އެވިޑް ކޮލެޖުގެ ސްކޮލަޝިޕް 50 ދަރިވަރަަކަށް ދީފި

އެވިޑް ކޮލެޖުގެ ސްކޮލަޝިޕްތައް ދިނުމަށް ބޭއްވި ހަފްލާގެ ތެެރެއިން--- ފޮޓޯ: އެވިޑް ކޮލެޖު

ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން 50 ސްކޮލަޝިޕް ދަރިވަރުންނަށް ދީފި އެވެ.

އެ ސްކޮލަޝިޕްތައް ދީފައި ވަނީ އެވިޑްގެ ގދ. ތިނަދޫ ކެމްޕަސްގެ ދަރިވަރުންގެ ތެރެއިން މި އަހަރުގެ ފުރަތަމަ ސެމެސްޓާގެ ކޯސްތަކުގައި އަލަށް ބައިވެރިވި ދަރިވަރުންނަށެވެ.

މިއީ އެވިޑުން ސިލްސިލާކޮށް ދެމުންގެންދާ "ނައިބްރަޝާދު ސްކޮލަރޝިޕް"ގެ ދަށުން ދެމުން ގެންދާ ސްކޮލަޝިޕްތަކެކެވެ.

މިދިޔަ ހުކުރު ދުވަހު ގދ. ތިނަދޫ ކެމްޕަސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޮލަޝިޕްގެ ލިޔުން ދަރިވަރުންނަށް ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ބާނީ ޢަބްދުﷲ މުސްތާގު ރަޝާދެވެ.

"ނައިބްރަޝާދު ސްކޮލަރޝިޕަކީ" ކޮންމެ އަހަރަކު ވެސް އެވިޑް ކޮލެޖުން އެ ކޮލެޖްގެ ބާނީ މުސްތާޤް ރަޝާދުގެ ބައްޕާފުޅުގެ ނަމުގައި ހުޅުވާލައްވާ ސްކޮލަރޝިޕް ފުރުޞަތުތަކެކެވެ.

"ނައިބްރަޝާދު ސްކޮލަރޝިޕް"ގެ ދަށުން މިއަހަރު 200 އަށް ވުރެ ގިނަ ސްކޮލަޝިޕްތައް ހުޅުވާލި ކަމަށް އެވިޑުން ބުންޏެވެ.

އެ ސްކޮލަޝިޕްތައް ހާއްސަކޮށްފައި ވަނީ އެވިޑްގެ ގދ. ތިނަދޫ ކެމްޕަސް، އެވިޑް ކޮލެޖް އައްޑު ސިޓީ ހިތަދޫ ކެމްޕަސް އަދި އެވިޑް ކޮލެޖްގެ މާލޭގެ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް ކަމަށް ވެސް އެވިޑުން ބުންޏެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އަމިއްލަގޮތުން ހިންގާ އެންމެ ބޮޑު އެއްކޮލެޖް އެވެ. މިހާރު ވެސް އެވިޑް ކޮލެޖްގައި ދެހާހަށް ވުރެ ގިނަ ދަރިވަރުން ތަފާތު ކޯސްތަކުގައި މާލެއާއި ރަށްރަށުގައި މަތީ ތަޢުލީމު ހާސިލް ކުރަމުންގެންދެ އެވެ.

comment ކޮމެންޓް