ޑީކޯ ޗެމްބަރު އައްޑޫގައި ބަހައްޓާތީ މުޒާހަރާކޮށްފި

ޑީކޯ ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓާތީ ގއ. ގެމަނަފުށީގައި ކުރި މުޒާހަރާ -- ފޮޓޯ/ ހަސަން ސާޖިން

ވައިފުޅި އަޅައިގެން ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ)ގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާ ދޭ ހައިޕަބެރިކް ޗެމްބަރެއް ނުވަތަ ޑިކޮމްޕްރެޝަން ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވާތީ ހުވަދު އަތޮޅުގެ ތިން ރަށެއްގެ މަސްވެރިން މުޒާހަރާކޮށްފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރެއް އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި އައްޑޫގައި ބަހައްޓަނީ އައްޑޫގައި ހުންނަ ޝަންގްރިއްލާ ރިސޯޓުގައި ކުރިން އޮޕަރޭޓު ކުރި ޗެމްބަރެވެ.

އެ ޗެމްބަރު އައްޑު އަތޮޅުގައި ބަހައްޓަން ނިންމާފައިވާތީ މިއަދު ހަވީރު މުޒާހަރާ ކުރީ ގދ. ތިނަދޫ، ގއ. ގެމަނަފުށި އަދި ގއ. ނިލަންދޫގަ އެވެ.

ޑީކޯ ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓާތީ ގއ. ތިނަދޫގައި ކުރި މުޒާހަރާ -- ފޮޓޯ/ ހަސަން ސާޖިން

ހުވަދު އަތޮޅުގެ މަސްވެރިން ބުނާ ގޮތުގައި ޗެމްބަރު ބެހެއްޓުން އެންމެ ރަނގަޅީ ހުވަދު އަތޮޅުގެ ރަށެއްގައެވެ. އެއީ އެންމެ ގިނަ މީހުން ޑައިވްކުރާ އަދި އެންމެ ގިނަ މީހުން ޑީކޯ ވަނީވެސް އެ އަތޮޅުގައި ކަމުން ކަމަށް އެ މީހުން ބުނެއެވެ. އަދި އައްޑޫގެ ގިނަ މަސްދޯނިތައްވެސް އެން ނަގަން އަންނަނީ ހުވަދު އަތޮޅަށް ކަމަށް އެ މީހުން ބުނެއެވެ.

"ރާއްޖޭގެ އެންމެ ގިނައިން އެއް އަތޮޅަކަށް ޑައިވް ކުރާ އަތޮޅަކީ ހުވަދު އަތޮޅު. މިތަނުން މިހާތަނަށް މައްސަލަ ޖެހިފައި ހުރި ރޭޓުވެސް އެންމެ ގިނައީ،" ޝާފިއު ވިދާޅުވި އެވެ. "އައްޑު އަތޮޅުގައި ޗެމްބަރު ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން. އައްޑު އަތޮޅަށް ޑައިވެއް ނުކުރޭ މަސްވެރިން އެން ހިފާކަށް. ގިނަ ފަހަރަށް ޑީކޯ މިވަނީ އެން ހިފަން ޑައިވް ކުރާ މީހުން،"

ހުވަދު އަތޮޅުގެ މަސްވެރިން ބުނާ ގޮތުގައި އައްޑު އަތޮޅުގައި ޗެމްބަރު ބަހައްޓައިފި ނަމަ އެތަނަށް ދާން ޖެހޭނީ ދޯންޏެއްގައި ނުވަތަ ލޯންޗެއްގައި ނުވަތަ ހެލިކޮޕްޓަރެއްގައެވެ. އެއިން ކޮންމެ ގޮތަކަށް އައްޑުއަށް ދިޔަޔަސް ދެވޭ އިރު ޑީކޯވެފައި އޮންނަ މިހާއަށް ހުންނާނީ ބޮޑު ގެއްލުމެއްވެފައި ކަމަށް އެ މީހުން ބުނެއެވެ.

ޑީކޯ ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓާތީ ގއ. ނިލަންދޫގައި ކުރި މުޒާހަރާ -- ފޮޓޯ/ ހަސަން ސާޖިން

ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވި ކުރަން ހުއްދަ އޮންނަނީ އެންމެ ފުން ވެގެން 30 މީޓަރަށެވެ. މަސްވެރިން މިހާރު އެން ނަގަން 40 މީޓަރަށް ނުވަތަ ބައެއް ފަހަރު 50 މީޓަރަށްވެސް ފީނަން ޖެހެ އެވެ. އެއާ އަޑިއަށް މަސްވެރިން ދަނީ 30 މީޓަރަށް ދާން ހާއްސަކޮށްފައި ހުންނަ ފުޅިތަކުންނެވެ.

ޑީކޯ ވަނީ ހުވަދޫގައި، އެކަމަކު ޗެމްބަރު އައްޑޫއަށް!

comment ކޮމެންޓް