ބޮޑު މޮޅަކާ އެކު އާސެނަލްގެ އަމާޒު ގަދަ ހަތަރަކަށް

އާސެނަލާއި ނިއުކާސަލް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ބެން ސްޕްރެޓް

ނިއުކާސަލް ޔުނައިޓެޑް އަތުން ބޮޑު ތަފާތަކުން މޮޅުވެ ތާވަލުގެ 10 ވަނައިގައި އޮތް އާސެނަލުން ސީޒަން ނިންމާލުމުގެ ކުރިން ގަދަ ހަތަރަކަށް އެރުމަށް އަމާޒު ކަނޑައަޅައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ޓީމު ނިއުކާސަލް އަތުން ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. އާސެނަލުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން ލިބުނު ދެވަނަ މޮޅާ އެކު އެ ޓީމު މިވަގުތު އޮތީ 34 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. އެހެން ނަމަވެސް ޔޫރޮޕު ފުޓުބޯޅައިގެ ޖާގައެއް އެ ޓީމަށް އަދި އޮތީ ފަސޭހަކަމާ އެކު އަތުވާ ހިސާބުގަ އެވެ.

އެގޮތުން ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމަށް ލީގުގެ ފަސްވަނައިގައި އޮތް ޓޮޓެންހަމާއި ދެމެދުގައި ހަ ޕޮއިންޓްގެ ފަރަގެއް އޮތް އިރު ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ ހަތް ޕޮއިންޓްގެ ފަރަގެކެވެ.

ރޭގެ މެޗަށް އާސެނަލުން ބަދަލުތަކަކާ އެކު ކުޅެން ނުކުމެ ފުރަތަމަ ހާފުގައި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި އެވެ. އެކަމަކު ނިއުކާސަލްއިން ލިބޭ ފުރުސަތުތަކުގައި އުފައްދާ ހަމަލާތައް ނުރައްކާތެރިވުމުން އާސެނަލަށް އުނދަގޫތަކެއް ކުރިމަތިވި އެވެ.

އެކަމަކު އެ ހާފާއި ޙިލާފަށް ދެވަނަ ހާފުގައި ކުޅެން ނުކުމެ 54 ވަނަ މިނަޓުގައި އާސެނަލުން ވަނީ ލީޑު ނަގައިފަ އެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހަކުން އެ ގޯލު ކާމިޔާބު ކުރީ އެރިކް އޮބަމަޔެންގެ އެވެ. އާސެނަލްގެ ގޯލާ އެކު ނިއުކާސަލްއަށް ހަމަޖައްސައި ނުލެވި އުޅެނިކޮށް ޖެހިގެން އައި ބޯޅަ ވެސް ގޯލުގެ ތެރެއަށް ވައްދާލައި އާސެނަލުން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. އެ ގޯލު ޖަހައިދިނީ ޕެޕޭ އެވެ.

އާސެނަލްގެ ދެ ގޯލާ އެކު ނިއުކާސަލްގެ ޑިފެންސަށް ކުޅުންތެރިން ގިނަކޮށް ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި އެވެ. އެކަމަކު މެޗު ފުރިހަމަ ވަގުތު ހަމަވާން މިނަޓަކަށް ވެފައި ވަނިކޮށް އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އާސެނަލުގެ ހަތަރުވަނަ ގޯލު އިތުރު ވަގުތުގެ ފަހު މިނަޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން އެލެކްސެންޑަރާ ލަކަޒެޓް އެވެ.

މީގެ އިތުރުން ވެސް ރޭ އިނގިރޭސި ލީގުގައި ވަނީ ފޯރިގަދަ މެޗެއް ކުޅެފަ އެވެ. ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް، ރަށުން ބޭރުގައި އެސްޓޮން ވިލާ އަތުން ރޭ މޮޅުވީ ހަނިގޮތަކަށެވެ. ބައިކޮޅަށް ވަން ގޯލަކާ އެކު އެސްޓޮން ވިލާ ލީޑުގައި އޮއްވާ ފަހަތުން އަރައި ޓޮޓެންހަމް ދެ ގޯލު ޖެހި އިރު އެސްޓޮން ވިލާއިން ނަތީޖާ ހަމަހަމަ ކުރި އިރު، ޓޮޓެންހަމް މެޗުން މޮޅުވީ އިތުރު ވަގުތުގައި ސޮން ހެންގެ މިން ޖެހި ގޯލަކުންނެވެ.

comment ކޮމެންޓް