ގްރޭޑް 9، 10 ގެ ދަރިވަރުންނަށް ގުރުއާން އިމްތިހާނު މަޖުބޫރުކުރުން މަޑުޖައްސާލައިފި

ސްކޫލް ދަރިވަރުންތަކެއް އެސެމްބްލީގައި: ގްރޭޑް 9 އަދި 10 ގެ ދަރިވަރުން ގުރުއާން އިމްތިހާނު މަޖުބޫރު ކުރުން މަޑުޖައްސައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީ ސްޓޭޖްގައި ހަތަރެއްގައި ކިޔަވަމުންދާ ގްރޭޑް ނުވައެއް އަދި 10 ގެ ދަރިވަރުން ގުރުއާން އިމްތިހާން އިށީނުން މަޖުބޫރުކޮށްފައި އޮތް އޮތުން އެޑިއުކޭޝަން މިނިސްޓްރީން މަޑުޖައްސާލައިފިއެވެ.

ދެ ގްރޭޑަށް މީގެ ކުރިން ގުރުއާން މާއްދާ ނޯވެއެވެ. އެ މާއްދާ ކިޔަވާމުދޭން ފެށީ މި ފެށުނު ދިރާސީ އަހަރުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގއި ބުނީ، ގައުމީ މަންހަޖެއް ތަންފީޒު ކުރުމާއި ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށާއި މަންޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު އެ މަންހަޖެއްގައިވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ކީ ސްޓޭޖުގައި ތިބި ދަރިވަރުންނަކީ، އެ ހުރިހާ މަރުހަލާތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށްވުމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމުގައި އާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކާ ކުރިމަތުވެފައިވާ ކަމަށެވެ.

އެހެން ކަމުން މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރުން ތިބީ އިމްތިހާނެއް ހަދަން ތައްޔާރުކެރެވިފައި ނުވާކަމަށް މިނިސްޓަރީގެ ސާކިއުލާގައި ބުނެއެވެ.

"މި ކަންކަމަށް ރިއާޔަތްކޮށް، ކީ ސްޓޭޖް ހަތަރެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކަނޑައަޅާފައިވާ އިމްތިހާންކުރުމުގެ އުސޫލަށް އަމަލުކުރަން ފަސް ކުރުމަށް ހަމަޖައްސާފީމެވެ،" އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސޮއިކޮށް ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި ބުނީ، އެގޮތަށް ނިންމާފައިވަނީ ދަރިވަރުންނާއި ބެލެނިވެރިނާއި މުދައްރިސުން އަދި ޕްރިންސިޕަލުންގެ އިތުރުން ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެ ނިންމުމަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް މަޝްވަރާކުރި ފަރާތްތަކުން ދެކޭ ކަމަށެވެ.

ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާ ކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ސާކިއުލާއިން ދެއްވިއެވެ.

އެސްއެސްއީ އިމްތިހާނުގައި ގުރުއާން މަޖުބުރު މާއްދާއެއްގެ ގޮތުގައި ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން އެކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ. ޖުމްލަ 18 ސުކޫލަކުން 400 ބެލެނިވެރިން ސޮއިކޮށްފައިވާ އެ ޕެޓިޝަން ބެލިނިވެރިންގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންގެ ތެރެއިން ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަން ޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މި މާއްދާ ހިމެނިފައި ނުވާއިރު ކުއްލިއަކަށް އެ މާއްދާ މަޖުބޫރު ކުރުމުން ދިމާވާނެ ދަތިތައް އެ ޕެޓިޝަންގައި ވަނީ ހިމަނަފާފައެވެ. އޭގެ އިތުރުން ދަރިވަރުން ގުރުއާން މާއްދާގެ އިމްތިހާނަށް ތައްޔާރުވެފައި ނެތުމުން އެ މާއްދާއަށް އިތުރު ވަގުތު ދޭން ޖެހި ކިޔަވަމުން ދާ އެހެން މާއްދާތަކަށް ބުރުއަރާ ކަމަށް ބެލެނިވެރިން ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާން އމްތިހާން މަޖުބޫރުކޮށްފައި އޮތް އޮތުން އެޑިއުކޭޝަނުނ މަޑުޖައްސާލިއިރު، ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުންވެސް މިނިސްޓްރީން އަމާޒުވިއެވެ. ނަމަވެސް އެކަން އޭރު މިނިސްޓްރީން ދޮގުކުރިއެވެ.

https://sun.mv/130979

comment ކޮމެންޓް