ވަޒީފާގެ ގާނޫނުގެ އިސްލާހު؛ މުވައްޒަފުގެ ހައްގުގައި ހޭވި ހަޑިއެއް!

ސަރުކާރުގެ އެންމެ ގިނަ އޮފީސް ހުންނަ ވެލާނާގެ ކައިރީގައި ބަޔަކު ކިޔޫ ހަދައިގެން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާއާ ބެހޭ ގާނޫނެއް އުފަންވެގެން އައީ ރާއްޖޭގައި ވަޒީފާއާ ބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތްކޮށްދިނުމަށެވެ. އެހެންކަމުން އެ ގާނޫނަށް ގެންނަ އިސްލާހެއް ވާންވާނީ އެ ހައްގުތައް އިތުރަށް ކަށަވަރުކޮށްދޭނެ އިސްލާހަކަށެވެ.

ނަމަަވެސް މިހާރު މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން މި ހައްގުތައް ހަނިވާކަމުގެ ޝަކުވާތައް މިވަނީ ގިނަވެފަ އެވެ. އިސްލާހު ހުށަހަޅާފައިވާ ގޮތަށް ފާސްވެ، ގާނޫނަކަށް ވެއްޖެނަމަ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޮޑު ނިކަމެތިކަމެއް ލިބިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތައް މިވަނީ އިތުރުވެފަ އެވެ.

ޕްރޮބޭޝަން މުއްދަތަށް ހަ މަސް!

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި އިސްލާހާ ގުޅިގެން އެންމެ ބޮޑަށް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް އިތުރުކުރަން ހިމަނާފައިވާތީ އެވެ.

ދެހާސް އަށްވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނު އެންމެ ފުރަތަމަ ގާނޫނު ފާސްކުރިއިރު ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި އޮތީ ހަ މަސް ދުވަހެވެ. ނަމަވެސް ގާނޫނު ފާސްކުރިތާ ތިން މަސް ފަހުން އެ ގާނޫނު އިސްލާހުކޮށް ޕްރޮބޭޝަން މުއްދަތު ވަނީ ތިން މަސް ދުވަހަށް ކުޑަކޮށްފައެވެ.

އެހެންކަމުން މިއީ އަނެއްކާވެސް ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރަށް ވުރެވެސް އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ.

"ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދާއިމީނުކޮށް މަސައްކަތް ކުރުވާ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިންް މި ފާހަގަކުރެއްވީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ވަޒީފާ ދާއިމީ ވަންދެން މަސައްކަތް ކުރަން ޖެހެނީ ވަރަށް ކުޑަ އުޖޫރައަކަށެވެ. ދާއިމީ މުވައްޒަފުންނާ އެއް ވަރަކަށް މަސައްކަތް ކުރަން ޖެހޭ އިރު، ޕްރޮބޭޝަންގައި ހުންނަ މުވައްޒަފަކަށް ގިނަ ފަހަރަށް މި ލިބެނީ މުސާރައިގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަދަދެކެވެ.

ޕްރޮބޭޝަންގެ މުއްދަތުގައި ރަނގަޅަށް މަސައްކަތް ކުރަނީ ވަޒީފާ ދާއިމީވެ، ރަނގަޅު އުޖޫރައެއް ލިބޭ ވަޒީފާއެއްގައި ދެމިހުރުމުގެ އަޒުމުގައެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރާނަމަ، އެއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ ދެރަ އެކެވެ. އަދި ވަޒީފާ ދާއިމީނުކޮށް، މިހާރު ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދާއިރުވެސް މަސައްކަތް ކުރުވާ ފަރާތްތަކަށް ލިބޭނެ އިތުރު ބާރަކަށެވެ.

"ބައެއް އަމިއްލަ ކުންފުނިތަކުގައި ޕްރޮބޭޝަން އަށް ދެނީ ވަރަށް ކުޑަ އެއްޗެއް މުސާރައަކަށް. އެ މުއްދަތު ހަ މަހަށް ބަދަލުކުރުމަކީ އަލަށް ވަޒީފާތަކަށް ނުކުންނަ ޒުވާނުންނަށް ދެވޭނެ އަނިޔާއަކަށް ނޫނީ ނުވާނެ،" ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެއެވެ.

