮށްފައިވާ ގޮތަށް މައިގަނޑު ގޮތެއްގައި ސޯޝަލް މީޑިއާގެ އެލަވަންސް އިން ބަދަލު ގެނައުމަކުން ރައްޔިތުންގެ ޝަކުވާތަކަށް އެކަށޭނަ ހައްލެއް ލިބި، މާބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކަމަށް ނުބެލެވޭ ކަމަށް ވެސް ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އިންޓަނެޓުގެ އަގަށް ބަދަލުގެނައުމުގައި، އެ ކަންކަމަށް ރިއާޔަތްކުރުން މުހިންމު ކަމަށް ރައީސް އޮފީހުން ދެކޭކަމަށް ސިޓީގައި ވެއެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު މޮނީޓާކުރުމުގައި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަންޖެހޭ ދައުރު ހަރުދަނާކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކަންކުރާ އުސޫލުތަކަށް ރިއާޔަތް ކުރުމަށް ރައީސް އޮފީހުން މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.

އެގޮތުން އިންޓަނެޓުގެ ހިދުމަތް އެކި ސަރަހައްދުތަކުން މޮނިޓާކޮށް، ހިދުމަތުގެ ފެންވަރާ ގުޅޭ ރިޕޯޓުތައް އާންމުކޮށް ޝާއިއުކުރުމުގެ ތެރެއިން، ސާވިސް ޕްރޮވައިޑަރުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް "އިންސެޓިވައިޒް" ކުރުން ހިމަނާފައިވެއެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މީގެކުރިން ރައީސް އޮފީހުން ބުނެފައި ވަނީ އިންޓަނެޓް އަގުހެޔޮކުރުން އަވަސް ނުވެގެން އުޅެނީ އެކަމުގައި އުނދަގުތަކެއް ހުރުމުން ކަމަށާއި އަވަސް އަރުވާލައިގެން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މިނިސްޓަރު މަލީހު މީގެކުރިން "ސަން" އަށް ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ދެން އޮތީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުން ކުރަން ޖެހޭ ކަންތައްތައް ކަމަށެވެ.

comment ކޮމެންޓް