ހަރުކަށި ގާނޫނަކުން ވަކީލުކަން މަރާލަނީ!

ގާނޫނީ ވަކީލުންތަކެއް ހުވާކުރަނީ -- ސަން ފައިލް ފޮޓޯ

ގާނޫނީ ދާއިރާއިން ފާސް ނަގައިގެން ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ދިވެހިންނެއް ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ފަށައިގަނެ އެވެ. ދިވެހިންގެ އެއް ނަމްބަރު ޕްރޮފެޝަންއަށް ގާނޫނީ ވަކީލުކަން ވެފައިވާއިރު، ރާއްޖޭގައި ތިބި އެތައް ހާސް ގާނޫނީ ވަކީލުންނެއް ބެލެހެއްޓުމަށް، މިދިޔަ އަހަރުގެ ޖޫން މަހު "ގާނޫނީ ފަންނުގެ ގާނޫނު" ވަނީ ވުޖޫދުވެފަ އެވެ. އެއާ އެކު، "ގާނޫނީ އާއިލާ"ގެ ބެލެނިވެރިކަން ހަވާލުކޮށްފައި ވަނީ، އެ ގާނޫނުން އުފަންކުރުވި، ބާ ކައުންސިލާ އެވެ. އާ ގާނޫނާ އެކު ވަކީލުންނަށް ގެނެސްދިން އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެ މީހުންގެ ތެރެއިން އިންތިހާބު ކުރާ، ކައުންސިލެއްގެ ދަށަށް ބާރުތައް ދިޔުމެވެ. ނަމަވެސް، އެ ގާނޫނުގެ ހަރުކަށިކަމާ ހުރެ ނުތަނަވަސްކަމާއި ކަންބޮޑުވުން މި ވަނީ ބޮޑުވެފަ އެވެ. ސަބަބަކަށް ވަނީ، ގާނޫނީ ދާއިރާއިން ކިޔަވާ ނިމުނު ނަމަވެސް، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެކީހެން ބަންދުކޮށްފައިވުމެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގައި، ވަކީލުކަމުގެ ހުއްދަ ދެވޭނީ ގާނޫނީ ވަކީލުކަން ކިޔެވުމަށް ފަހު، ބާ ކައުންސިލުން ހުއްދަ ކުރާ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމުންނެވެ. އަދި އެ ތަމްރީނަށް ފަހު ވެސް ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ކުރިން ބާ ކައުންސިލުން ދޭ އިމްތިހާނެއްގައި އިށީންދެ ފާސްވާން ޖެހެ އެވެ. ދިވެހި ގާނޫނީ ވަކީލުންގެ ފެންވަރު މަތިކުރަން ބިލްގައި ހިމެނި މި ކަންތައްތަކާ ހުރެ ކަންބޮޑުވުންތައް ބޮޑުވެގެން ގޮސްގެން، މި އުޅެނީ ކީއްވެ ހެއްޔެވެ؟ ގާނޫނީ ދާއިރާއިން ކިޔަވަމުން އަންނަ ކުދިން މާޔޫސް ކަމެއްގެ ތެރޭގައި ތިބެން ޖެހިފައި މި ވަނީ ކީއްވެ ހެއްޔެވެ؟

ލޯ ދަރިވަރުން ބުނާ ގޮތުގައި، އެ މީހުން މިހާރު ތިބެން ޖެހިފައި ވަނީ "ވާނުވާ"ގަ އެވެ. އެ ކުދިން ސިފަކުރާ ގޮތުގައި ލޯ ޕްރޮފެޝަންގެ މުޅި ގާނޫނު އޮތީ އެ މީހުންގެ ކުރިމަގު، މަރާލުމަށް ރާވާފަ އެވެ.

"[ގާނޫނުގައި] މި އޮންނަނީ ތަމްރީނަށް އެއް އަހަރު. ކޯސް ކިޔެވުމަށް ހަތަރު އަހަރު. ތަމްރީނު ހެދުމަކީ މުހިންމުކަމެއް، އެކަމަކު އެއީ އެހާ ޕްރެކްޓިކަލްކަމެއް ނޫން. ވާގޮތަކީ ޕްރެކްޓިސްކުރަމުންދާތާ ފަސް އަހަރުވެފައިވާ ވަކީލަކަށް ދެ ކުއްޖަކު މިނެގެނީ ތަމްރީނަށް. އެހެން ބަލާއިރު ފަސް އަހަރުވެފައިވާ ޝަރުތުހަމަވާ ވަކީލުންގެ އަދަދު ރާއްޖޭގައި ވަރަށް މަދު، ގްރޭޖުއޭޓުވާ ކުދިންނާއި އަޅާބަލާއިރު ނެތް. މާނައަކީ ސަޕްލައިއަށްވުރެ ޑިމާންޑް ބޮޑުވެއްޖެއޭ." ގައުމީ ޔުނިވާރސިޓީ، އެމްއެންޔޫއިން ލޯ ހަދާފައިވާ ދަރިވަރަކު ބުންޏެވެ.

"ޑިގްރީ ނިންމާފައި މިތިބެނީ ވާނުވާގައި. މައްސަލައަކީ ބާ އިމްތިހާނު ހަދަން ޖެހުމެއް ނޫން، ތަމްރީނު ހަދަން ޖެހުމެއްވެސް ނޫން، އެއް މައްސަލައަކީ ތަންކޮޅެއް ޕްރެކްޓިކަލް ގޮތަކަށް މިކަން ހަމަޖެހިފައި ނެތީމައި، ދެން އަނެއް މައްސަލައަކީ ޓްރާންސިޝަން ޕީރިއަޑެއްވެސް ނެތުން."

ލޯ ކިޔަވާ ދަރިވަރުންނާ އެކު ބާ ކައުންސިލުން ބޭއްވި ފޯރަމެއް: އާ ގާނޫނުން ލޯ ކިޔަވާ ކުދިންގެ ކަންބޮޑުވުން ބޮޑު -- ސަން ފޮޓޯ/ އަހުމަދުﷲ ހާދީ

ލޯ ޑިގްރީއެއް ހަދަން ހަތަރު އަހަރު ހޭދަވާއިރު ލޯ ކިޔަވާ ދަރިވަރުންގެ ނަޒަރުގައި، އެހާ ދުވަސް ކިޔެވުމަށް ހޭދަ ކުރުމަށް ފަހު މަސައްކަތުގެ މައިދާނަށް ނިކުންނަން ފުރުސަތެއް ނުލިބި އެތައް ދުވަހެއް ބޭކާރުވުމަކީ ގަބޫލު ކުރެވޭކަމެއް ނޫނެވެ. ސަބަބަކަށް ވަނީ އިންޓާނުންގެ ގޮތުގައި ނޫނީ ދަސްކުރާ ލޯޔަރުންގެ ގޮތުގައި ކުދިން ނަގަން ރާއްޖޭގެ ލޯ ފާމްތަކުން ބޭނުން ނުވުމެވެ. ސަބަބަކަށް ވަނީ، އެ މާލީ ގާބިލްކަން ލޯފާމްތަކުގައި ނެތުމެވެ. އަދި އަމިއްލަ ލޯ ފާމްތަކުން ފައިދާ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި އެކަން ކުރަން ބޭނުންވާ އިރު އިންޓާނުންތަކެއް ނަގައިގެން އެ ފާމްތަކުގެ ވަސީލަތްތައް އެކަމަށް ހޭދަކޮށްލަން އެ މީހުން ބޭނުމެއް ނުވެ އެވެ. ދައުލަތުގެ އިދާރާތަށް ކަމަށްވާ ޕީޖީ އާއި އޭޖީއިން އަހަރަކު ފުރުސަތު ދެވެނީ 10 އިންޓާނުންނަށެވެ. މި ސަބަބުތަކާ ހުރެ ގާނޫނުގައި ހުރި މަރުހަލާތަކަކީ "ޕްރެކްޓިކަލް" ކަންތައްތަކެއް ކަމަށް އެ މީހުންނުދެކެ އެވެ.

