އަލީ ވަހީދުގެ އިތުރު އޯޑިއޯއެއް ލީކްވެއްޖެ

އަލީ ވަހީދާއި ނަހުލާ: އަލީ ވަހީދު ނަހުލާއަށް ނިސްބަތްކޮށް ބޭއަދަބީ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް އަނެއްކާވެސް ވަނީ ލީކްކޮށްލާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްވީ ލީކްސްގެ ނަމުގައި ޓްވިޓާގާއި ހަދާފައިވާ އެކައުންޓަކުން ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޭނާގެ ދުވަސްވީ ގާތް އެކުވެރިޔާ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އާ ދެމެދު ކުރެވިފައިވާ ސައްލާއެެއްގެ އޯޑިއޯކޮޅުތަކެއް ފުލުފުލުގައި އަންނަނީ ލީކް ވަމުންނެވެ. ކޮންމެ އޯޑިއޯ ލީކްތަކާއެކު އެތައް ވާހަކަތަކެއް ފަޅާއަރުވައެވެ. މިރޭ އެ އޯޑިއޯތަކުގެ ފަސް ވަނަ އެޕިސޯޑެއް ލީކްކޮށްލާފައިވާއިރު، މިފަހަރު އަނެއްކާވެސް އަލީ ވަހީދުގެ ބޭއަދަބީ ބަސްތައް ރައްދުވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށެވެ.

ނަމަވެސް އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ކުރިން ވިދާޅުވެފައެވެ. އެނާ ވިދާޅުވާ ގޮތުގައި އެއީ ބަޔަކު އަބުުރު ކަތިލުމަށް ކުރާ ކަމެކެވެ. ނަމަވެސް ލީކްވާ ކޮންމެ އޯޑިއޯއަކާއެކު އަލީ ވަހީދަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުނެވެ. އަދި ބައެއް މީހުން ދަނީ އޭނާގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.

މިރޭ އެންމެ ފަހުން ލީކްކޮށްލި އޯޑިއޯ އަކީވެސް އަލީވަހީދާއި އަޑުބަރޭގެ ސައްލާއިން ބައެއްކަމަށް ބެލެވެ. އެ އޯޑިއޯގައި އެންމެ ފުރަތަމަ ދެބޭފުޅުން ވާހަކަ ދައްކަނީ ރައީސް ނަޝީދަށް އަމާޒުކޮށް ކަމަށް ބެލެވެ. އެގޮތުން، ރައީސް ނަޝީދަށް މަޖިލިސް ތެރޭގައި އެންމެ ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ނޮޅިވަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް ގުޅުމަށް އަލީ ވަހީދު އަޑުބަރޭގެ އަރިހުން އެދެއެވެ. އެ މެމްބަރަކީ "ލަދެއް ހަޔާތެއް ނެތި" "މަތިން ވާހަކަދައްކާ" މެމްބަރެއް ކަމަށް އަލީ ވަހީދު ވިދާޅުވާ އަޑު އޯޑިއޯ އިން އިވެއެވެ. ނަމަވެސް އެނާއަށް ގުޅަން ދެންނެވީ ކޮން ސަބަބަކާ ހުރެ ކަމެއް އެ އޯޑިއޯ އިން ސާފެއް ނުވެއެވެ.

ދެން އޯޑިއޯގައި ވާހަކަ ދައްކަވަނީ، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުންނެވެ. ބޭއަދަބީ ބަސްތަކުން މިނިސްޓަރު ނަހުލާއަށް ރައްދުވާގޮތަށް އަލީ ވަހީދު ވާހަކަ ދައްކަވައެވެ.

ނަހުލާއަށް ރައްދުކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން އަލީ ވަހީދު ވާހަކަ ދައްކާ އޯޑިއޯއެއް މިރޭ ލީކްވި އިރު، ރޭ ވެސް އެފަދަ އޯޑިއޯއެއް ވަނީ ލީކްވެފައެވެ. އެގޮތުން އެ އޯޑިއޯގައި އަލީ ވަހީދާއި ނަހުލާ ވަރަށް ލޯބިން ވާހަކަދައްކަވާ ފޯނު ކޯލެއްގެ އަޑު އިވެއެވެ. އޭގެ އިތުރުން ނަހުލާއާ ބައްދަލުކުރުމަށް އަލީ ވަހީދު ދައުވަތުދެއެެވެ. އަދި އެ ކޯލަށްފަހު، އަޑުބަރޭ އާއި ދެ ބޭފުޅުން ނަހުލާއަށް ރައްދުކޮށް ހުތުރުކޮށް މުއާމަލާތްކޮށްފައިވެއެވެ.

އެ އޯޑިއޯތަކާ ގުޅިގެން އަޑުބަރޭވެސް ވިދާޅުވެފައި ވަނީ، އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެއީ ކުރިއަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބާ ދިމާކޮށް އަނބުރާ ގޭސްގަނޑެއް ކަަމަށެވެ. އެކަންކުރަނީ ބްލެކްމެއިލް ކުރުމުގެ ނިޔަތުގައި ކަމަށްވެސް އަޑުބަރޭ ވަނީ ތުހުމަތުކުރައްވައިފައެވެ.

comment ކޮމެންޓް