40 އަހަރުން ދަށުގެ މީހުންނަށް ހިމަބިހީގެ ވެކްސިންދޭން ފަށައިފި

ފެބްރުއަރީ 13، 2020: ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

މިހާރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިއްސާ ގުޅިގެން މާލޭ ސަރަހައްދުގައި އުޅޭ 40 އަހަރުން ދަށުގެ މީހުންނަށް ވެކްސިންދޭން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް 173 މީހުން ހިމަބިއްސަށް ޓެސްޓުކުރެވުނު ކަމަށާއި ނަަމަވެސް ބަލި ފެނުނީ އެންމެ 12 މީހުންގެ ގައިން ކަމަށެވެ. އެހެންކަމުން ބަލި އަދިވެސް ކޮންޓްރޯލް ނުކުރެވޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިއަދު މާލޭގައި ފެށި ވެކްސިން ޕްރޮގްރާމް ތިން މަސްދުވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ތިން މަސްދުވަސްތެރޭ ހިމަބިހީގެ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ޔުނިސެފުން 200،000 ވެކްސިން ޑޯޒް އަދި އިންޑިއާއިން 30،000 ޑޯޒް ލިިބިފައިވާ ކަމަށެވެ.

ވެކްސިން ކެމްޕޭންގައި ބިދޭސީންނަށްވެސް ވެކްސިން ދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތަންތަން

  • ދަމަނަވެށި
  • ސޯޝަލް ސެންޓަރު
  • ހުޅުމާލޭގައި ހުޅުމާލޭ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ( 2 ވަނަ ފަންގިފިލާ ރެޑްވޭވް މެގަމޯލް ކުރިމަތި)
  • ވިިލިމާލޭގައި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި

ހެލްތު މިނިސްޓްރީން ބުނީ މިމަހުގެ 23 އިން ފެށިގެން ވެކްސިން ކެމްޕެއިން މުޅިރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭރުން މާލެއާއި އަތޮޅުތެރޭގައި ކަނޑައެޅިފައިމިވާ އުމުރުފުރާގެ ވެކްސިން ފުރިހަމަނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް