ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިން ކޯޓު ރަސްމީކޮށް ހުޅުވައިފި

ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރި ބީޗް ވޮލީ ކޯޓު --- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭގެ ރެޑްބުލްޕާކް ތެރޭގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި ބީޗް ވޮލީ ޓްރެއިނިން ކޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހް ވަނީ އެ ކޯޓުގައި މެޗެއް ކުޅުއްވާފައެވެ. އެ މެޗުގައި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އެ ކޯޓުގައި ދެ މެޗު ކުޅުނެެވެ. ފުރަތަމަ މެޗު މެޗު ކުޅުނީ، ޔޫތު މިނިސްޓްރީގެ ޓީމަކާއި ގައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަޙްމަދު އަދި އަހްމަދު އަލީ ހިމެނޭ ޓީމާއެކު އެވެ. ފަސްޕޮއިންޓަށް ކުޅުނު މި މެޗް 5- 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގައުމީ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނޭ ޓީމުންނެވެ.

އެއަށްފަހު ދެން ކުރިއަށް ދިޔައީ ދެ ރައީސުންނާއި މިނިސްޓަރު މަހްލޫފު ބައިވެރިވެ ވަޑައިގަންނަވި، ޔޫތް މިނިސްޓްރީގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ. މި މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ ދެ ރައީސުންގެ ވޮލީ ޓީމުންނެވެ.

ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް މިއަދު ހުޅުވި ބީޗް ވޮލީ ކޯޓަކީ، މީގެ ކުރިންވެސް މުބާރާތްތައް ބޭއްވުމަށް ބޭނުންކުރި ކޯޓެކެވެ. ނަމަވެސް ކޯޓުގެ ފަސްގަނޑު އޭރު ކަމުނުދާތީވެ ކުޅުންތެރިންނަށް އެ ކޯޓުގައި ކުޅުމުގައި އުދަނގޫތަކެއް ކުރިމަތިވިއެވެ.

comment ކޮމެންޓް