"އުއްމީދު ކުރަމުން އައީ މިއަހަރު ނިމުމުގެ ކުރިން ގާނޫނީ ވަކީލަކަށް ވެވޭނެ ކަމަށް. ނަމަވެސް މަޖިލީހުން އަލަށް ފާސްކުރި ބިލުގެ ސަބަބުން ކޮޅެއް މެދެއް ނޭނގޭ ހިސާބަށް ކަންތައް މިވަނީ ގޮސްފައި. އެތައް ހޭދައަކާއި ވަގުތެއް މިކަމުގައި ހޭދަކުރުމަށް ފަހު، ނިމުން މިހާކައިރިވެފާމެވަނިކޮން، ރަނގަޅު ދިރާސާއެއް ނުކޮށް، މިދާއިރާގެ ފަންނުވެރިންގެ އިރުޝާދުތަކާ ހިލާފަށް މަޖިލީހުން މިބިލް ފާސްކުރީ. އަޅުގަނޑު ދެކޭގޮތުގައި މި ގާނޫނުގެ ދަށުން ބާ އިމްތިހާން ހަދަންޖެހޭނީ ގާނޫނު ފާސްވިފަހުން މިދާއިރާއިން ކިޔަވާ ކުދިން އެކަނި. އެދެނީ މި ގާނޫނަށް އަވަސްބަދަލެއް އައުން،" އެމްއެންޔޫއިން ވަކީލުކަން ކިޔަވާ ދަރިވެއްކަމުގައިވާ މުހަންމަދު ރާފިއު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބާ ކައުންސިލްގެ އިސް ބޭފުޅުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނީ ފަންނުގެ ގާނޫނު އޮތީ މާ ބޮޑަށް ހަރުކަށިވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ގާނޫނުގައި ވަކި ގޮތަކަށް ގަވާއިދުތައް ހަދަން ބާ ކައުންސިލްގެ މައްޗަށް އޮތީ ލާޒިމްކޮށްފަ އެވެ. މިސާލަކަށް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި، ވަކި މުއްދަތެއްގެ ޓްރޭނިންއެއް ފުރިހަމަ ނުކޮށް އަދި ވަކި ޝަރުތުތަކެއް ހުންނަ އިމްތިހާނެއް ފުރިހަމަ ނުކޮށް ހުއްދަ ދިނުމަކީ ބާ ކައުންސިލަށް މަނާކަމެކެވެ. އަދި މީގެ ކުރިން ލޯ ކިޔަވާފައިވާ ފަރާތްތަކާއި އަލަށް ކިޔަވައިގެން ނިކުންނަ ފަރާތްތައް އަދި މިހާރު ކިޔަވާފައިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގާއިމް ކުރަން އެ ގާނޫނުން އުދަގޫވެ އެވެ. އަދި އާންމު ހާލަތުގައި ކަންކަން ހިނގާ ގޮތަށް، ބަލާފައި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ލުއިދެވޭނެ އުސޫލުތަކެއް ބާ ކައުންސިލަކަށް ނެތެވެ. ބަޔަކު ކިތަންމެ ބޭނުން ވިޔަސް، ގާނޫނު އިސްލާހުނުކޮށް ލުއި ދެވޭނެ ގޮތެއް ނެތް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

"މިހާރު [ގާނޫނު] މި އޮތް ގޮތުން ގާނޫނުގައި ތަންކޮޅެއް ތަފްސީލީ ގޮތަކަށް އެހެން ބަޔާންކޮށްފައި އަދި ވަކި ޝަރުތުތަކެއް އެހެން ކަނޑައަޅާފައިއޮތްގޮތުން އަޅުގަނޑުމެންނަށްވެސް ހީވަނީ އެ ފެއާއެއްނޫނޭ، މިދިޔަ އަހަރު އަމަލުކުރަން ފެށިއިރުވެސް ގްރެޖުއޭޓްވެފަ ތިބި ފަރާތްތަކާއި އޭގެފަހުން މިއަދާ ހަމަޔަށް ގްރެޖުއެޓްވެވަޑައިގެންފައި ތިބި ފަރާތްތަކަށް ފެއާ ގޮތަކަށް އޭތި ތަންފީޒެއް ނުކުރެވޭނޭ، އެބޭފުޅުންނަށް މިއޮތް ހުރިހާ ދުވަސް ދިގުލައިގެން މިދަނީޓްރެއިނިންގްއާއި ބާ އެގްޒާމާއި މި ހުރިހާ ރިކުއަޔަމެންޓެއް ފުރިހަމަކޮށްފައި ނޫނީ ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނު އޮތީމައި،" މައުމޫން ހަމީދު ވިދާޅުވި އެވެ.

