ޖޭޕީ ޕްރައިމަރީ: ތިން ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ދަނީ

ޖޭޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ --- ފޮޓޯ/ ޖޭޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރުމަށް ނެރޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރެގޭ ޕްރައިމަރީގެ ތިން ދާއިރާއެއްގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

ޕްރައިމަރީ އޮތީ މާލެ ސީޓީ 15 (މާފަންނު ހުޅަނގު އުތުރު)، އދ. މާމިނގިލި، [އަދި] އދ. ފެންފުށި ދާއިރާގައެވެ.

މިއަދު މެންދުރު 2:30 އިން ފެށިގެން ވޯޓުލުން ކުރިއަށް ދާއިރު މާލޭގައި ވޯޓުލުން އޮތީ ޖޭޕީގެ މައި އިދާރާ، މ. ކުނޫޒުގައެވެ. އޭގެ އިތުރަށް މާމިގިލީގައި ދެ ފޮށި ބަހައްޓާފައި ވާއިރު މި ފޮށިތައް ބަހައްޓާފައި ވަނީ މާމިގިލި ޕްރީ ސްކޫލާއި، އިޖްތިމާއީ މަރުކަޒުގައެވެ. ފެންފުށީގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެރަށުގެ ޖުމްހޫރީ ޕާޓީ ޖަގަހައިގަ ކަމަށެވެ.

ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް މިއަދު "ސަން" އަށް ވިދާޅުވީ، ފުރަތަމަ 30 ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަށް ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް ފަހުން އެ ދާއިރާތަކުގައި މަޝްވަރާކޮށްގެން ގިނަ ދާއިރާތަކުގައި ޕްރައިމަރީއަކަށް ނުދާން އެ ދާއިރާތަކުން ނިންމީކަމަށެވެ.

ތިން ދާއިރާއެއްގެ ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި އޮތީ މެންދުރު 2:30 އިން އިރުއޮއްސި 6:00 އަށެވެ. އަލީ ސޯލިހް ވިދާޅުވީ، މިހާރު ވޯޓުލުމުގެ ވަގުތު މިރޭ 9:30 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ތިން ދާއިރާގެ ޕްރައިމަރީ ބާއްވާއިރު، މިއީ އެ ޕާޓީގެ ތާރީހުގައި މި ގޮތަށް އެ ޕާޓީން ޕްރައިމަރީ ބާއްވާ ފުރަތަމަފަހަރެވެ.

އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން އެމްޑީޕީ އަދި ޕީޕީއެމް އިން މިހާރު ވަނީ ޕްރައިމަރީ ބާއްވައިގެން ކަނޑައަޅާފަ އެވެ.

comment ކޮމެންޓް