އެލައިޑްގެ ޗެއާމަން ކަމުން ހިޔަލީ އިސްތިއުފާ ދެއްވައިފި

ހިޔަލީ ރަޝީދު: އޭނާ ވަނީ އެލައިޑްގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އަލައިޑް އިންޝުއަރެންސްގެ ޗެއާމަން ކަމުން މުހައްމަދު ރަަޝީދު (ހިޔަލީ) އިސްތިއުފާ ދެއްފައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ހަތަރު ދައުރު ފުރުއްވި ހިޔަލީ ރަޝީދު އެ މަގާމަށް އައްޔަން ކުރެވުނީ 2014 ޖެނުއަރީގައެވެ.

އެލައިޑުން ފޭސްބުކްގައި މިރޭ ކުރި ޕޯސްޓެއްގައި ވަނީ، ހިޔަލީ މިއަދު ޗެއާމަން ކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކޮށް، އޭނާގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

"ވޭތުވެދިޔަ ހަ އަހަރު ހިޔަލީ މި ކުންފުންޏަށްކޮށް ދައްކުވައިދެއްވި މިސްރާބައި ވެދެއްވި އަގު ނުކުރެވޭ ހިދުމަތްތަކަށް އަހަރުމެން އިހުލާސްތެރި ޝުކުރު ދަންނަވަން،" އަލައިޑުން ހިޔަލީގެ ފޮޓޯއާއެކު ކުރި ޕޯސްޓުގައި ބުންޏެވެ.

ކްލަބް ވެލެންސިއާ ހިންގެވުމުގައި 34 އަހަރު ހޭދަކުރައްވާފައިވާ ހިޔަލީ ރަޝީދު ވަނީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ހިޔަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ވުޖޫދަށް ގެނައުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ފަހުން ޕީޕީއެމްގެ ރަޖިސްޓްރާކަން ކުރެއްވި ހިޔަލީ ރިޔާސީ އިންތިހާބަށްފަހު ނޮވެމްބަރު 2018 ގައި ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

comment ކޮމެންޓް