"މިހާރު އެ ގާނޫނަށް އަމަލުކުރަން ފެށިއިރުވެސް އަދި އަޅުގަނޑުމެން ބާ އެގްޒާމް ހެދުމާއި ހަމަޔަށްދާއިރުވެސް ގްރޭޖުއޭޓްވެވަޑައިގަންނަވާ ފަރާތްތަކަށް ފެއާ ގޮތަކަށް ޓްރީޓެއް ނުކުރެވޭ، މިހާރު މި އޮތް ގޮތުން، އެއީ އަޅުގަނޑުމެންގެ ކޮންސާންއަކީ ކޮންމެހެން އެ ޓްރެއިނިންގެ އޮންނާތީކީއެއް ނޫން،"

ބާ ކައުންސިލުން ލަފާކުރަނީ، ހުއްދަ ދިނުމުގެ ކުރިން ހަދަން ޖެހޭ އިމްތިހާނު ކަރުދާސް އެކުލަވާލައި ނިމި، އާ ވަކީލުންނަށް ހުއްދަ ދޫކުރުމުގެ މަރުހަލާ ފަށައިގަނެވޭނީ މި އަހަރުގެ ފަހުކޮޅުގަ އެވެ. ބާ ކައުންސިލުން ހުއްދަ ދޫކުރާ ފުރަތަމަ ގާނޫނީ ވަކީލުންގެ ބެޗަށް ވެސް ހުވާ ކުރެވޭ ވަރު ވާނީ މިއަހަރު ފަހުކޮޅު ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގެ މެންބަރު އަލީ ހުސެއިން ދެކެވަޑައިގަންނަވާ ގޮތުގައި ހުރިހާ މައްސަލައަކީ ގާނޫނެއް ނޫނެވެ. އެކިއެކި ސަބަބުތަކާ ހުރެ ބާ ކައުންސިލަށް މަސައްކަތްތައް ނުކުރެވި ލަސްވެގެން ދިޔުމަކީ ވެސް ބޮޑު މައްސަލަ އެކެވެ. އޭނާ ވިދާޅުވީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކުގައި ފެންވަރެއް ހުންނަން ޖެހެ އެވެ. އެކަން އެއީ ކަށަވަރު ކުރަން ޖެހޭ ކަމެކެވެ. އެހެން ނަމަވެސް، އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުގައި އިސްލާހު ކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. ގާނޫނަކީ އުނދަގޫ ކުރަން ހެދޭ އެއްޗަކަށް ވެގެން ނުވާނެ އެވެ.

"ބާ ކައުންސިލްގެ ފަރާތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ބާ އެގްޒާމެއް ފަރުމާކޮށް އެ ކުރަންޖެހޭ މަސައްކަތްކުރުމަށް ހަގީގަތުގައި ހަތްމަސް ފަހުން ބާ ކައުންސިލަކަށް (އެކަން) ނުވެގެން އަޅުގަނޑުމެންނާއި މީޓްކުރީ. ބާ ކައުންސިލުން އެކަން ކުރުމަށް ލިބިފައި ހުންނަ ދަތިތަކެއް ހުރި. އެ ބަޖެޓް ދިނުމުގައި ދަތިތަކެއް ހުރިކަމަށް އެބޭފުޅުން ވިދާޅުވަނީ،" މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ. "ހަތްމަސް ދުވަހަކީ ވަރަށް ދިގު މުއްދަތެއް. ދެން އެހެންވީމަ މުޅިއަކުން ގާނޫނުގައި ހުރި މައްސަލަތަކަށްވުރެ ބޮޑަށް، އެބޭފުޅުންނަށް ގަވާއިދާއި ރިސޯސަސްތައް ޕްރޮވައިޑްކޮށްދިނުމާއި މިކަހަލަ ކަންތައްތަކެއްގެ ތެރެއިންހެން އަޅުގަނޑަށް ހީވަނީ މައްސަލަތަކާ ކުރިމަތިވާ ސަބަބަކީ،"

އޭނާ އަދި ވިދާޅުވަނީ، ގާނޫނީ ވަކީލުކަން ކިޔަވައިގެން ނިކުންނަ ރަނގަޅު ކުދިންނަށް ވީހާ އަވަހަކަށް ހުއްދަ ދެވޭނެ ގޮތްތަކަކަށް ގަނޫނަށް ބަދަލު ގެނެސްގެން ވިޔަސް ރޭވުން މުހިންމު ކަމަށެވެ. އެކަމަކު ގާނޫނީ ދާއިރާގެ އަގު ހިފަހައްޓަން ކަނޑަތު ކުރަން ޖެހޭ މަރުހަލާތަކެއް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ، މަރިޔަމް ޝުނާނާ ވިދާޅުވަނީ، ގާނޫނީ ފަންނުގެ ގާނޫނަކީ ވަރަށް އަވަސްއަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ވުޖޫދަށްގެނެވުނު ގާނޫނެކެވެ. ގާނޫނަށް ފާޑުކިޔުމަށް ހުޅުވާލެވުނު މުއްދަތުގެ ތެރޭގައި ހުށަހެޅުންތަކެއް އައި ނަމަވެސް، ގާނޫނު ފާސްވީ އިރު އެ ކަންކަމަށް ރިއާޔަތް ކޮށްފައެއް ނެތެވެ. ޝުނާނާ ދެކެވަޑައިގަންނަވާގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ މިހާރު އެ ގާނޫނުގައި އެއްވެސް ކަހަލަ ޓްރާންސިޝަނަލް ނޫނީ އިންތިގާލީ ވަގުތެއްނެތި، ކިޔަވައިގެން ނިކުންނަ ކުދިންނަށް ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމުގެ ހައްގު ގެއްލޭތީ އެވެ.

މިހާރު ކިޔަވަމުން، މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާ ތަމްރީނުގެ ގޮތުގައި ބަލައިނުގަތުމަކީވެސް ބޭއިންސާފެކެވެ. އާބިޓްރޭޝަން އަދި ގާނޫނީ ލަފާދޭ ޖަމިއްޔާތަކުގައި ހަދާ ތަމްރީނު ބަލައިނުގަތުމަކީ ވެސް ޝުނާނާ ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ވަކި ގޮތެއް ހެދުމެވެ.

ގާނޫނީ ވަކީލް ޝުނާނާ: އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނީ ފަންނުގެ ގާނޫނު ހެދީ އަވަސް އަރުވާލައިގެން ކަންކަމަށް ނުބަލާ -- ސަން ފޮޓޯ/ މުހައްމަދު ،ުޒައްޔިން ނާޒިމް

"ބިލް ފާސްކުރުމުގެ ކުރިން، މި ހުރި ކޮންސާންސްތަކާއި ގުޅޭގޮތުން ސްޓޭކްހޯލްޑާޒް މީޓިންގްއަކަށްވެސް ރިކުއެސްޓް ކުރެއްވި ބައެއް ފަރާތްތަކުން، ބައްދަލުކޮށްލާފައި މިވާހަކަތައް ދެކެވުނު ނަމަވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީސް ކަން ނޭނގެ، ދެން މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައެއް ބޭފުޅުން ވިދާޅުވަނީ ބީސީއެމް (ބާ ކައުންސިލް)ގެ މައްސަލައެކޭ، ދެން އެކަކު އަނެެކަކަށް މި ބްލޭމް ނަގަނީ، ބްލޭމް ގޭމްއެއް މި އަންނަނީ، އެކަމަކު ކޮންމެ މީހެއްގެ ފަރުވާކުޑަކަމުން ކަމަށް ވިޔަސް މީގައި އެބަ ޖެހޭ ހައްލެއް ހޯދަން، އިމީޑިއޭޓް ހައްލެއް، ހަމަ އެވްރީޑޭ ކައުންޓްސް، މިހާތަނަށް ހަމަ ހައްލެއް ނުލިބި އޮތުމަކީވެސް ވަރަށް ބޮޑު ނެގްލިޖެންސްއެއް،" ވަކީލު ޝުނާނާ ވިދާޅުވި އެވެ.

