މީރާގެ ކަލެކްޝަން ސެންޓަރެއް ވިލިނގިލީގައި ހުޅުވައިފި

މީރާގެ ކެލެކްޝަން ސެންޓަރު ހުޅުއްވައިދެއްވަނީ --- ފޮޓޯ/ ގއ. އަތޮޅު ކައުންސިލް އިދާރާ

މޯލްޑިވްސް އިންލޭންޑް ރެވެނިޔު (މީރާ)ގެ ކަލެކްޝަން ސެންޓަރެ ގއ. ވިލިނގިލީގައި ހުޅުވައިފި އެވެ.

މިއަދު ހެނދުނު އެ ރަށުގައި އެކަމައްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދެވެ.

ފުއާދު މިއަދު "ސަން" އަށް ވިދާޅުވީ، މީރާގެ ސެންޓަރު ހުޅުވިގެން ދިޔުމަކީ، އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސެންޓަރާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

"މިއީ މާލެއަށް ބަރޯސާ ނުވެ، އަތޮޅުގައި ތިބެގެން އަތޮޅުގެ ރައްޔިތުނަށް މީރާގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ސެންޓަރެއް. މި ސެންޓަރާއެކު އެތަށް ލުއި ފަސޭހައެއް އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ،" ފުއާދު ވިދާޅުވި އެވެ.

މީރާ ގއ. ކަލެކްޓިވް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ގއ. އަތޮޅު ކައުންސިލް އިދާރާ

މީގެ ކުރިން މީރާ ހިދުމަތްތައް ދެމުން އައީ އަތޮޅު ކައުންސިލް އިދާރާ އިން ކަމަށާއި އެ ހިދުމަތް ކުރިން ދިނުމުގައި ރައްޔިތުންނަށް އަތަށް އުދަނގޫތަކެއް ކުރިމަތިވި ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން ވިޔަފާރިވެރިން ޓެކްސްއަށް ފައިސާ ދެއްކި ނަމަވެސް މައި މަރުކަޒުގެ ސިސްޓަމަށް ފައިސާ ދެއްކިކަން އަޕްޑޭޓު ނުވުމުން އެތައް ވިޔަފާރިތަކެއް މީގެ ކުރިން ޖޫރިމަނާ ވެފައިވާ ކަމަށް ފުއާދު ފާހަގަ ކުރެއްވި އެވެ.

"ކުރިން ޓެކްސް ކްލިއަރެންސް ރިޕޯޓު ހޯދުމަށް ދާން ޖެހެނީ މާލެއަށް. މިހާރު އެ ހިދުމަތްތައްވެސް ލިބޭނެ. ޓެކްސް ފައިސާ ދެއްކުމުން ވަގުތުން ސިސްޓަމަށް އަޕްޑޭޓްވެސް ވާނެ،" ފުއާދު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން މީރާގެ ކުރީގެ މެނޭޖްމަންޓުގައި ސެންޓަރު ގާއިމުކުރުމަށް ވަރަށް ބޮޑަށް ބާރު އެޅި ކަމަށާއި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އާ މެނޭޖުމަންޓުން ކަލެކްޝަން ސެންޓަރު އެޅުމަށް މަގުފަހިކޮށްދިނުމުން އާ މެނޭޖްމަންޓަށް ޝުކުރު އަދާ ކުރަން،" ފުއާދު ވިދާޅުވިއެވެ.

މިރާ އިން ވަނީ މިފަދަ ސެންޓަރުތަކެއް ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ގާއިމުކޮށްފައެވެ. ގއ. އަތޮޅުގައި ހުޅުވި އެ ސެންޓަރަކީ މީރާގެ މިފަދަ 15 ވަނަ ސެންޓަރެވެ.

comment ކޮމެންޓް