ރަތް ފިނިފެންމާ ފިޔަތަކުން ނަރުހެއްގެ ހުނަރު!

ނަދާ މިފަހުން ފަހާފައިވާ ހެދުމެއް -- ފޮޓޯ: ރައުހަތު (ރޯޒް ފޮޓޯ)

ރަތް ފިނިފެންމަލެވެ. ދުރުން ބަލާލާއިރު ފަހަރެއްގައި އަޅައިނުގަތަސް، މުޅި ހެދުމުގައި ބޭނުންކޮށްފައިވަނީ ރަތް ފިނިފެންމަލުގެ ފިޔަ އެވެ. މި ފުރިހަމަ މަސައްކަތުގެ ފަހަތުގައިވަނީ ކުޅަދާނަ މޭކަޕް އާޓިސްޓް ނަދާ އާދަމް އެވެ.

ނަދާ މިފަހުން ފަހާފައިވާ ހެދުމެއް -- ފޮޓޯ: ރައުހަތު (ރޯޒް ފޮޓޯ)

އޭނާގެ ރަސްމީ ދާއިރާއަކީ ނަރުސްކަމެވެ. މިހާރުވެސް ނަރުސްކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންދާއިރު، އެނޫން ވަގުތުތަކަށް އޭނާ ހުސްކުރަނީ މޭކަޕް ކޮށްދިނުމުގަ އެވެ. އެކަމަކު މިފަހަރު މި ފާހަގަވީ އޭނާގެ ހެދުން ފަރުމާ ކުރުމާއި ފެހުމުގެ ހުނަރެވެ.

މި ނިމުނު ހަފްތާގައި އިންސްޓަގްރާމްއިން އެންމެ ފާހަގަކޮށްލެވުނު އެއް ފޮޓޯއަކީ ފޮޓޯގްރާފަރު އައިޝަތު ރައުފަތު އަދި މޭކަޕް އާޓިސްޓް ނަދާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޝޫޓަކުން ނަގާފައިވާ ފޮޓޯއެކެވެ. ރަތް ފިނިފެންމަލުން ފަރުމާކޮށްފައިވާ ހެދުމެއްގައި، މޮޑެލް އަފާ ޒަކީ ފެނިގެންދާ މި ފޮޓޯތަކަކީ ރަތް ފިނިފެންމަލުގެ ތީމަކަށް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައިވާ ޝޫޓެކެވެ.

ސޯޝަލް މީޑިއާގައި އޭނާގެ މޭކަޕްގެ މަސައްކަތްތައް "މޭކަޕް ބައި ނަންނަގެ" ނަމުން ފެންނަ ނަދާ ބުނާގޮތުގައި މި ހެދުމަކީ ދެ ދުވަހުގެ މަސައްކަތެކެވެ. ޕްލާސްޓިކް ފިނިފެންމަލުގެ 96 މަލުން ގާތްގަނޑަކަށް 2000 އެއްހާ ފިނިފެންމަލުގެ ފިޔަ މި ހެދުމުގައި ބޭނުންކޮށްފައިވާއިރު، ހެދުމާއި، މޭކަޕްއަކީވެސް ނަދާގެ މަސައްކަތެކެވެ.

މީގެކުރިންވެސް ތަފާތު މޮޑެލްއިން ބޭނުންކޮށްގެން އެކިއެކި ތީމްތަކަށް ފޮޓޯ ޝޫޓްތަކެއް ނަދާ ކުރިއަށްގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި، ނޫސް ކަރުދާހާއި، ގަސްގަހުގެ ފަތް، އަދި މޫވެސް ހިމެނެ އެވެ.

މޭކަޕް އެންޑް ޑްރެސް ނަދާ--- ފޮޓޯ: ސާލިހާޑޮޓްއެމްވީ

ނަދާއަށް މޭކަޕްގެ ތެރެއަށް ވަދެވުނީ 2014 ވަނަ އަހަރު އެވެ. ލަންކާއިން ބްރައިޑަލް މޭކަޕްގެ ޑިޕްލޮމާއެއް ހެދުމަށްފަހު ރަސްމީކޮށް މި މަސައްކަތުގެ ތެރެއަށް ވަދެވުނުއިރު، އޭނާގެ މަސައްކަތްތަކުގައި ތަފާތުކަމެއް ފާހަގަވެ އެވެ. ސްޕެޝަލް އެފެކްޓްސްއާއި، ކުރެހުމާއި، ތަފާތު މެޓީރިއަލްތަކުން ތީމް ބޭސްޑް ފޮޓޯޝޫޓްތައް ކުރިއަށްގެންދިއުމަކީ އޭނާގެ އެންމެ ބޮޑު ޕެޝަންއަށް މިވަނީ ވެފަ އެވެ.

އަމިއްލަ ހަރަދުގައި އެކި ކަހަލަ މެޓީރިއަލް ހޯދައިގެން މި މަސައްކަތް ކުރުމުން އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ ތަފާތު ކަމެއް ކުރެވުމެވެ. ގިނަފަހަރު ފޮޓޯ ޝޫޓްތަކުގައި ކޮންމެވެސް ރެޑީ މޭޑް ހެދުންތަކެއް ބޭނުންކުރާއިރު އަމިއްލައަށް ހެދުން ފަހައިގެން ބޭނުންކުރެވުމަކީ އޭނާގެ މަސައްކަތް ތަފާތުކުރާ ކަމެކެވެ.

ނަދާ ކޮށްފައިވާ މޭކަޕްއެއް-- ފޮޓޯ:އަހްމަދުސުނީފޮޓޯގްރަފީ

ނަދާ ބުނާގޮތުން ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް، ފޮޓޯތަކަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބަކީ މިގޮތުގައި ކުރިއަށް ދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ފެހުމަކީ އެނާ މީގެ ކުރިން ކުރިކަމެއް ނޫނެވެ. ނަމަވެސް މަންމަގެ ފަރާތުން ފެހުމުގެ މަސައްކަތްދަސްކޮށް މޭކަޕްގެ ދުނިޔޭގައި އޭނާ ޖައްސަމުންދާ ކުލަތަކަށް އިތުރުކުރީ އެވެ. ނަދާގެ ކޮންމެ މަސައްކަތެއްވެސް ވަރަށް ތަފާތެވެ. އޭނާގެ ހުނަރުވެރިކަން ވަރަށް ބޮޑަށްވެސް ފެނިގެންދެ އެވެ.

comment ކޮމެންޓް