އެމްއެންޔޫގެ ލޯ ކިޔަވަމުން އަންނަ އެހެން ދަރިވަރަކު ބުނި ގޮތުގައި، ގާނޫނު އޮތް ގޮތުން ގާނޫނީ ދާއިރާގެ ތަމްރީން ހެދުމަށް އަތޮޅު ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑަށް ދަތިވާނެ އެވެ. ނަތީޖާއަކަށް ވާނީ، އަތޮޅުތަކުގައި ގާނޫނީ ފަންނުގެ ދާއިރާ އިތުރަށް ދަށަށް ދިޔުމެވެ.

"އަޅުގަނޑުމެން އެދެނީ މިހާރު ކިޔަވާނިމި ހުވާނުކުރެވި ތިބި އެތައް ދަރިވަރުންނާއި އަދި ގާނޫނު ވުޖޫދުވުމުގެ ކުރިން ކިޔަވަމުން އަންނަ ދަރިވަރުންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން މަޖިލީހުގެ ތެރެއިން ގާނޫނަށް އިސްލާހުތަކެއް ގެނެވިގެންދިޔުން،" އެ ދަރިވަރު ބުންޏެވެ.

ބައެެއް ގާނޫނީ ވަކީލުންގެ ނަޒަރުގައި މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ކިޔެވުމުގެ ތެރެއިން ޕްރޮފެޝަނަލް ޓްރެއިނިންގް ކޯހެއް ހަދަންޖެހޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމެވެ. ނޫނީ ގާނޫނުގެ ތެރެއިން ގަވާއިދުތައް ހެދުމަށް މިހާރަށް ވުރެ ބޮޑަށް ބާ ކައުންސިލަށް ލުއިތަކެއް ދިނުމެވެ. އޭރުން ލޯ ތަމްރީން ހަދާ ކުދިން ސުޕަވައިޒް ކުރަން މީހުން ނުލިބުމުގެ މައްސަލައަށްވެސް ހައްލެއް ލިބޭނެ އެވެ.

އެމްއެންޔޫގެ ލޯ ފެކަލްޓީގައި ކިޔަވާ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ އަހުމަދުﷲ ހާދީ

ގާނޫނީ ފަންނުގެ ކަންކަން ރަނގަޅު ކުރަން ހެދި ގާނޫނުން ނިކުންނަ މައްސަލަތަކަކާއި ޝަކުވާތައް މި ވަނީ ބޮޑުވެފަ އެވެ. ގާނޫނުން މަޖުބޫރު ކުރާ ތަމްރީނު ހެދުމުގައި ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް، ކުރިން ލައިސެންސް ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ އަސަރެއް ނުކުރުން ފަދަ އެތައް މައްސަލަ މި ގާނޫނުގެ ތެރެއިން އެބަ ފެންމަތިވެ، ގާނޫނީ ފަންނު މަރުވުމުގެ ފުރުސަތު އެބަ އޮތެވެ. ގާނޫނީ ދާއިރާއަށް ކިޔަވާ ދަރިވަރުން އެދެނީ، އެ މީހުންގެ ކޯހުގެ ތެރެއިން ތަމްރީނު ހޯދޭނެ ގޮތެއް މަގުފަހިވުމެވެ. އަދި ގާނޫނުގެ ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ބަލައިނުގަތުންފަދަ އެތައް އެތައް ޝަކުވާތަކެއް އެބަ ހުއްޓެވެ. ހައްލެއް ހޯދަން ކޮންމެހެން ޖެހެ އެވެ.

comment ކޮމެންޓް