ވަޒީފާގެ ބަޔާނަށް ވެސް ބަދަލުތަކެއް

މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަޒީފާގެ ބަޔާނަށް ބޮޑެތި އުނިއިތުރުތަކެއް ގެނެސް ވަޒީފާގެ ބަޔާން ހިމެނޭ ލިޔުމުގައި ހިމަނަންޖެހޭ ކަންތައްތައް ބަދަލުކުރަން ވަނީ ހިމަނައިފައެވެ.

އެގޮތުން މިހާރު ވަޒީފާގައި ބަޔާނުގައި ހުންނަންޖެހޭނެ މައުލޫމާތު ކަމަށް ގާނޫނުގައި ލާޒިމްކުރާ، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭ ގޮތާއި އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭ ގޮތާއި މުވައްޒަފުގެ އަހުލާގާ ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅު އެޅިދާނެ
އުސޫލުތައް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އުނިކޮށްފައެވެ.

"މިއީ ވަޒީފާ އަދާކުރާ ފަރާތަށް ކޮންމެހެންވެސް އެނގެންޖެހޭ ކަންކަން. މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް މި އިސްލާހުން ހުރަސް އެބަ އަޅާ،" ޓުވިޓާގައި މީހަކު ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަހުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަހުލާގު ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، އެކަން އެހެން އޮތް ނަމަވެސް، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުން ގެންދާ ހިދުމަތެއް ހުއްޓާލުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ އެފަދަ ބަދަލަކާ ގުޅިގެން މަގާމު އުވުމަކީ މުވައްޒަފު ވަޒީފާއިން ވަކި ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށެވެ،

އެ ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފިނަމަ، ވަޒީފާދޭ ފަރާތުން އަމަލުކުރަން ޖެހޭނެ އުސޫލުތަކާއި ބަދަލުގެ ގޮތުގައި ދޭންޖެހޭނެ އުޖޫރަ ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައެވެ.

ކޮންމެ ސަލާމަކަށް އެމްސީ ހުށަހަޅަންޖެހޭ

މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން އެންމެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ އެއް މައްސަލައަކީ މުވައްޒަފުން ބަލިވެގެން ސަލާމްބުނާނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮންނަ އުސޫލަށް ގެންނަ ބަދަލުގެ ސަބަބުންނެވެ.

މިހާރު ގާނޫނުގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވަނީ ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ.

އަދި ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުންނޫނީ، އެމުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.

ނަމަވެސް މިހާރު ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް އެ މާއްދާ ބަދަލު ކުރުމަށެވެ.

މިއީ ހަމަގައިމުވެސް ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ތަކުލީފެކެވެ. ހާއްސަކޮށް ޕީރިއަޑް ވެގެން ގަދަޔަށް ބަނޑުގައި ރިއްސާތީ ސަލާމް ބުނަން މަޖުބޫރުވާ އަންހެނުންނާއި، ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް މިކަމުން އުނދަގޫ ވާނެއެވެ.

ބޮލުގައި ރިއްސާތީ، ނޫނީ ބަނޑުގައި ރިއްސާތީ ސަލާމް ބުނާ ކޮންމެ ފަހަރަކު ގިނަ މީހުން ޑޮކްޓަރަކަށް ނުދައްކައެވެ. ޕެނަޑޯލް ގުޅައެއް ކާލައިގެން އަރާމުކޮށްލަނީއެވެ. ސަލާމް ބުނުމުގައި ވެސް މަކަރު ހަދާ މީހުން އުޅެއެވެ. ނަމަވެސް އެއީ އެ ފަސޭހަ ކޮންމެހެން ބޭނުން މީހުން އެކަމުން މަހްރޫމް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

"ބައްޔެއް ވާއިރަށް ޑަކްޓަރަށް ދައްކަންޖެހޭތޯ؟ ބަލިވެ އުޅެމުން ވަޒީފާއަށް ނިކުމެ މަސައްކަތް ކުރެވޭނެ ތޯ؟ މީއީ ކޮންފަދަ ތާކުންތާކު ނުޖެހޭ އިސްލާހެއް!" މީހަކު ނުރުހުން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން މި އިސްލާހު ވެގެންދާނީ ސިއްހީ ހިދުމަތް ފޯރުވައިދޭ ފަރާތްތަކަށް ވެސް އިތުރު ބުރައަކަށެވެ. މިހާރުވެސް ހޮސްޕިޓަލްތައް ފުރި، ޑޮކްޓަރުންނަށް ދައްކަން އަންނަ މީހުންގެ ކިޔޫތައް ދިގުލަމުން އަންނަ އިރު، އެމްސީ ހޯދަން އިތުރު ބަޔަކު ކިޔޫގައި ޖެހުމަކީ ހިދުމަތް ދޭން ތިބޭ ފަރާތްތަކަށް ލިބޭނެ ތުރާއަކަށް ނޫނީ ނުވާނެއެވެ.

ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކަށް އުޖޫރަ ދިނުމާ ބެހޭ މާއްދާވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި ވަނީ އުނިކޮށްފައެވެ. އެއާއެކު ބިދޭސީ މަސައްކަތު މީހުންގެ ހައްގުތަކަށް އުނިކަން ލިބި، މިހާރުވެސް އެތައް ހައްގަކުން މަހްރޫމް ވެފައިތިބި ބިދޭސީން އިތުރަށް ނިކަމެތިވެގެންދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.

ބިލެއް ޑްރާފްޓް ކުރަނީ ރަނގަޅަށް ނުބަލާތަ؟

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއެކު ގިނަަ ބަޔަކު އަންނަނީ ބިލު ޑްރާފްޓް ކުރާ ފަރާތްތަކަށް އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ، ކަންކަން ހިނގާ ގޮތް ރަނގަޅަށް ރޯނުލަނީތޯ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ ބިލެއް ޑްރާފްޓް ކުރުމުގައި ވާނުވާ ނޭނގި ތިބެ ހަމަ އެއްޗަކަށް އެއްޗެއް ހަދާލަނީ ކަމަށެވެ.

އާންމުންގެ ކަންބޮޑުވުންތަކާ އެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިހާރު ވަނީ ވާހަކަދައްކަވައިފައެވެ. މިނިސްޓަރު ވިދާޅުވީ ބިލް ޑްރާފްޓް ކުރީ މިނިސްޓްރީން ކަމަށާއި، ބިލް ޑްރާފްޓް ކުރުމުގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު، އަދި ބިލް ހުށަހެޅުއްވި މެމްބަރު އީސަގެ އެއްވެސް ދައުުރެއް ނުވާ ކަމަށެވެ.

އަދި އާންމުންގެ ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށާއި، އެ ބިލާ ގުޅޭގޮތުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އާއި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ބައްލަވާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެ އިސްލާހުތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ހުރި މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހުތަކެއް ކަމަށާއި ނަމަވެސް އެ އިސްލާހުތައް އަލުން މުރާޖައާ ކުރައްވާނެ ކަމަށެވެ.

މަޖިލީހުން ބުނަނީ ބަދަލު ގެންނާނެ ކަމަށް!

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން ބޮޑުވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ، ބަހުސް މަރުހަލާ އާއި ކޮމިޓީ މަރުހަލާގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ބިލަށް އިސްލާހު ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކަކީ، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ހައްގުތައް، މަދު، ނުފޫޒުގަދަ ވިޔަފާރިވެރިންތަކެއްގެ އިހްތިޔާރަަކަށް ބަދަލުވެގެންދާނޭ އިސްލާހުތަކެއް ކަމަށެވެ.

"ކޮމިޓީ މަރުހަލާގައި މިދެންނެވި އިސްލާހުތައް އުނިކުރަން ވަކާލާތުކުރާނަން،" މީކާއީލް ވިދާޅުވިއެވެ.

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅި ބިލުތަކުގެ ތެރެއިން މިހާތަނަށް ފާސްކުރެވުނު ހުރިހާ ބިލަކަށް ވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވާނެ ކަމަށެވެ.

އަދި ގިނަ ބިލުތައް ފާސްކޮށްފައި ވާނީ ވެސް ރައްޔިތުންގެ ހިޔާލލާއި މަޝްވަރާގެ މަތިން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

"މިހާރު ހުށަހެޅިފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާ ބިލަށް ވެސް ރައްޔިތުންގެ ކަންބޮޑުވުން ފާހަގަކޮށް ބަދަލުގެނެވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މި ބިލާ ގުޅޭގޮތުން ދާއިރާގެ ބޭފުޅުންގެ ވިސްނުންފުޅަށް ރިއާޔަތްކޮށް ކޮމިޓީ މަރުހަލާގައި ވަކާލާތު ކުރާނަން،" ފިރުޝާން ވިދާޅުވި އެވެ.

comment ކޮމެންޓް