މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށް ވުރެ ބޮޑު ކާމިޔާބެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް ޕޯސްޓަރު ހަރުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުން ދެއްކި ނަތީޖާއާ އެއް މިސްރާބެއްގައި ރައްޔިތުން އަދިވެސް އެބަތިބި ކަމަށެވެ.
"އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް،" ރައިސް ވިދާޅުވި އެވެ.
ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ އެޕާޓީއިން ވަނީ ނަގައިފަ އެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ " ރަށްވެހި ފަތިސް" އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ އާ ގާނޫނު ފާސްވެ ކައުންސިލްތަކަށް ބާރާއި ބޮޑު ބަޖެޓް ލިބުމާ އެކު ކައުންސިލްތައް މަސައްކަތް ކުރާގޮތް ވަރަށް ބޮޑަށް ތަފާތުވެގެން ދާނެ ކަމަށެވެ. އަދި އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެބައޮތް ކައުންސިލް އިންތިހާބުގެ ބޮޑު ނަތީޖާއެއް އެމްޑީޕީ ބޮޑުތަނުން ކާމިޔާބުކުރާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދެ ރައީސުން ބައިވެރިވިގެން މިއަދު ހެނދުނު ބޭއްވީ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި އެންމެ ފުރަތަމަ ޕޯސްޓަރު ހަރުކުރީ އެމްޑީޕީ ހަރުގޭގަ އެވެ. އަދި ދެ ރައީސުން ހިންގަވާފައި މަޖީދީ މަގުން ވަޑައިގެން ބައެއް ގޭގެ ފާރުގައި ޕޯސްޓަރު ހަރުކުރެއްވި އެވެ. ދެ ރައީސުން ބައިވެރިވެގެން މުޅި މާލޭގެ އެކި ތަންތަނުގައި މިއަދު ޕޯސްޓަރު ހަރުކުރަން ވަނީ ނިންމައިފަ އެވެ.