ތަހުގީގު ނިންމައި ޓާމިނަލްއާ މެދު އަވަހަށް ގޮތެއް ނިންމައިދީ: އެމްއޭސީއެލް

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އާ ސީޕްލޭން ޓާމިނަލްއާ މެދު އަވަހަށް ގޮތެއް ކަނޑަނޭޅިއްޖެ ނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ)ގެ އާ ރަންވޭ ބޭނުން ނުކުރެވި ދިގުލައިގެން ގޮސް ކުންފުންޏެއް ބޮޑެތި ގެއްލުންތަކެއް ވުމުގެ ބިރުބޮޑުވެފައިވާ ކަމަށް، އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފި އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ފިނޭންސުން ނިންމި މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓާމިނަލްގެ މައްްސަލަ ނިންމާފައި ވަނީ ވަކި އޮޕަރޭޓަރަކަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާން ރީޓްވީޓް ކުރަމުން އެމްއޭސީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، ސީޕްލޭން ޓާމިނަލްއާ ގުޅޭ ތަހުގީގުތަކަށް އެ ކުންފުނިން ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ތަހުގީގުތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، ސީޕްލޭން ޓާމިނަލްގެ މައްސަލައަކީ އަވަހަށް ނިންމަން ޖެހޭ މައްސަލައެއްކަން ފާހަގަ ކުރަމުން އެ ކުންފުނިން ބުނީ، އެއާޕޯޓްގެ ރަންވޭގެ ތޮއްޖެހުމާއި، އެއާލައިންތަކުގެ ހަރަދު ކުޑަކުރުމަށް އާ ރަންވޭ އަވަހަށް ބޭނުން ކުރަން ފަށަން ޖެހޭ ކަމަށެވެ.

"މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މުޅި ގައުމުގެ ފައިދާއަށް،" އެމްއޭސީއެލްގެ ޓްވީޓްގައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލް މައްސަލައިގެ ތަހުގީގެއް، ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީއިން ވެސް އަންނަނީ ކުރަމުންނެވެ.

އޭސީސީއިން ބުނަނީ، މިހާރު ސީޕްލޭން ޓާމިނަލް ދޭން ނިންމާފައިވާ ގޮތުން ދައުލަތަށް، އަހަރަކު 29.79-55.06 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށެވެ. މީގެ އިތުރުން، އޭސީސީއިން ފާހަގަކުރާ ގޮތުގައި އެމްއޭސީއެލްގެ ބޯޑް މެންބަރުންނަކީ އާ ޓާމިނަލްގެ ބޮޑު ބައެއް ދިނުމަށް ނިންމާފައިވާ ޓީއެމްއޭގެ މަސްލަހަތު އޮންނަ ފަރާތްތަކެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ނިންމުންތައް ބޯޑުން ނިންމުމުގައި އެ މެންބަރުން ބައިވެރިވެފައިވާ ކަމަށް ވެސް އޭސީސީއިން ފާހަގަ ކުރެ އެވެ.

އާ ސީޕްލޭން ޓާމިނަލް އަކީ، ސަރުކާރުން ގެރެންޓީ ދޭ ގޮތަށް ނަގާފައިވާ 40 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން، ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް