ދައުލަތުގެ ހަރަދުތައް ކުޑަކޮށް، 772.7 މިލިއަން ރުފިޔާ ބާކީކޮށްފި

ބަޖެޓް ދިރާސާ ކުރި ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު މަހަކަށް ވުރެ ގިނަ ދުވަސްފާއިތުވެފައިވާއިރު، ސަރުކާރުގެ ހަރަދުތައް 20 ޕަސެންޓް ދަށްކޮށް، 772.7 މިލިއަން ރުފިޔާ ބާކީ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި ފެބުރުއަރީ، 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފަ އެވެ.

އޭގެ ތެރެއިން، ދައުލަތުން ވަނީ، 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ފެބުރުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓް ސާޕްލަސްގެ ގޮތުގައި، 772.7 މިލިއަން ރުފިޔާ ބާކީވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ފެބުރުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް 1.6 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާ އިރު، މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް ދަށް، 428.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅު އަޅަން ފިނޭންސް މިނިސްޓްރީއިން ވަނީ ސަރުކާރުގެ ހުރިހާ އޮފީހަކާއި ކުންފުނިތަކަށް އަންގައިފަ އެވެ.

މީގެ އިތުރަށް މި މަހުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ދައުލަތަށް ލިބުނު، 2.4 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރު، 2019 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ، 713.3 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ސަބަބަކަށް ވެފައި ވަނީ ޓެކްސުން ލިބުނު އާމްދަނީ ދަށްވުމެވެ.

ސަރުކާރުން ވަނީ މިއަހަރުގެ މިހާތަނަށް، ލޯނުތައް އަނބުރާ ދެއްކުމަށް 108.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ސޮވަރިން ފަންޑަށް 78.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ އިރު، 130.5 މިލިއަން ރުފިޔާ ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިހާތަނަށް ހަރަދުކޮށްފަ އެވެ.

comment ކޮމެންޓް