ލައިސެންސް ނެތި ދުއްވި ކާރެއް އެކްސިޑެންޓުވެ، ބޮޑެތި ގެލުންތަކެއް

ހުޅުމާލޭގައި ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި ލައިސެންސް ނެތް މީހަކު ދުއްވި ކާރެއް އިތުރު ކާރެއްގައި ޖެހި އެކްސިޑެންޓުވެ، ދެ ކާރުގައި ތިބި މީހުންނަށްވެސް އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބުނީ، ރޭ ފަތިހު 4:10ގަ އެވެ.

ފުލުހުން ބުނީ، އެކްސިޑެންޓް ހިނގީ ހުޅުމާލޭ ރީތިގަސް މަގުން އިތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރެއްގައި އެ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެއް ކާރުގައި ދެ މީހުން ތިބި އިރު އަނެއް ކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ. ފުލުހުން ބުނީ ދެ ކާރުގައި ތިބި މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބި، ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ.

"މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް. އޭނާގެ އަތުގައި ލައިސެންސް އޮވޭ. އަނެއް ކާރުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނެއް. އޭނާގެ އަތުގައި ލައިސެންސް ނެތް،" ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ/ އެމްވީ ކްރައިސިސް

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ލައިސެންސް ނެތް މީހަކު ދުއްވި ކާރެއް އެކްސިޑެންޓުވިއިރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެ ކާރެއްގެ ވެރިފަރާތް ޒިންމާދާރު ކުރެވޭނެ ގޮތެއް ނޯވެ އެވެ. ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ލައިސެންސް ނެތި ދުއްވާ އުޅަނދެއްގެ ވެރިފަރާތްވެސް ޒިންމާދާރު ކުރެވޭ ގޮތަަށް އިސްލާހު ހުށަހަޅާފައިވެެ އެވެ. އެގޮތުން، ލައިސެންސް ނެތި ދުއްވާ މީހާ ޖޫރިމަނާ ކުރުމުގެ އިތުރުން އެ އުޅަނދެއް 15 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. އަދި އުޅަނދުގެ ވެރިފަރާތް 2،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ރައްޖޭގައި ލައިސެންސް ނެތި ދުއްވާ އެއްޗެހި ދުއްވުމަކީ ވަރަށް އާންމުކަމެކެވެ. އަދި ލައިސެންސް ނެތި ދުއްވައިގެން ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

comment ކޮމެންޓް